އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރި ކުރުމުގެ މައްސަލައިގައި ހެކިބަސް ދެއްވި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް މުއައްވިޒް ރަޝީދަށް ވެސް ޕްރެޝަރުތަކެއް ކުރިމަތިވި ކަމަށް ބުނާ އޯޑިއޯއެއް ލީކް ކޮށްލައިފި އެވެ.

ސޯޝަލް މީޑިއާގައި މިއަދު ލީކޮށް ކޮށްލާފައިވާ 11 ވަރަކަށް މިނެޓްގެ އެ އޯޑިއޯގައި މުއައްވިޒް ކަމަށް ބުނާ މީހަކާއި އޭނާގެ ރަހުމަތްތެރިޔަކު ވަނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.

ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ކަމަށް ގިނަ މީހުން ބުނި ނަމަވެސް މުއައްވިޒް ކަމަށް ބުނާ މީހާ ބުނެފައިވަނީ، އޭނާ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައި ނުވާނެ ކަމަށެވެ. އެއާ ހިލާފަށް އޭނާ ހުރި މަޖުބޫރީ ހާލަތު ވަނީ ކިޔައި ދެއްވާފަ އެވެ.

"މަހުރީ މަގާމެއްގައި. މަގާމުގައި ހުއްޓައި ހިނގައި ދިޔަ ކަމެއް. މަ ހުރީ ރާއްޖޭގައި. ކޮންމެ ގޮތެއް ވިޔަސް މަށަކަށް ރާއްޖެއިން ބޭރަށް ދެވޭކަށް ނެތް. އެހެންވީމަ ކޮންމެ ގޮތެއްވިޔަސް ކޯޓަށް ކިޔައިފިއްޔާ މަ ދާން މަޖުބޫރުވާނެ،" މުއައްވިޒު ކަމަށް ބުނާ މީހާ ބުނެފައިވެ އެވެ.

އޭސީސީގެ ކުރީގެ ރައީސަކަށް ހުންނެވި ހަސަން ލުތުފީ އޭރު ހުންނެވީ ރާއްޖެއިން ބޭރުގައިކަން ފާހަގަކުރައްވައި މުއައްވިޒު ކަމަށް ބުނާ މީހާ ބުނެފައިވަނީ، ލުތުފީއަށް ހެކިބަސް ނުދީ ހުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ރާއްޖެއިން ބޭރުގައި ދިރިއުޅުމުގެ ތަނަވަސްކަމެއް މުއައްވިޒްގެ ނެތް ކަމަށް ލީކްވި އޯޑިއޯގައި، މުމުއައްވިޒު ކަމަށް ބުނެފައިވެ އެވެ.

ކޯޓަށް ގެންދިއުމުން އޭނާ ކިޔައިދީފައިވާނީ ކަން ހިނގައިދިޔަ ގޮތް ކަމަށާއި ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފައި ނުވާނެ ކަމަށް މުއައްވިޒު ކަމަށް ބުނާ މީހާ ބުނެ އެވެ.

އެހެން ނަމަވެސް ރައީސް އޮފީހުގައި އޭރުގެ ރައީސް ޔާމީނާ ބައްދަލުވި ކަމަށް ބުނެ ހެދީ ދޮގެއް ކަމަށް ވެސް މުއައްވިޒު ކަމަށް ބުނާ މީހާ ބުނެއެވެ.

ރައީސް ޔާމީންގެ އަތުގައި ހުރި ފައިސާ ދައުލަތަށް ނަގަން ޖެހޭނެ ކަމަށް އޭރު އޭސީސީން ނިންމާފައި ނުވާނެ ކަމަށް ވެސް އޭނާ ބުނެއެވެ. އަދި އޭރު ރައީސް ޔާމީނާ ސުވާލުކޮށްފައި ނުވަނީ، އެ މައްސަލައިގައި ރައީސް ޔާމީނަށް ތުހުމަތު ނުކުރެވޭތީ ކަމަށް ވެސް މުއައްވިޒު ކަމަށް ބުނާ އަޑު އިވެއެވެ.

"ގާތްގަނޑަކަށް ހަތަރު ގަޑިއިރެއްގެ ހެކި ބަހުގެ ތެރެއިން އައި ވަރަށް ބައިވަރު ކަންތައް،" މުއައްވިޒު ކަމަށް ބުނާ މީހާ ބުނެފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ޕްރެޝަރު އައިތޯ ރަހުމަތްތެރިއާ އަހައެވެ.

"ޕްރެޝަރު ހުރި ކޮންމެވެސް ވަރަކަށް. އެވާ ގޮތަކީ ގައުމުގައި ހުރީމަ ޕްރެޝަރު ހުންނާނެ ތާ،" މުއައްވިޒު ކަމަށް ބުނާ މީހާ ބުނެއެވެ.

ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމަށް އޭސީސީން އެދިފައި ނުވާތީ ދައުލަތުން އޭނާއާ ސުވާލު ކުރި ކަމަށް މުއައްވިޒު ކަމަށް ބުނާ މީހާ ބުނެ އެވެ. ނަމަވެސް އެކަން ކޮށްފައި ނުވަނީ އެކައުންޓް ފްރީޒް ކުރަން ޖެހޭ އެއްވެސް ހާލަތެއް ނެތުމުން ކަމަށް ވެސް އޭނާ ބުނެއެވެ.

"ދައުލަތުން ވެސް ރުޅި އައި މަ އެވާހަކަ އެގޮތަށް ދެއްކީމަ،" މުއައްވިޒު ކަމަށް ބުނާ މީހާ ބުނެފައިވެ އެވެ.

ދައުލަތުން ބޭނުންވަނީ ރައީސް ޔާމީނަކީ ކުށްވެރިއެއް ކަމަށް އޭނާގެ ދުލުން ބުނަން ކަމަށް މުއައްވިޒު ކަމަށް ބުނާ މީހާ ބުނެއެވެ. އެހެން ނަމަވެސް އޭނާ އެކަން ކޮށްފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ދައުލަތުގެ ފަރާތުން މުއައްވިޒު ހެއްކެއްގެ ގޮތުގައި ހުށަހެޅީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމަށް ހެދި އެސްކްރޯ އެއްބަސްވުމާއި އެ އެއްބަސްވުމާ ގުޅިގެން އަމަލު ކުރި ގޮތުގެ ތަފްސީލާ ބެހޭ ގޮތުން ސުވާލު ކުރުމަށެވެ. އަދި އެ އެއްބަސްވުން ހެދިކަން ސާބިތު ކުރުމަށެވެ.

މުއައްވިޒު އޭރު ކޯޓުގައި ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ވަން ފައިސާއާ ގުޅިގެން އެމަނިކުފާނުގެެ ބަޔާން ނެގުމުން ވިދާޅުވީ، އެއީ ސިޔާސީ ކަންކަމަށް އަދީބު ދެއްވި ފައިސާ ކަމަށެވެ.