ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމަށްވުރެން ބޮޑު އަނިޔާވެރިޔަކު އަދި ބޮޑު ވގއ ރާއްޖޭގައި ވެރިކަން ކުރައްވާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީގެ) ލީޑަރު އަދި ރައްިޔތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، މަނިލޯންޑާ ކުރުމުގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް ފަސް އަހަރު ދުވަހުގެ ހުކުމް އިއްވި ފަނޑިޔާރުގެ ބެންޗުގައި ހިމެނި ވަޑައިގެންނެވި ފަނޑިޔާރުންތަކަކަށް ބިރު ދައްކައި ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަޖިލީހުގައި ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ނިޒާމީ މައްސަލަ ނަންގަވައި އިދިކޮޅު ބައެއް މެންބަރުން ރައީސް ޔާމީންގެ މައްސަލަ ނަންގަވައި ވާހަކަ ދައްކަވަމުން ގެންދެވުމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވައި ގާސިމް ވިދާޅުވީ، މެންބަރުން ނިޒާމީ ނުކުތާ ނަންގަވަނީ އެމެންބަރަކު ބޭނުން ވާހަކައެއް ދެއްކެވުމަށް ކަމަށެވެ.
އެގޮތުން ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދައްކަވަން ތަކުރާރުކޮށް މަސައްކަތް ކުރަން ފައްޓަވާއިރަށް ނިޒާމީ މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ރިޔާސަތުން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ގާސިމްގެ ވާހަކަ ހުއްޓުވަމުން ގެންދަވާތީ، ނިޒާމީ އިތުރު ނުކުތާއެއް ނަންގަވައި ގާސިމް ވިދާޅުވީ، ރައީސް ޔާމީންހާ އަނިޔާވެރި އަދި ބޮޑު ވގއ ރާއްޖޭގެ ތާރީހުގައިވެސް ވެރިކަން ކުރައްވާފައި ނުވާ ކަމަށެވެ.
ރައީސް ޔާމީން 2023 ވަނަ އަހަރު ވެރިކަމަށް ގެނަައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ގާސިމް އިބްރާހީމެވެ. އެހެންކަމުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ ހިމެނޭ ކޯލީޝަނަކުންނެވެ. ނަމަވެސް ފަހުން ހިޔާލު ތަފާތުވުން ބޮޑުވެ ކޯލީޝަން ރޫޅި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކޮށް ގާސިމް ހައްޔަރު ކުރިއެވެ.
އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ދިން އަނިޔާއެއް ކަން ފާހަގަ ކުރައްވައި، މިއަދުގެ ޖަލްސާގައި ގާސިމް ވިދާޅުވީ، އޭނާ ޖަލަށް ލުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ހުކުމް ކުރީ ކޯޓަށް ހާޒިރުވެސް ނުކޮށް ކަމަށެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ކޯޓަށް ހާޒިރު ކޮށް މައްސަލަ ކުރިއަށް ގެންދަނިކޮށް ހޭނެތިގެން ވެއްޓުމުގެ ސަބަބުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، އެފަހަރު އޭނާއަށް ހުކުމް ކުރީ ކޯޓަށް ހާޒު ނުކޮށް ހޮސްޕިޓަލްގައި އޮއްވައި ކަމަށެވެ.
އެރޭ ދަންވަރު ކޯޓުން ހުކުމް ކުރީ ކޮން ބައެއްގެ ނުފޫޒުން ތޯ އެ ފަނޑިޔާރުންނާ ސުވާލު ކުރުން ރަނަގަޅުވާނެ ކަމަށްވެސް ގާސިމް މިއަދު ވިދާޅުވިއެވެ. އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ މިއަދު އަޑުގަދަ ކުރާ މީހުން އެދުވަހު ކޮބައިތޯ އާއި އެދުވަހު އެމީހުން ތިބީ އެއްޗެއް ނުބުނެ މަޑުން ކަަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް