އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން، ޔޫކޭގެ ކޮވިޑް ރެޑް ލިސްޓް ގައުމުތަކަށް މެޗު ކުޅެން ދާ ކުޅުންތެރިންނަށް ލުއި ގޮތެއް ހޯދައި ނުދެވި، އިންޓަނޭޝަނަލް ބްރޭކަށްފަހު ބައެއް ކުޅުންތެރިންނަށް ލީގު މެޗުތައް ގެއްލުމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޕްރިމިއާ ލީގު ކްލަބުތައް އެކުވެ، އިންޓަނޭޝަނަލް ބްރޭކަށް ޔޫކޭ ރެޑް ލިސްޓް ގައުމުތަކުގެ ކުޅުންތެރިން ނުފޮނުވަން ނިންމި ނަމަވެސް އެކަމަށް ގައުމީ ޓީމުތަކުން އެއްބަސްވެފައެއް ނުވެއެވެ. އަދި ފީފާގެ އުސޫލުތައް ބުނެފައި ވަނީ ގައުމީ ޓީމުތަކަށް ކުޅުންތެރިން ފޮނުވޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ރެޑް ލިސްޓް ގައުމުތަކަށް ދާ ކުޅުންތެރިންނަށް ރަނގަޅު ގޮތެއް ހޯދުމަށް ފީފާގެ ރައީސް އިންފެންޓީނޯ ވަނީ އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ކިބައިން އެދިވަޑައިގެންފައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީގައި ވަނީ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަ ހުއްދައެއް ދީގެން ވެސް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ހަދައިދޭން އެދިވަޑައިގެންފައެވެ.

"ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެއް. ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ވެސް ކުރަން ޖެހޭ ކަމެއް. އަހަރެންގެ ވަރަށް ބޮޑު އެދުމެއް ހައްލުތަކެއް ހޯދައިގެން ވެސް ގައުމީ ޓީމުތަކަށް ކުޅުންތެރިން ދޫކޮށްދިނުމަކީ. ފުޓްބޯޅަ އަށް އިތުރު ގެއްލުންތަކެއް ވާކަށް ނޭދެން،" އިންފަންޓީނޯ ކުރިން ވިދާޅުވެފައިވެއެވެ.

މިދިޔަ އަހަރު ފީފާ އިން ކަނޑައެޅި ވަގުތީ އުސޫލެއްގެ ދަށުން ކޮވިޑްގެ ކަންކަން އޮތް ގޮތުން އޭރުގެ ހާލަތަށް ބަަލައި ކްލަބްތަކުން ބޭނުން ނުވާ ނަމަ ގައުމީ ޓީމަށް ކުޅުންތެރިން ރިލީސް ނުކުރުމުގެ އިހުތިޔާރު އޮތީ ދީފަ އެވެ. އެހެން ނަމަވެސް މިހާރު އެ އުސޫލަށް އަމަލުކުރުން ހުއްޓާލާން ނިންމާފައިވާއިރު، ކުރިއަށް އޮތް ގައުމީ ޓީމުތަކުގެ މެޗުތައް ކުޅެން ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން ފީފާ އުސޫލުގެ ދަށުން ކްލަބްތަކަށް މަޖުބޫރުވާނެ އެވެ.

ޕްރިމިއާ ލީގު ކުޅުންތެރިންގެ ތެރެއިން ދެކުނު އެމެރިކާ ގައުމުތަކުގެ އިންޓަނޭޝަނަލް ބްރޭކަށް ދާ ކުޅުންތެރިންނަށް އިތުރު މެޗުތަކެއްވެސް މިހާރު އޮތް ގޮތުން ކުޅެން ޖެހޭނެއެވެ. ކޮވިޑް 19ގެ ސަބަބުން ކެންސިލްވި ބައެއް މެޗުތައް މި ފަހަރު ކުޅުމަށް ފީފާއިން އެ ބަައްރުގެ އިންޓަނޭޝަނަލް ބްރޭކް ދިގު ކޮށްލާފައިވުމާއެކު ބައެއް ކުޅުންތެރިންނަށް ކަރަންޓީނާ ހެދި ލީގު މެޗުތައް މިހާރު ގެއްލޭނެއެވެ.

ޔޫކޭގެ އުސޫލުތައް ބުނާ ގޮތުން ރެޑް ލިސްޓް ގައުމަކަށް ގޮސްފިނަމަ، އެނބުރި ޔޫކޭއަށް އެތެރެވާއިރު، ސަރުކާރުން ހާއްސަކޮށްފައިވާ ފެސިލިޓީއެއްގައި 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހޭނެއެވެ. އެފަދަ ކަންކަން ހުރުމުން އުރުގުއޭގެ ސްކޮޑަށް ނެގި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވަޑް އެޑިސަން ކަވާނީ ގައުމީ ޓީމަށް ނުގެންދަން އެގައުމުން ވަނީ ނިންމާފައެވެ.

ދެކުނު އެމެރިކާގެ އިންޓަނޭޝަނަލް ބްރޭކް އިތުރުން ދެ ދުވަހަށް ފީފާއިން އިތުރު ކޮށްފައިވާއިރު، ދެކުނު އެފްރިކާގެ ގައުމުތައް ކަމަށްވާ އެކުވެޑޯ، ޕެރޫ، ބޮލީވިއާ އަދި އުރުގުއޭއާއި އާޖެންޓީނާ އަދި ބްރެޒިލަކީވެސް ޔޫކޭގެ ރެޑް ލިސްޓް ގައުމުތަކެވެ. ޕްރިމިއާ ލީގުގެ ކުޅުންތެރިން ކަމަށްވާ ޓޮޓެންހަމްގެ ޖިއޮވާނީ ލޮ ސެލްސޯއާއި ކްރިސްޓިއަން ރޮމޭރޯ އާޖެންޓީނާއަށް ދާން ޖެހުމުން ސްޕާސްގެ މެޗުތައް ގެއްލޭނެއެވެ.

އޭގެ އިތުރުން އެސްޓޮން ވިލާގެ ގޯލްކީޕަރު އެމި މާޓިނޭޒްއާއި މިޑްފީލްޑަރު އެމި ބުއެންޑިއާ އަށްވެސް އިންޓަނޭޝަނަލް ބްރޭކުގެ ސަބަބުން މެޗުތައް ގެއްލޭއިރު، އެ ދެކުޅުންތެރިން އެއް މެޗު ނުކުޅެ އެނބުރި ޔޫކޭއަށް އަންނަ ގޮތަށް މިހާރު ވަނީ ގައުމީ ޓީމުން އެއްބަސްވެފައެވެ. އެހެން ނަމަވެސް އެޓީމުން ސެޕްޓެންބަރު 11 ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް މެޗު ގެއްލޭނެއެވެ.

އޭގެ އިތުރުންވެސް ދެކުނު އެމެރިކާގެ ކުޅުންތެރިންނަށް މިފަހަރުގެ އިންޓަނޭޝަނަލް ބްރޭކް ވެގެންދާނީ އުނދަގޫ އިންޓަނޭޝަނަލް ބްރޭކަކަށެވެ. ސްޕެނިޝް ލީގުގައި ކުޅޭ ކުޅުންތެރިންނަށްވެސް ގައުމީ ޓީމުތަކަށް ގޮސްފައި އައިސް ކަރަންޓީނުވާން މިހާރު މަޖުބޫރުވާނެއެވެ.