ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަންކޮށް، ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފިއެވެ.

ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން މިރޭ ބޭއްވި ކުއްލި ބައްދަލުވުމަށް އެ ގަރާރު ހުށަޅުއްވީ ޕީޕީއެމްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވެވި ކުރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއްގެ އޯޑިއޯތަކެއް ލީކުވެފައިވާތީ، އެކަމާ ގުޅިގެން ހުށަހެޅި އެ ގަރާރުގައި ބުނެފައި ވަނީ, ރައީސް ޔާމީނަށް ހުކުމް އިއްވެވި ތިން ފަނޑިޔާރަކު، އެ ހުކުމަކީ ގަދަބާރުން އެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވައި ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރެވިފައިވާ ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުންވެސް ގަބޫލުކުރާކަން މިއަދު ރައްޔިތުންނަށް ހާމަވެ، ސަރުކާރު ފަލީހަތްވެފައިވާ ކަމަށެވެ

އެހެންކަމުން އެ ހުކުމަކީ ޣައިރުގާނޫނީ ހުކުމެއް ކަމަށް ފަނޑިޔާރުންގެ ބެންޗުގެ އަގުލަބިއްޔަތު ބުނަމުންދާތީ, އެ ހުކުމަކީ ބާތިލު ހުކުމެއް ކަމަށް ކަނޑައެޅުމާ އެކު, މިހާރުން މިހާރަށް ރައީސް ޔާމީން އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ގޮވާލާ ކަމަށް އެ ގަރާރުގައިވެއެވެ.

އެ ގަރާރަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ.

އެ އިސްލާހުގައި ބުނަނީ، ރައީސް ޔާމީނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބިފައިވާ ގެއްލުންތަކާއި ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ހައްގުތައް ފޭރިގެންފައިވާތީ އެކަމުގެ ބަދަލު އެމަނިކުފާނަށް ދެއްވުމަށް އެދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލުމަށެވެ.

ނަރީޝް ހުށަހެޅުއްވި އިސްލާހަށް ކައުންސިލްގެ ދެ މެމްބަރަކު ތާއީދު ކުރެއްވުމުން، އެ އިސްލާހާ އެކު ގަރާރު ފާސްކޮށްފައި ވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.