ދ. މާއެނބޫދޫ

މެއްކު ޖަމިއްޔާއިން މާއެނބޫދޫ ސްކޫލް ލައިބްރަރީ ގައި "އިސްލާމިކް ކޯނަރ"އެއް ގާއިމުކޮށްދީފި

މާއެނބޫދޫ މެއްކު ޖަމިއްޔާއިން އެ ރަށު ސްކޫލް ލައިބްރަރީ ގައި "އިސްލާމިކް ކޯނަރ"އެއް ގާއިމު ކޮށްދީފި އެވެ. "ފަނާރީ ދާލަ"އިގެ ނަމުގައި ގާއިމު ކުރި މި އިސްލާމިކް ކޯނަރ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިދިޔަ ހުކުރު ދުވަހު މެންދުރުފަހު މާއެނބޫދޫ ސްކޫލް ގޯތި ތެރޭގަ އެވެ.

ފަނާރީ ދާލަ އިފްތިތާހު ކޮށްދެއްވީ މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސައީދު އެވެ.

މެއްކު ޖަމިއްޔާއިން "ވަން" އަށް" މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ، ފަނާރީ ދާލަ އިފްތިތާހު ކުރުމުގެ ގޮތުން ސްކޫލަށް 350 ފޮތް ހަދިޔާ ކޮށްފައިވާ ކަމަށެވެ. މި ހުރިހާ ފޮތްތަކަކީ ވެސް އިސްލާމް ދީނާ ގުޅޭ އެކި އެކި މައުޟޫތަކަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ ތައުލީމީ ރަނގަޅު ޖީލެއް ބިނާ ކުރުމުގެ އެންމެ މުހިންމު އެއް މަރުހަލާ އަކީ އިސްލާމީ ރަނގަޅު ތަރުބިއްޔަތު ލިބުން ކަމަށް. އެ ތަރުބިއްޔަތު ހޯދައިދިނުމަށް އެންމެ މުހިންމު އެއް ކަމަކީ ދީނީ ސައްހަ މައުލޫމާތު ހޯދައިދިނުން. އެކަން ކުރެވޭނީ މައުލޫމާތު ލިބޭނެ ވަސީލަތްތައް ގާއިމުވެގެން. ދީނީ އެކިއެކި މައުޟޫތަކަށް ލިޔެ ޝާއިއުކޮށްފައި ހުންނަ ފޮތްތައް ސްކޫލުތަކުގެ ލައިބްރަރީތަކުގައި ވަރަށް މަދުކަން ފާހަގަ ކުރެވޭ. އަޅުގަނޑުމެންގެ އުއްމީދަކީ މި ފޮތްތަކުގެ އެހީގައި ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުންނަށް ފައިދާތަކެއް ކުރުން." މެއްކުގެ އޮފިޝަލު ވިދާޅުވި އެވެ.


ފަނާރީ ދާލަ އިފްތިތާހު ކުރުމަށް ޓަކައި ހަދިޔާކުރި ފޮތްތަކުގެ ތެރެއިން 300 އަށްވުރެ ގިން ފޮތް ހަދިޔާކުރެއްވީ ޝަރަފުވެރިކަމުގެ އިނާމާއި ގައުމީ އިނާމުވެސް ލިބިވަޑައިގެންފައިވާ، އަދި ދީނީ މައުޟޫތަކަށް ރާއްޖޭގައި އެންމެ ގިނަ ފޮތް ލިޔުއްވައި ޝާއިއުކުރެއްވާފައިވާ އަބްދުﷲ ފާރޫޤް ހަސަން ކަން ފާހަގަ ކުރައްވައި މެއްކު ޖަމިއްޔާއިން ވަނީ އޭނާ އަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވައިފަ އެވެ.

"ފާރޫޤް ހަސަން ވަނީ މުޅީން އާ 300 އަށްވުރެ ގިނަ ފޮތް ހަދިޔާކުރައްވާފައި. އަގުގެ ގޮތުން ބަލައިފި ނަމަ މިއީ ވަރަށް ގިނަ އަދަދެއްގެ ފައިސާ. އެހެން ކަމުން އަޅުގަނޑުމެންގެ ވަރަށް ހާއްސަ ޝުކުރެއް އޭނާއަށް އަރިސްކުރަން." މެއްކުގެ އޮފިޝަލު ވިދާޅުވި އެވެ.

ފަނާރީ ދާލަ އިފްތިތާހު ކުރުމަށް ބޭއްވި މި ހަފުލާގައި މާއެނބޫދޫ ސްލޫލުގެ ޕްރިންސިޕަލް އަލީ މުފީދާއި ކައުންސިލްގެ ރައީސް ޔޫސުފް ސައީދުގެ ވާހަކަދެއްކެވި އެވެ. މި ހަފުލާގައި ސްކޫލުގެ މުދައްރިސުންނާއި މުވައްޒަފުން އަދި ޕީޓީއޭގެ މެންބަރުން ގެ އިތުރުން މެއްކުގެ ހިންގާ ކޮމެޓީގެ މެންބަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.