ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފެންވަރުގެ ހަރަކާތްތަކެއް ހިންގަން ތައްޔާރުވަމުން އަންނަ ކަމަށާއި، ހުރިހާ ރައްޔިތުންވެސް އެކުގައި ފުޓުބޯޅަ ފޯރި އަލުން ގެންނަން މަސައްކަތް ކުރުމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޮވާލައްވައިފިއެވެ.
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ފަރިތަކުރުންތައް ފަށާފައެވެ. އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރަން ރާއްޖޭގެ ޓީމުން ނުކުންނައިރު، އެ ފަރިތަކުރުންތައް ބައްލަވައިލައްވަން ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެންމެ މުހިއްމު ކަމަކީ ގައުމީ ޖޯޝުގައި ކުޅުންތެރިން ފެނިގެން ދިއެން ކަމަށެވެ.
"އެންމެ މުހިއްމު ކަމަކީ ގަައުމީ ޖޯޝުގައި، ގައުމީ ރޫހުގައި ހުރިހާ ކުޅުންތެރިން ތިބިތަން ފެނިގެން ދިއުން. މުބާރާތް ކާމިޔާބު ކުރުމަށް ޓަކައި ބޭނުންވެފައިވާ ކަން ހުރިހާ ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދޭ. މިއީ ރަނގަޅު ފާލެއް. ކޯޗިން ސްޓާފުންގެ ފަރާތުންވެސް ފެނިގެން ދިޔައީ މި ލިބުނު ފުރުސަތުގައި ރާއްޖެއަށް ރީތި ނަމެއް ހޯދައިދޭން މަސައްކަތް ކުރާނެކަން،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ތަށި ދިފާއު ކުރަން ނުކުތުމަކީ ޗެލެންޖެއް، އަދި ޕްރެޝަރެއް ކަމަށާއި، ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ދިވެހި ރައްޔިތުން އެންމެ ބޭނުންވާ އެއް ތަށި ކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި މުބާރާތް ބޭއްވުމަކީ އަދި އެކަމަށް އިތުރަށް ބޭނުންވާނެ ކަމެއް ކަމަށްވެސް ބައްސާމް ފާހަގަކުރެއްވިއެވެ.
ސާފް ޗެމްޕިއަންޝިޕަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، މާކެޓިން ކަންކަން ހަވާލު ކޮށްފައި ވަނީ ރާއްޖޭގެ ކުޅަދާނަ މާކެޓިން ކުންފުނި ނޯވާ އެސޯސިއޭޓްސްއާ އެވެ. އެ ކުންފުނީގެ ފައުންޑަރަކީ ނިއުޝާދު ޝަރީފެވެ. ބައްސާމް ވިދާޅުވީ ސާފް ޗެމްޕިއަންޝިޕްގެ ފޯރި އުފެއްދުމަށް އަންނަ މަހު އަށްވަނަ ދުވަހުން ފެށިގެން ވަރުގަދަ ކެމްޕޭނެއް ފެށިގެންދާނެ ކަމަށާއި، ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން އެކި ފެންވަރުގެ ބޭފުޅުން އެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
"ސެޕްޓެންބަރު އަށްވަނަ ދުވަހުން ފެށިގެން ވަރަށް ވަރުގަދަ ކެމްޕޭނެއް ފެށިގެންދާނެ. އިރާދަކުރެއްވިއްޔާ ގައުމުގެ ރައީސުލް ޖުމްހޫރިއްޔާއިން ފެށިގެން އާންމުންނާ ހަމައަށްވެސް އެ ކެމްޕޭނު ކުރިއަށް ދާނެ. ގައުމީ ކެމްޕޭނެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގެ ކެމްޕޭނު ފެށިގެންދާނީ. އަޅުގަނޑުމެން ބޭނުން ވަނީ މުބާރާތް ތެރޭގައި، އަދި ތައްޔާރީތަކުގެ ތެރޭގައި ގައުމު އެއްބައިވަންތަ ކުރުން. އަޅުގަނޑު ބޭނުންވޭ ރާއްޖޭގެ ހުރިހާ ގެއެއްގަވެސް ގައުމީ ދިދަ ނެގިގެން ދިއުން،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ޓީމުތަކުން ރަށްރަށަށް ދަތުރުކޮށްގެންވެސް ގައުމީ ޓީމުގެ ރޫހު އުފައްދަން ހާއްސަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، ހުރިހާ ރައްޔިތުން އެކަންކަމުގައި ބައިވެރިވުން މުހިއްމު ކަމަށެވެ.
"ކައުންސިލްތަކާ އެކުވެސް މަޝްވަރާ ކުރާނެ. ދެން މާކެޓިން ޓީމުތައްވެސް ހަތަރު ފަސް ސަރަހައްދަކަށް ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައި. ކުރު މުއްދަތެއް މިއޮތީ ލިބިފައި. ވަރަށް ފޯރިގައި ވަރަށް ވަރުގަދައަށް ޖައްސައިގެން މިކަން ވާނީ. އަޅުގަނޑު އެދެނީ އަޅުގަނޑުމެންގެ ޓީމަށް ނުދެވުނަސް ގައުމީ ޓީމަށް ސަޕޯޓު ކުރުމަށް އެކިއެކި ހަރަކާތްތައް ރަށްރަށުގައި ހިންގުން. މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފަރާތުން ގައުމީ ޓީމަށް ތަރުހީބު ބޭނުންވޭ،" ބައްސާމް ވިދާޅުވިއެވެ.
ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު އެއްވަނަ ދުވަހު ފަށާނީ ގައުމީ ފުޓުބޯޅަ ދަނޑުގައެވެ. މިއީ ރާއްޖެއިން ސާފް މުބާރާތް ހޯސްޓް ކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން ލަންކާއާއެކު ހޯސްޓް ކުރީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތް ރާއްޖެއިން ކާމިޔާބު ކޮށްފައިވާއިރު، ފައިނަލް ކުޅުނީ ލަންކާގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު