ކުޅިވަރު

ކޭން ނިންމީ މަޑުކުރަން، ސިޓީއަށް ދެން އޮތް ޗޮއިސްއަކީ ރޮނާލްޑޯ؟

މުޙައްމަދު ޝަމްޢޫން

އިނގިރޭސިވިލާތުގެ ފޯވަޑް ހެރީ ކޭން، ޓޮޓެންހަމްގައި މަޑުކުރާނެކަން އިއުލާން ކުރުމާއެކު މެންޗެސްޓާ ސިޓީއަށް ފޯވަޑެއް ހޯދުމުގެ މަސައްކަތުގައި އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ.

މެންޗެސްޓާ ސިޓީން މި ޓްރާންސްފާ ސީޒަންގައި ފޯވަޑެއް ހޯދުމަށް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ޓްރާންސްފާ ސީޒަން ފެށުނީއްސުރެ އެޓީމުން އެންމެ ގާތުން ބަލަމުންދިޔަ ފޯވަޑަކީ ޓޮޓެންހަމްގެ ކޭންއެވެ. ކޭން އަމިއްލައަށް ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައިވާ އޮތްއިރު، ސިޓީން ވަނީ ކޭން ހޯދުމަށް އަގު މަތި ދެ ބިޑެއްވެސް ހުށަހަޅާފައެވެ. ޓޮޓެންހަމްއިން ވަނީ ދެ ބިޑަށްވެސް ނޫނެކޭ ބުނެފައެވެ.

ކޭން އަމިއްލަ އަށް ދާން ބޭނުންވާކަން ކްލަބަށް ރަސްމީކޮށް އެންގި ނަމަވެސް ޓޮޓެންހަމްގެ ބޯޑުން ތަކުރާރުކޮށް ބުނެފައި ވަނީ ކޭންއަށް ނުދެވޭނެ ކަމަށެވެ. ކޭން މިއަދު ބުނެފައި ވަނީ ކްލަބާއެކު އެއްވެސް ދެބަސްވުމަކަށް ގޮސް، ކްލަބަށް އިހުތިރާމު ކުޑަ ނުކުރާނެ ކަމަށާއި، ކުރިއަށް އޮތް ސީޒަނުގައި ކްލަބުގައި މަޑުކުރާނެ ކަމަށެވެ.

ހަބަރުތައް ބުނެފައިވާ ގޮތުގައި ސިޓީން ކޭން ހޯދަން ފުރަތަމަ 120 މިލިއަން ޕައުންޑް ހުށަހެޅިއިރު، ފަހުން ވަނީ 150 މިލިއަން ޕައުންޑުވެސް ހުށަހަޅާފައެވެ. އެއަގަށްވެސް ކޭން ފޮނުވާލަން ބޯޑުން އެއްބަހެއް ނުވިއެވެ. އަދި ސިޓީން ކޭންގެ ޓްރާންސްފާއަށް ފުރުސަތު ފަހިކުރުމަށް ޓޮޓެންހަމްއަށް ބައެއް ކުޅުންތެރިން ހުށަހެޅި ކަމަށްވެސް ހަބަރުތައް ބުނެއެވެ. އެގޮތުން ކޭންގެ ޑީލްގެ ތެރޭގައި ގެބްރިއަލް ޖީސަސް އާއި ރަހީމް ސްޓާލިން ހިމަނައިގެން ބިޑު ކާމިޔާބު ކުރުމަށް ސިޓީން މަސައްކަތް ކުރި ކަމަށްވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ކޭން ނުލިބުމުން ސިޓީން ފޯވަޑެއް ހޯދުމަށް ކުރަމުން އައި މަސައްކަތުގެ މިސްރާބު ވަނީ ބަދަލުވެފައެވެ. އިތުބާރު ހުރި ބައެއް ނޫސްތަކުން ބުނެފައި ވަނީ ސިޓީއަށް ދެން އޮތް އެންމެ ބޮޑު ފުރުސަތަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުން ކަމަށެވެ. ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަން ބޭނުންވެ އެކަމަށް ކްލަބުގައި އެދުމަށް މަސައްކަތް ކުރާއިރު، ސިޓީއަކީ ރޮނާލްޑޯ ހިތްހަމަ ޖެހޭ ކްލަބެއް ކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ޓްރާންސްފާ ސީޒަންގައި ބާކީ އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ޔުވެންޓަސް ދޫކޮށްލަން ރޮނާލްޑޯ ބޭނުން ވެފައި ހުރި ކަމަށް ނޫސްތަކުން ބުނެފައިވާއިރު، ރޮނާލްޑޯ ހޯދަން އަދި ރަސްމީކޮށް އެއްވެސް ކްލަބަކުން މަސައްކަތް ކޮށްފައެއް ނުވެއެވެ. ދުނިޔޭގެ ރެކޯޑު ގޯލް ޖެހުންތެރިޔާ ރޮނާލްޑޯ، އިޓަލީ ލީގު ދޫކޮށް ޕްރިމިއާ ލީގަށް ދާން މަސައްކަތް ކުރަމުން އަންނައިރު، ސިޓީން އެލާޓުގައި ތިބޭނެކަން ޔަގީނެވެ.