ދުނިޔޭގެ ކޮންމެ ހިސާބަކަށް ނަޒަރު ހިންގާލިޔަސް މަހުޖަނުންނަށް މޮޅު ގޮތް ފަހިކޮށްދީ، ނިކަމެތި މީހާ އިތުރަށް ނިކަމެތިކޮށްލާ ވާހަކަ މިއީ ވަރަށް އާންމު އެހެނަސް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާ ވާހަކައެކެވެ. 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 15 ޕަސެންޓް އާއިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ އެ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.
ހަމަ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖޭގައި ކަނޑައަޅާފައި އޮންނަ މިންގަނޑުން ނަމަ ބޮލަކަށް ދުވާލަކަށް 74 ރުފިޔާ ނުލިބޭ ނަމަ އެއީ ފަގީރެއް ކަމަށެވެ. ކަން މިހެން އޮތް އިރު ދުވާލަކަށް 74 ރުފިޔާ ބޮލަކަށް ނުލިބޭ 15 އިންސައްތަ މާލޭގައި ދިރިއުޅެމުންދާއިރު، ނިކަމެތި އާއިލާތައް އިތުރަށް ފަގީރުވާން ދޫކޮށްލައި، ހުޅުމާލެ ދެވަނަ ފިޔަވަހިން ނިކަމެތި މީހާއަށް ގޯތި ދިނުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެ މަހުޖަނުންގެ ވިޔަފާރިތައް އިތުރަށް ފުޅާ ކުރުމަށް ފުރުސަތުތަކެއް މެދުނުކެނޑި ހުޅުވަމުން އަންނަ ކަމީ ކަންބޮޑުވުން އޮތް މައްސަލަ އެކެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަން އެޗްޑީސީން ދާދި ފަހުން ވަނީ އިއުލާނު ކޮށްފަ އެވެ.
އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކާނީ އެކޯޕަރޭޝަންގެ ބިޒްނަސް ޕްލޭނާ އެއްގޮތަށް ކަމަށެވެ. މި ޕްލޭން ގައި ވާ ގޮތުން އެންމެނަށް ވެސް ބިން ވިއްކަން ނިންމާފައިވާ އިރު، ބިން ވިއްކާނީ މީގެ ކުރިން ހުޅުމާލެއިން ބިމެއް ގަނެފައި ނުވާ ފަރާތްތަކަށް އެކަންޏެވެ. އަދި އެކި ފަންތީގެ ފަރުދުންނަށް ވިޔަފާރި ހިންގުމަށްވެސް ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން 15 ޕަސެންޓް އާއިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައް ކަމަށްވާއިރު، 21000 އާއިލާއެއް މާލޭގައި ދިރިއުޅެމުންދެއެވެ. އަދި ދިރިއުޅެން އެކަށީގެން ނުވާ ވަރުގެ ކުދި ތަންތަނުގައި 3152 އާއިލާއެއް ދިރިއުޅެމުން އަންނަ ކަމުގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާއިރު، ގޯތި ދޫކުރުމުގެ ސިޔާސަތު ހަމަ އެކަނި މުއްސަނދީންނަށް ގޯތި ލިބޭނެ ގޮތަކަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟
"ވަަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްޑީސީ ގެ މީޑިއާ އޮފިސަރު އަލީ މަޝާރު ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީން އާންމުކޮށް ހުޅުވާލައިގެން "ހިލޭ" ގޯތި ދިނުމުގެ ވިސްނުމެއް އަދި ނެތެވެ. އެހެން ނަމަވެސް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ހަމަ އެކަނި ވިޔަފާރީގެ އުސޫލުން ނޫން ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް ބިން ގަނެފައި ނުވާ ފަރާތްތަކަަށް ބިން ދޫކުރަންވެސް މިފަހަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި މިފަހަރު ބިޒްނަސް ޕްލޭން ޓާގެޓް ކޮށްފަ އޮތީ ހައި ރޭންކް މީހުންނަށް ކަމަށެވެ. އެއީ ވިޔަފާރީގެ ފުރުސަތުތަކާއި ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން އެކުންފުންޏަށް ލިބޭ އާމްދަނީން ސޯޝަލް ހައުސިންގެ އިތުރު މަޝްރޫއުތައް ސަބްސިޑައިޒް ކޮށްގެން ކުރިއަށް ގެންދެވޭނެ ގޮތް ކަމުގައިވާތީ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީން އެންމެ ފަހުން ބިން ވިއްކާފައި ވަނީ 2017 ވަނަ އަހަރު، ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެ ފަހަރު 101،954.33 އަކަފޫޓުގެ ބިން ވިއްކާފައިވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ވިއްކުމުގެ މަސައްކަތް މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ކުރި، ނަމަވެސް އެ މަސައްކަތްވެސް ފަހުން ވަނީ ހުއްޓާލައިފައެވެ. އަދި ހުޅުމާލޭން އާންމުންނަށް ގޯތި ދިނުމުގެ ވިސްނުންވެސް އަދި ނުގެންގުޅޭ ކަމީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ ކަމެއް ނަމަވެސް، އެފަދަ ވިސްނުމެއްވެސް ނުގެންގުޅޭ ކަމަށް އެޗްޑީސީން ވަނީ މައުލޫމާތު ދީފައެވެ.
ރާއްޖޭގައި ތިބި ވިޔަފާރި ވެރީންގެ ނިސްބަތުން ބަލާއިރު އެއިން ކޮންމެ ބޭފުޅެއްގެ އާއިލާގައި ތިބި ގިނަ މެންބަރަކަށް މާލެއިން ނުވަތަ ހުޅުމާލެއިން ގޯތި ގަނެފައިވާ އިރު، ބޮޑު އަގުގައި ގަނެވޭ ގޮތަށް އެކަނި ހުޅުވައިލެވޭ ގޯތީގެ އިތުރު ފުރުސަތުތަކުން ދެންވެސް އެކި ނަންނަމުގައި ގޯތި ގަންނަމުން ދާނީ ހަމަ އެމީހުން ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެ އެވެ. އެއީ މާޒީގައި އެކަން ވެފައި އޮތް ގޮތެވެ. މައްސަލަ އަކަށް ވަނީ އާންމު މީހާ ބިންވެރި ނުވުމެވެ. މުއްސަނދީން ބިން ގަންނަނީ އެވެ. ބިންވެރިކަން އިތުރުވަނީ އެމީހުންގެ އެވެ. ރާއްޖޭގައި ދިރިއުޅެނީ އެއިން މަދު ބައެކެވެ. ގަންނަ ބިންތައް ބޭނުންކުރަނީ ވިޔަފާރީގެ ބޭނުންތަކަށް އިންވެސްޓުކޮށް މުއްސަނދިކަން އިތުރުކުރުމަށެވެ.
އާންމު މީހާ ބިންވެރިވާނީ އެމީހުންނަށްވެސް ބިން ލިބިގެންނެވެ. ވިސްނަން ޖެހޭ ކަމަކީ އެއީ އެވެ. އަބަދުމެ އަބަދު ހަމަ އެކަނި ފައިސާވެރީންނަށް ނޫނީ ނުލިބޭ ގޮތަށް ބިން ދޫކުރާ ނަމަ، އެއީ ވިސްނައިލާން ޖެހޭ ސީރިއަސް މައްސަލައެކެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް