ޅ. ކުރެންދޫ މުދިމަކު ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެރަށު ގުރުއާން ކުލާސްވެސް ހިންގަމުން އަންނަ މި މީހާގެ ފަރާތުން ޖިންސީ ގޯނާގެ ޝިކާރައަކަށްވި 16 އަހަރުގެ ކުޑަކުއްޖާގެ އާއިލާއިން "ވަން"ގެ އޮފީހަށް ގުޅައި މައުލޫމާތު ދެމުން ބުނީ އެ މިހާ އެންމެ ފުރަތަމަ އެކުއްޖާ އަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ އުމުރުން އެންމެ 10 އަހަރުގައި ކަމަށެވެ. އަދި އޭރު އެކުއްޖާ އަކީ އޭނާ ކިޔަވައިދޭ ދަރިވަރެއް ކަމަށެވެ.

އެހެންނަމަވެސް އޭރު އެކުއްޖާ އެވާހަކަތައް އެއްވެސް މީހަކު ކައިރީ ބުނެފައި ނުވާ ކަމަށާއި އޭގެ ފަހުން އެ ކުއްޖާ އާއިލާއާ އެކު މާލެ ބަދަލުވީ ކަމަށެވެ. ނަމަވެސް މާލެ ބަދަލުވި ފަހުން 2017 ވަނަ އަހަރު މި މީހާ އެ ކުއްޖާގެ އާއިލާއަގެ މެންބަރަކަށް އެ ގެ ހުރި ތަނެއް ހޯދައިގެން އެ ގެއަށް ދިޔަ ކަމަށާއި އަދި އެ ދުވަހުވެސް އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.

"އެ މީހުން މާލެ ބަދަލުވި ފަހުންވެސް މި މީހާ އެކުއްޖާގެ އާއިލާގެ މެންބަރުންނަށް ގުޅާފަ ހާލު އަހުވާލު އަހައި މާލެ ގޮސް އެ ގޭގަ ހުރެވޭނެތޯވެސް އަހާނެ. އެ މީހުންނަކަށް ނޭނގެ މި މީހާ އެ ކުއްޖާ އަށް ޖިންސީ ގޯނާ ކުރި ކަމެއް. ދެން ވަރަށް ރެސްޕެކްޓު ކުރާނެތާ މި މީހާ އަށް. ގުރުއާން ޓިޗަރެއް ވީމަވެސް. ދެން އެގޮތަށް އޭނަ މާލެ ދިޔަ ފަހަރަކު އެގެއަށް ދާން އޭނަ ބޭނުންވާތީ އައުމަށް ހުއްދަ ދިނީ. އަނެއްހެން އެގޭގެ ހުންނާކަށް ނޫން. ދެން އެއްރަށެއްގެ މީހުން ރަށުގެ މީހުން ދިރިއުޅޭ ގެތަކަށް މިހެން ވަދެލާތާ އެގޮތަށް މީނަ ވަނީ. އެ ދުވަހު އެމީހުން މޫދަށް ގޮސްފަ އައި ގަޑިއާ ދިމާވީ. މަތީގަ އެކުއްޖާ މަންމަ އާއި ބައްޕަ ތިބީ. އެ ކުއްޖާ އިނީ ސިޓިން ރޫމުގަ. އޭރު އެ ކުއްޖާ މަންމަ އާއި ބައްޕަ އާއި ވާހަކަ ދައްކަން މި މީހާ އިނދެފަ ދެން ތިރިއަށް ފައިބާފަ އެކުއްޖާ އަށް ކުރި ކަމެއް ކުރީ. ދާންވެގެން ނިކުމެފަ." ކަން ހިނގައި ދިޔަ ގޮތް އާއިލާ މީހަކު ކިޔައިދިނެވެ.

މި މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ "ވަން" އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މައްސަލަ މިހާ ދުވަސްފަހުން ހުށަހެޅީ ކީއްވެތޯ ސުވާލު ކުރުމުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި އެ މީހާ ބުނީ، އެ ކުއްޖާ އެވާހަކަތައް ކިޔައިދީފައިވަނީ، މި އަހަރު އޯލެވެލް އިމްތިހާނު ހެދި އިރު ކަމަށެވެ. އަދި އޭނާ އެވާހަކަތައް ކިޔައިދިނީ އޭނާގެ ރައްޓެއްސަކަށް ދިމާވި މިފަދަ ކަމެއް އޭނާ އަށް ހިއްސާކުރުމުން އެކަމުން ހިތްވަރު ލިބިގެން ކަމަށެވެ.

މިހާރު އެ އާއިލާ ކުރެންދުއަށް ބަދަލުވެ ދިރިއުޅެން ފަށާފައިވާއިރު އެ މީހާ ފެނުމުން އެ ކުއްޖާ އަށް ގޮތްތަކެއްވެ އެ ވާހަކަތައް ރޮއެފައި ކިޔައިދޭ ކަމަށެވެ.

"އެ ކުއްޖާ ފުރަތަމަ ޕޭރެންޓުން ކައިރީގަ ބުނީމަ ކުއްޖާގެ ކިޔެވުމަށާއި ކުއްޖާ އަށް އިތުރު ގެއްލުމެއް ވެދާނެތީ އެވާހަކަ ސިއްރު ކުރީ. އެ ކުއްޖާ ކޯޓަށް ގެންގޮސް، ފުލުހަށް ގެންގޮސް އެހެން ހަދައިފާނެތީ ޕޭރެންޓުން އެވާހަކަ ނުދެއްކީ. އެކަމަކު މިހާރު މިރަށަށް އައިސްފަ އެ މީހާ ފެނުނީމަ އަލުން އެ ކުއްޖާ ރޮއެ ރޮއެފަ ބުނަނީ މިހެން މިހެންނޭ އެމީހާ ހެދީ. ދެން މައްސަލަ ޖައްސަން ހަދާނެ ގޮތަކާއި ކުއްޖާ ކޯޓަށް ގެންދޭތޯ އާއި ފުލުހަށް ގެންދޭތޯ އޮޅުން ފިލުވާފަ މި މައްސަލަ ޕޮލިހުންނަށް ހުށަހެޅީ. އަސްލު މައްސަލަ ހުށަހެޅީމަ ދެން އެ ކުއްޖާ އަށް ވާނެ ގޮތް ނޭނގުމުން މިހާ ބޮޑަށް ލަސްވީ." އޭނާ ކިޔައިދިނެވެ.

އާއިލާގެ ފަރާތުން ވާހަކަ ދެއްކި އެ ކުއްޖާގެ ބޮޑުބޭބެ ބުނީ، ކުއްޖާއަށް ޖިންސި ގޯނާ ކުރި މީހާ އަކީ އޭނާ އާއި އަދި އެ އާއިލާ އާއި ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށެވެ. އަދި އެ މީހާ އަކީ އޭނާ ކުރާ ކޮންމެ ކަމެއް ހިއްސާ ކުރާ މީހެއް ކަމަށާއި ނަމަވެސް މިފަދަ ވާހަކައެއް އޭނާ ހިއްސާ ނުކުރާ ކަމަށެވެ.

"އެ މުދިމު މީހާ އަކީ އޭނާ ކުރާ ކޮންމެ ކަމެއް އަޅުގަނޑާ ހިއްސާ ކުރާ މީހެއް. އެހާވެސް ގާތް މީހެއް. ދެން މިވާހަކަ ރަށުތެރޭގަ ދެކެވުނީމަ ވަރަށް ގިނަ މީހުން އެބަ ބުނޭ ތިމަންނަމެންގެ ދަރިން އެ ގުރުއާން ކުލާހަށް ފޮނުވުން ހުއްޓާލީ ތިކަހަލަ ކަމެއްގައޭ. މީގެ ކުރިންވެސް އެތާ އުޅުނު ކުއްޖަކު ފެންވަރަން ހުއްޓާ ނަގާފައި ހުރި ވީޑިއޯތަކެއް އެބަހުރި ކަމަށްބުނެ އެ ކުއްޖާ ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއްވެސް އުޅުނު. އެކަމަކު އެފަހަރުވެސް ކޯޓާ ހިސާބަކަށް ނުދިޔަ." އޭނާ ބުންޏެވެ.

ކުރެންދޫ ކައުންސިލް ރައީސް އިބްރާހިމް ޝިމާއު "ވަން" އަށް ވިދާޅުވީ މުދިމުގެ ވާހަކަތައް ފެންމަތިވެ އޭނާގެ ބަޔާން ނެގުމަށް ފުލުހަށް ހާޒިރު ކުރުމުން ދެ ދުވަހަކަށް އޭނާ މަސައްކަތުން އެކަހެރި ކުރި ކަމަށެވެ. އަދި މި މައްސަލަ އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅަައި މިނިސްޓްރީން ވަކި ޖަވާބެއް ނުދެއްވާތީ އިތުރަށް އެކަހެރިކޮށްފައި ބެހެއްޓެން ނެތުމުން އަލުން މަސައްކަތަށް ނެރެފައިވާ ކަމަށެވެ.

ޝިމާއު ވިދާޅުވީ އޭނާ ހިންގާ ގުރުއާން ކުލާހުގެ ހުއްދަ މި މައްސަލަ ނިމެންދެން ބާތިލު ކުރުމާމެދު ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ މުދިމު ސިވިލް ސާވިސްގެ ގާނޫނުގެ ދަށުން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އޭނާގެ ފޯނާއި ލެޕްޓޮޕް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި ކުއްޖާގެ ވަނަވަރު ވަން އަށް އެނގުނު ނަމަވެސް އެ މައުލޫމާތު ސިއްރު ކޮށްފައި ވަނީ އެ ކުއްޖާގެ ހައްގުތައް ހިމާޔަތްކޮށްިދނުމަށް ޓަކައެވެ.