ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންގެންދަވާ އިދިކޮޅު ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދު އޮތީ ރިޔާސީ ނިޒާމަށް ކަމަށާއި ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ނުކުރާނެ ކަަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށް، އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުންތަކެއް އިސްވެ ވަނީ ބަރުލަމާނީއަށް ތާއީދު ހޯދުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށާފައެވެ. އެ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން "ވަން" އަށް މައުލޫމާތު ދެއްވަމުން އަދުރޭ އިއްޔެ ވިދާޅުވީ، އިދިިކޮޅުން ބޭނުންވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ކަމަށާއި ބަރުލަމާނީ ޕެޓިޝަނުގައި ސޮއި ނުކުރާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމް އޮވެއްޖެ ނަމަ ރާއްޖޭގެ ވެރިކަން އަވަސް އަވަހަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އޭރުން ރާއްޖޭގައި ސިޔާސީ ގޮތުން ހަމަޖެހުމެއް ނޯންނާނެ ކަމަށެވެ.

މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލި ދުވަސްވަރު، ބޭއްވީ ނިޒާމީ ވޯޓުގައި ރައީސް ޔާމީން ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާފައިވެ އެވެ. އެކަމާ ގުޅިގެން އަދުރޭ ވިދާޅުވީ، އެއިރު ރައީސް ޔާމީން ބަރުލަމާނީ އަށް ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމު ރާއްޖެއަށް އެކަށީގެންވާ ކަމަށް ގަބޫލު ކުރައްވާތީ ކަމަށާއި ނަމަވެސް އޭގެ ފަހުން މިވީ 15 އަހަރެއްހާ ދުވަހުގެ ތަޖުރިބާއަށް ބަލައި ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް އެމަނިކުފާނު މިހާރު ގަބޫލު ކުރައްވާ ކަމަށެވެ.

"ރިޔާސީ ނިޒާމުގައި ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުގެ ބާރު އެބަ އޮވޭ. ވެރިކަން ބަދަލުކުރަން ވަރަށް އުނދަގޫ މަރުހަލާތަކެއް އެބަހުރި. އަނެއްކާ އެންމެންގެ ވޯޓަކުން ވެރިއަކު މި ހޮވަނީ. އެހެންކަމުން ރާއްޖެ ފަދަ ކުޑަ ގައުމަކަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމް" އަދުރޭ ވިދާޅުވިއެވެ.

ބަރުލަމާނީ އަށް ތާއީދު ހޯދުމަށް ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ރައީސް ނަޝީދު އިއްޔެ ވިދާޅުވީ ނިޒާމީ ވޯޓަކީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ކަމަށެވެ.

މިހާތަނަށް އެ ޕެޓިޝަންގައި ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ތެރެއިން 13 ބޭފުޅެކެވެ.

ރައީސް ނަޝީދު މީގެ ކުރިން ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަންވެސް ފާޅުކުރައްވައިފައެވެ. ނަމަވެސް އިދިކޮޅުން ވަނީ އެކަމަށް އިންކާރުކުރައްވައި ރައީސް ނަޝީދާއެކުގައިވެސް އެމްޑީޕީއާއެކުގައިވެސް ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ.