ޚަބަރު

ޖަޕާނުން ރާއްޖެއަށް އެސްޓްރާޒެނެކާ ވެކްސިންގެ ލައްކައަކަށްވުރެ ގިނަ ޑޯޒް ހަދިޔާކޮށްފި

ރިފާ ހަލީލު

ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާން ސަރުކާރުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރާޒެނެކާ ވެކްސިން ހަދިޔާކޮށްފި އެވެ.

މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާނުގެ "ލާސްޓް ވަން މައިލް ސަޕޯޓް"ގެ ދަށުންނެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު، އަހުމަދު ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވަނީ ޖަޕާން ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ވެކްސިންގެ އިތުރުން، ކޮވިޑް-19ގެ ބަލިމަޑުކަމުގައި މެޑިކަލް އިކުއިޕްމަންޓާއި މެޑިކަލް ސަޕްލައިގެ އިތުރުން ޖަޕާން ސަރުކާރުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ އެހެނިހެން ދީލަތި އެހީތަކަށް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ނަސީމް ވިދާޅުވީ ޖަޕާނުން މި ފޯރުކޮށްދިން ވެކްސިނާއެކު، ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ދިނުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އިތުރަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޖަޕާނުން ދިވެހިރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ވަނީ ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމަށް އަލިއަޅުއްވައިލައްވައިފަ އެވެ. އަދި ދިވެހިރާއްޖެއަށް ބޭނުމެއް ޖެހިއްޖެ ކޮންމެ ހިނދެއްގައިވެސް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މިއަދު ރާއްޖެއަށް ލިބުނު ވެކްސިން ޝިޕްމަންޓަކީ ދުނިޔޭގެ ސިއްހަތު ޖަމިއްއްޔާ (ޑަބްލިޔުއެޗްއޯ)ގެ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ރާއްޖެއަށް ލިބުނު ވެކްސިންގެ ހަތަރު ވަނަ ޝިޕްމަންޓެވެ. ކޮވެކްސްގެ ދަށުން މި މަހުގެ ކުރީކޮޅު އެމެރިކާއިން ފޯރުކޮށްދިން 128،700 ޑޯޒްގެ ފައިޒާ ވެކްސިން ލިބި، މިހާރު އަންނަނީ ވެކްސިން ޖަހަމުންނެވެ.

ޖަޕާނުން ހަދިޔާ ކުރި ވެކްސިން ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، އދ އިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތެރިން ހެސްވެލް، ޔުނިސެފް ކަންޓްރީ ރެޕްރެޒެންޓޭޓިވް މަރްޖާން މޮންތަޒޭމީގެ އިތުރުން ފޮރިން މިނިސްޓަރާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ޑަބްލިޔުއެޗްއޯ، އެމްއެންޑީއެފް އަދި މާލޭގައި ހުންނަ ޖަޕާން އެމްބަސީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.