ހިޔާ ފްލެޓް ތަކުގެ 8 ޓަވަރަށް ކަރަންޓް ދީ ނިމިއްޖެއެވެ.

ސްޓެލްކޯގެ މީޑިއާ އޮފިސަރު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓުގެ ހިދުމަތް ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ރޭ އެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެޗްޑީސީ ގެ ހުއްދައާއެކު ޓަވަރުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ.

ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މި މަހުގެ 17 ވަނަ ދުވަހު ފަށާފައިވާއިރު، ކަރަންޓް ދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ދެ ޓަވަރަށެވެ. އަދި މިހާތަނަށް އަށް ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ނިމިފައިވާއިރު، ކަރަންޓުގެ މަސައްކަތް ނުނިމި ހުރީ ލިފްޓުތައް ކޮމިޝަންކޮށް ނުނިމި ހުރި އަށް ޓަވަރުގައެވެ.

ހިޔާ ޓަވަރުތަކަށް ކަރަންޓު ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން އެޗްޑީސީން އެދިފައިވަނީ، މި މަހުގެ 20 ވަނަ ދުވަހު ހިޔާ ޓަވަރެއްގެ ލިފްޓެއްގެ ތެރޭގައި ބަޔަކު ތާށިވެފައިވާތީ، ލިފްޓުތައް ކޮމިޝަން ނުކޮށް ހުރެއްޖެ ނަމަ މިފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުގެ ގޮތުންނެވެ.