ހިޔާ މަޝްރޫއުގެ ޓަވަރުތަކުގެ ތެރެއިން ކަރަންޓު ދޭން މިއަދު ނިންމާފައިވާ ދެ ޓަވަރުގެ ލިފްޓުތަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ކަރަންޓު ދިނުން މިއަދަށް މެދުކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ސްޓެލްކޯ އިން އަންނަނީ ކޮންމެ ދުވަހަކުވެސް ދެ ޓަވަރަކަށް ކަރަންޓު ދެމުންނެވެ. މިއަދު ކަރަންޓު ދޭން ނިންމާފައި ތިނެއް އަދި ހަތަރު ވަނަ ޓަވަރަށެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ކަރަންޓު ދިނުން މެދުކަނޑާލާފައި ވަނީ އެޗްޑީސީއާ މަޝްވަރާ ކުރުމަށްފަހު ކަމަށާއި ލިފްޓަށް ދިމާވި މަައްސަލަ ކޮންޓްރެކްޓަރާ ގުޅިގެން ހައްލު ކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ހައްލުކޮށް އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ދުވަހެއް، އެ ޓަވަރުތަކުން ފްލެޓް ލިބުނު މީހުންނަށް އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އަންގާނެ ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯ އިން މިހާތަނަށް ކަރަންޓު ދީފައިވަނީ ޓަވަރު 15، 16، 11، 12 އަދި ޓަވަރު 7 އަދި 8ގެ ފްލެޓުތަކަށެވެ. އެހެންކަމުން ކަރަންޓު ނުދެވި އަދި 10 ޓަވަރެއް އެބަ ހުއްޓެވެ.