މަރާލާފައި އޮއްވައި ފެނުނު 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ނ. ލަންދޫ، ބަގީޗާގޭ އިބްރާހިމް ޒިހާނާއި 17 އަހަރުގެ ކުއްޖާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ 13 އަހަރުގެ ކުއްޖާގެ މަރާ ގުޅިގެން ޒިހާނާއި އެމައްސަލައިގައި ހައްޔަރުކޮށްފައިވާ 17 އަހަރުގެ ފިރިހެން ކުއްޖާގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށާއި ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ޒިހާނުގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް ކޮށްފައިވާ އިރު، އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 100 އަށްވުރެ ގިނަ އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ. އެ މައްސަލައާ ގުޅިގެން ދެން ހައްޔަރުކުރި ކުޑަ ކުއްޖާއަށް ކޮށްފައި ވަނީ ތިން ދައުވާއެކެވެ.

  • ގަސްތުގައި މީހަކު މެރުމުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ފަސް ދައުވާއެއް
  • ކުޑަކުއްޖަކަށް މަސްތުވާ އެއްޗެއްދީގެން އެ ކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ
  • ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމަށްޓަކައި އެ ކުއްޖާ ގްރޫމް ކުރިކަމުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ދައުވާ
  • ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުން ކުރިކަމުގެ ދައުވާ
  • ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ
  • ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފަހެއްޓުމުގެ ދައުވާ
  • މައްޔިތާގެ ބޭނުން ނަހަމަ ގޮތެއްގައި ބޭނުން ކުރުމުގެ ދައުވާ

މި މައްސަލައިގެ މައުލޫމާތު ދެއްވުމަށް ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ، ޒިހާނުގެ މައްޗަށް ދައުވާ ކުރަނީ ހަމައެކަނި 13 އަހަރުގެ ކުއްޖާގެ މައްސަލައިގައި ނޫން ކަމަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ އެހެން ތުހުމަތުތަކެއް ވެސް އޭނާއަށް ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އޮތް ގޮތުން އެކަމުގެ އެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޝަމީމު ވިދާޅުވީ، އެ މައްސަލައިގައި ފުލުހުންގެ ތަހުގީގު ނިންމައި ފޮނުވި ރިޕޯޓު ވިދާޅުވުމުން ވަރަށް ބޮޑަށް އަސަރު ކުރި ކަމަށެވެ. އަދި ހަފުތާއެއްހާ ދުވަހު އެކަމުގައި އުޅުއްވަން ޖެހިވަޑައިގެންނެވި ކަމަށާއި އެ މައްސަލައާ ގުޅުން ހުރި ފޮޓޯތައް ބެއްލެވި ނަމަ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ނީންނެވޭނެ ކަމަށެވެ.

ޕީޖީ ވިދާޅުވީ މި މައްސަލައިގައި ހިނގާފައި ހުރީ ގަބޫލުކުރަން ދަތި ކަންތައްތައް ކަމަށާއި ކުޑަކުދިން ބޭނުންކޮށްގެންނާއި އެ ނޫން ގޮތަކަށްވެސް ހިނގާ މިފަދަ ކަންކަމަކީ ލުއި ގޮތަކަށް ނަގާނެ މައްސަލަތަކެއް ނޫން ކަމަށެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައާ ގުޅިގެން މިހާތަނަށް ހެކިވެރިންގެ ބަހާއި ޑީއެންއޭ ރިޕޯޓާއި އަދި މިނޫންވެސް އެތައް ހެއްކެއް އެބަހުރި ކަމަށެވެ. އަދި މި މައްސަލައިގެ ޝަރީއަތްތައް އަވަހަށް ކުރިއަށް ގެންގޮސްފިނަމަ ސާބިތުކުރުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި ޕޯސްޓުމޯޓަމުގެ ފައިނަލް ރިޕޯޓުވެސް އަދި ލިބިފައިނުވާ ކަމަށާއި މީގެ އިތުރުންވެސް މި މައްސަލައިގައި ނުލިބޭ މައުލޫމާތުތަކެއް އެބަހުރި ކަމަށެވެ.

އުމުރުން 13 އަހަރުގެ އެ ފިރިހެން ކުއްޖާގެ ހަބަރެއް ނުވާތާ ދެ ދުވަސް ފަހުން އާއިލާގެ ފަރާތުން އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ އެ މަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ފަރާތު ފަޅުތެރެއަށް ފޮއްޓަކަށް ލައި އެއްލާލާފައި އޮއްވައެވެ.