އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްސަލައާ ގުޅިގެން އާ ހެކިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ މަހްލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ އިތުރު އާ ހެކި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުގެންދާ ކަމަށާއި ނަމަވެސް ޕީޖީގެ އެދުމުގެ މަތީން ތަހުގީގުގައި ކުރިންވެސް ހޯދާފައި ހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދިނުމުގެ ކަންކަން ފުލުހުން ކުރިއަށްގެންދާ ކަމަށެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި އެމްއެމްޕީއާރުސީގެ ފައިސާ އިން މަހުލޫފަށް 33،000 އެމެރިކާ ޑޮލަރު ދީފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ އިރު, އޭނާ މިވަގުތު ހުރީ މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ. މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު އޭސީސީން ފޮނުވި އެ މައްސަލައިގައި މިހާތަނަށް އަދި ދައުވާކޮށްފައެއް ނުވެއެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ އެ މައްސަލައިގައި ގޮތެއް ނިންމުން ލަސްވެފައިވާ ކަމަށާއި އެ މައްސަލަ އަވަސްކޮށް ދިނުމަށް ޕީޖީގައި އެދޭނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންމެ ފުރަތަމަ ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ހަފުތާއެއްގެ ތެރޭގައި ގޮތެއް ނިންމާނެ ކަމަށް އޭރު ޕީޖީ އޮފީހުން ބުނި ނަމަވެސް ބައެއް މައުލޫމާތުތައް އޭސީސީން ހޯދަން ޖެހޭތީ ހަފުތާއެއްގެ ތެރޭގައި ގޮތެއް ނުނިންމުނެވެ. މަހްލޫފުގެ މައްޗަށް ދައުވާ ކުރުން ލަސްވެ، ޕީޖީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ގޮތެއް ނިންމޭނެ ސީދާ ތާރީހެއް ދަންނަވަން ނޭނގޭ ކަމަށެވެ. އެ މައްސަލައިގައި ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް ފުލުހުންނާ އެކު މަސައްކަތް ކުރައްވާ ކަމަށާއި ގޮތެއް ނިންމޭނެ ސީދާ ތާރީހެއް އެނގިވަޑައިގަތުމުން އެކަން ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މަހުލޫފުގެ މައްސަލައަށް ގޮތެއް ނުނިމި ލަސްވާ ކަމަށް ގަބޫލު ކުރި ނަމަވެސް އެކަމުގައި އެއްވެސް ފަރާތެއް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ފަރާތަކުން އޭނާއަށް ނުފޫޒު ނުފޯރުވޭނެ ކަމަށާއި އަދި ނުފޫޒެއްގައި ޖެހިގެން އެ މަގާމުގައި ނުހުންނަވާނެ ކަމަށެވެ.

މަހްލޫފްގެ މައްސަލައިގެ އިތުރުން އެހެން މައްސަލަތަކުގައި ވެސް ގޮތެއް ނިންމާނީ އެންމެ އިންސާފުވެރި ގޮތަކީ ކޮބައިތޯ ބެއްލެވުމަށްފަހު ކަމަށް ޕީޖީ ޝަމީމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ވަކި މީހަކު ހިތްހަމަ ޖައްސައިދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.