ޚަބަރު

މަޑުއްވަރީ އާއި އަލިފުށި އަދި ކަނޑުހުޅުދޫ މޮނީޓަރިންއަށް

އަލީ އަފާފު ރަމީޒު

މ. މަޑުއްވަރީ އާއި ރ. އަލިފުށި އަދި ގއ. ކަނޑުހުޅުދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް ކޭސްތަކަކާ ގުޅިގެން މަޑުއްވަރީ އާއި އަލިފުށި އަދި ކަނޑުހުޅުދޫ މިއަދު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އަލިފުށި ސިއްހީ މަރުކަޒުން މިއަދު ބުނީ ރޯގާގެ އަލާމާތްތައް ހުރެގެން އެރަށުން ނެގި 26 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި ސާމްޕަލްތައް ނަގާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް އެރަށުގައި ދަނީ ކުރެވެމުންނެވެ. އަދި ފިޔަވަޅުތައްވެސް މިހާރު ވަނީ ހަރުކަށިކޮށްފައެވެ.

މަޑުއްވަރީ ސިއްހީ މަރުކަޒުން ބުނީ މިދިޔަ އަންގާރަ ދުވަހު އެރަށުން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް އެ ސެންޓަރުން ބުންޏެވެ.

ކަނޑުހުޅުދޫ ކައުންސިލުން މިއަދު ބުނީ ރޯގާ ޖެހިގެން ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދައްކަމުންދާތީވެ، ކޮވިޑަށް ޝައްކު ކުރެވިގެން މިދިޔަ އަންގާރަ ދުވަހު ނެގި ހަތަރު ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ އެ ކޭސްއާ ގުޅިގެން އިތުރު 28 ސާމްޕަލެއް ނަގާފައިވާ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ކޭސްއާ ގުޅިގެން އެރަށުގައި ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ޕާޓީތަކާއި ހަފުލާތައް ބޭއްވުން މަނާކޮށް، އެއް ގެއިން އަނެއް ގެއަށް ދިއުންވެސް ވަނީ މަނާކޮށްފައެވެ. އަދި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ކުރުން ހުއްޓާލުމަށާއި އާންމު ތަންތަނަށް އެއްވުންވެސް ވަނީ މަނާކޮށްފައެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ރަނގަޅުވަމުން އަންނަ އިރު، މިހާރު ގިނައިން ޕޮޒިޓިވް ވަނީ އަތޮޅުތަކުންނެވެ. އެގޮތުން މިހާރުވެސް 18 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.