ޚަބަރު

އެމްޑީޕީ އާއީ ޕީޕީއެމަކީ ދެ ފިކުރެއް، އެކުވެއްޖެނަމަ ވަރަށް ގޯސްވާނެ: ސައީދު

އަލީ އަފާފް ރަމީޒު

އެމްޑީޕީ އާއީ ޕީޕީއެމަކީ ދެ ފިކުރެއް ކަމަށާއި އެ ދެ ޕާޓީ އެކުވެއްޖެނަމަ މައްސަލަ ވަރަށް ބޮޑުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު މަސައްކަތްކުރަން ބޭނުންވާކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީއެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ އެފަދަ ގޮތަކަށް ވާހަކަދައްކަވައިފައެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ރޭ ސައީދު ވިދާޅުވީ ރައީސް ނަޝީދާއެކު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ނުވަތަ ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ ކަމަށެވެ. ޕީޕީއެމާއި އެމްޑީޕީއަކީ ދެ ފިކުރެއް ކަމަށާއި މި ދެ ފިކުރު އެއްވެއްޖެ ނަމަ ގޯސްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ތަފާތު ދެ ޕާޓީއެއްގެ ވާހަކަ މި ދައްކަނީ. އެމްޑީޕީ އާއީ ޕީޕީއެމަކީ ދެ ފިކުރެއް. މީތި މަސްހުންޏެއް ނުވާނެ. ވެއްޖިއްޔާ ވަރަށް ބޮޑު މައްސަލައެއް އެއީ. އެހެންވީމަ އެމްޑީޕީގެ ވެރިންނާ އެކުގައި ރައީސް ޔާމީން ހައްދަވާނެ ޑީލެއް ނޯންނާނެ،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ އޮޅުވާލައިގެން ސިއްރުން ކަންކަން ކުރައްވާނެ ވެރިއެއް ނޫން ކަމަށާއި އެމަނިކުފާނަކީ ވިދާޅުވާން ބޭނުންވާ އެއްޗެއް ވަރަށް ސާފުކޮށް ވިދާޅުވާ ބޭފުޅެއް ކަމަށެވެ. ގައުމުގެ ހައްގުގައި ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާ ބޭފުޅެއް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މިއީ އޮޅުވާލައިގެން ކަމެއް ކުރާނެ ޕާޓީއެއް ނޫން، ވަރަށް ސާފުކޮށް އެވާހަކަ ދަންނަވަން ބޭނުން. އަޅުގަނޑުމެންނަކީ ރައީސް ނަޝީދާއެކު ޑީލެއް ހެދުމުގެ މަސައްކަތެއްވެސް އަދި ޑީލެއް ހަދާފައިވެސް އަދި ޑީލެއް ހަދާކަށްވެސް ވިސްނާ ބައެއް ނޫން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ޕީޕީއެމަށް ވަރަށް ގިނަ ބަޔަކު ވަންނަމުންދާ ކަމަށާއި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކަކީ އެކަންކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރާ ކަންކަން ކަމަށެވެ. އެގޮތުން ޑީލެއްގެ ވާހަކަ އެ ދައްކަނީ ޕީޕީއެމްގެ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކަމަށާއި ތަފާތު ދެ ފިކުރެއް އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން މިނިވަން ކުރަން ޑީލެއް ހަދަން ނުޖެހޭނެ ކަމަށާއި ރައީސް ޔާމީނަށް ކިތަންމެ އަނިޔާއެއް ދިނަސް އެމަނިކުފާނަކީ ރާއްޖޭގެ މިނިވަންކަމުގެ ހައްގުގައި ކެތް ކުރައްވާނެ ބޭފުޅެއް ކަމަށެވެ. އެކަން އެމަނިކުފާނު ސާބިތުކޮށްދެމުން އަންނަ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު މިގޮތަށް ވިދާޅުވެފައިވާއިރު، ރާއްޖޭގައި ބޮޑުކޮށް އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ މަލްޓިޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި ދެ ޕާޓީ މަސައްކަތްކުރަން ވާނީ ދެ ފަރާތުގައި ތިބެގެން ކަމަށާއި އެއީ ސިޔާސީ ނިޒާމަށާއި ރާއްޖޭގެ ކުރިއެރުމަށް ވެސް އަދި ރާއްޖޭގެ މަސްލަހަތަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކަށް ސުވާލު ކުރެވި ފާޑުކިޔެން ޖެހޭނެ ކަމަށާއި އެއާ ހިލާފަށް މި ދެ ޕާޓީ އެކުވެއްޖެއްޔާ ރާއްޖޭގައި މިއޮތް މަލްޓި ޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.