Close
ސިޔާސީ

އެމްއެންޕީ އުފައްދަން 5000 ފޯމާއެކު އަންނަ މަހު ހުށަހަޅާނަން، އަހަރު ތެރޭ 10000 ހަމަކުރާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފައްދަން ހުށަހަޅާނީ މަދުވެގެން 5000 މެންބަރުންނާ އެކުގައި ކަމަށާއި އަމާޒަކީ މި އަހަރު ނިމުމުގެ ކުރީން 10000 މެންބަރުން ހަމަ ކުރުން ކަމަށް އެ ޕާޓީގެ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ރޭ ކުރިޔަށް ދިޔަ ސަންގު ޓީވީ ގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީއަށް މެންބަރުން ވެއްދުމުގެ ކަންކަން ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށާއި ލިބެމުން އަންނަ ތަރުހީބު ހީކުރެއްވި ވަރަށްވުރެ ބޮޑު ކަމަށެވެ.

"ދާދި ފަހުން އަޅުގަނޑުމެންގެ ޕާޓީގެ އެއް މުއައްސިސް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ އޭނާގެ ދާއިރާއަށް ވަޑައިގަތް 1000 އަށްވުރެ ގިނަ ފޯމު ފުރުއްވާފަ. އެއީ އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ. އަޅުގަނޑުމެންގެ ޕާޓީގެ އެހެން މުއައްސިސުންވެސް މެންބަރުން އިތުރުކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދަވާ. އަދި އަޅުގަނޑުވެސް މެންބަރުން ހޯދުމަށް ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ފަށާން." ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީއަށް ވަނުމަށް މިހާރުވެސް 4000 އަށްވުރެ ގިނަ ރައްޔިތުން ފޯމު ފުރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގައުމީ ހިދުމަތުގެ ދާއިރާއިން ފާހަގަ ކުރެވޭ ގިނަ އަދަދެއްގެ މީހުންނާއި ތައުލީމީ ގޮތުން ފެންވަރު ރަނގަޅު އެތައް ބަޔަކުވެސް ހިމެނޭ ކަމަށެވެ. އުއްމީދު ކުރައްވަނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ޓަކައި 5000 މެންބަރުންގެ ސޮޔާ އެކު އަންނަ މަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިިދާޅުވީ އެމްއެންޕީއަކީ ރައްޔިތުން އެދޭ ފަދަ ހަގީގީ ބަދަލުތަކެއް ގެނެސްދޭނެ ސިޔާސީ ޕާޓީއަކަށް ވެގެން ދާނެ ކަމަށެވެ. ރާއްޖޭގައި އޮތީ ސިޔާސީ ދެ ފިކުރު ކަމަށާއި އެ ނޫން ބަޔަކަށް ތާއީދު ނުލިބޭނެ ކަމަށް ބުނެ ބައެއް މީހުން ދައްކާ ވާހަކަ ގަބޫލު ނުކުރައްވާ ކަމަށާއި އެމްއެންޕީ އަކީ ރާއްޖޭގައި އުފެދޭ ސިޔާސީ ތިން ވަނަ ފިކުރަށް ހައްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމްއެންޕީ އަކީ ގައުމީ ފިކުރު ކަމަށެވެ. ޕާޓީން ހިފަހައްޓާނެ މޮޓޯ އަކީ "އެންމެ ފުރަތަމަ ގައުމު" ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.