ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެކަން ޑިފެންސް މިނިސްޓަރާއި ހިއްސާ ކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އިތުރު މެންބަރުންތަކަށް ހަމަލާދޭން ބަޔަކު ރާވަމުންދާ ކަމަށް ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިއަދު ފަށާފައިވާއިރު، މޭ ހަ ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ރޭވި ފަރާތްތައް އަތުލައިގަނެފައި ނުވާތީ ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުވައިފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް މިއަދު ވިދާޅުވީ، މިހާރު ފެނިގެން ދަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން ބައެއް އެހެން މެންބަރުންނަށް ނުރައްކާވަމުންދާ މަންޒަރު ކަން ކަމަށެވެ.

"މިހާރު ވެސް އަޅުގަނޑުމެނަށް ފެނިގެންދަނީ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ އެތައް އިއްޒަތްތެރި މެންބަރުންތަކަކަށް އެތައް ނުރައްކަލެއް އެބަހުރި. އެ މީހުނަށް ފާރަލައި އެބޭފުޅުން އުޅުއްވާ ތަންތަން ބަލައި ހަމަލާއެއް ދޭން އުޅޭ ކަމަށް އެބަ ތުހުމަތު ކުރެވޭ،" އިލްޔާސް ލަބީބް ވިދާޅުވި އެވެ.

އެ ކަހަލަ ކަންކަން ކުރާ މީހުންނަކީ ކޮބައިތޯ ބަލައި އެ މީހުން ހިފައި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްގެން ނޫނީ އެއްވެސް ރައްޔިތަކަށް މިނިވަންކަމާ އެކު ހަމަޖެހިލައިގެން މި ރާއްޖޭގައި އުޅެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، މުހައްމަދު ނަޝީދަށް ހަމަލާއެއް ދޭން ރާވާކަމުގެ މައުލޫމާތު ލިބިވަޑައިގެން އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ސަމާލުކަމަށް ގެންނެވި ކަމަށް، އިލްޔާސް ލަބީބް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.