ޚަބަރު

ދަރުބާރުގޭގެ އިރަށް އޮތް ބިމުގައި ސްޓްރީޓް ފުޑް ކޮންސެޕްޓަށް ސަރަހައްދެއް ތަރައްގީ ކުރަނީ

ދަރުބާރުގޭގެ އިރަށް އޮންނަ ހުސްބިމުގައި ސްޓްރީޑް ފުޑް ކޮންސެޕްޓަށް ތަނެއް ތަރައްގީކުރުމަށް ވިސްނުން އެބަހުރި ކަމަށް މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހެންވޭރުގެ ރައްޔިތުންނާއެކު ރޭ ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ, މާލޭގައި ސްޓްރީޓް ފުޑްގެ ގޮތުގައި އެއްވެސް ތަނެއް އަދި ނެތް ކަމަށެވެ. އެހެންކަމުން ދަރުބާރުގޭގެ އިރަށް އޮންނަ ހުސްބިމަކީ ތަފާތު އިހުސާސް ކުރެވޭ ތަނަކަށް ހަދައި, އެތަނަކީ ޒުވާނުންނާއި ކަނބަލުންނަށް ކުދި ވިޔަފާރިތަކަށް ނުކުތުމަށް ދެވޭ ފުރުސަތަކަށް ހަދަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

"ކުރިން ތަންކޮޅެއް އާދައިގެކޮށް ކިޔަނީ ގާޑިޔާ. އެހެންނަމަވެސް އަޅުގަނޑުމެން ދެކެނީ ތަރައްގީ ވެފައި ހުރި ސިޓީތަކުގައި ހުންނަ އަދި ކަމާބެހޭ ސިއްހީ އިދާރާތަކުން ބަލައިގަންނަ ފެންވަރުގައި ހިންގޭ ސްޓްރީޓް ފުޑް ކޮންސެޕްޓެއް ދަރުބާރުގޭގެ އިރަށް މިއޮންނަ ހިތްގައިމު ސަރަހައްދަކީ އެކަމަށް ޑިވެލޮޕްކުރެވޭނެ ސަރަހައްދެއްގެ ގޮތުގައި،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ, ސްޓްރީޓް ފުޑް ކޮންސެޕްޓް ހަދަން ވިސްނާ ބިމަކީ ވަރަށް ގިނަ ޕްރޮޖެކްޓުތައް ހިންގަން އެގްރިމެންޓުތަކާ އެއްޗެހި ހަދާފައި އޮތް ތަނެއް ކަމަށާއި ނަމަވެސް އޭގެ އެއްވެސް އެއްބަސްވުމެއް މިހާރު ސައްހަ ނުވާނެ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތުތައް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް އެކަމުގެ ތަފުސީލެއް މުއިއްޒު ނުދެއްވައެވެ.

ބައްދަލުވުމުގައި އެ ސަރަހައްދު ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް ވަނީ ދައްކާލައިފައެވެ. އެ ކުރެހުމުގައިވާ ގޮތުން އެތަން ތަރައްގީ ކުރަނީ ކުޑަކުދިންނަށް ކުޅެލަން ދެވޭނެ ސަރަހައްދަކާވެސް އެކުގައެވެ. އަދި ކުރެހުމުން ފެންނަ ގޮތުން އެތަނުގައި ހަދަނީ ގާތްގަނޑަކަށް ނުވަ ސްޓްރީޓް ފުޑް ގާޑިޔަލެވެ.