ސަސްޕެންޝަންގައި ހުންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ތުހުމަތުކުރާ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކޮށް ކޯޓަށް ފޮނުވައިފިނަމަ، ދައުލަތް "އޮރިޔާން ވާނެ" ކަމަށް އޭނާ ވިދާޅުވުމުން އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި އެ ވިދާޅުވި ބަހުގެ މާނަ ކިޔައިދެއްވައިފި އެވެ.

މަހުލޫފު ވިދާޅުވީ އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރި ކަމަށާއި ޝަރީއަތާ ހަމައިން އެވާހަކަތައް ތިލަކުރައްވާނެ ކަމަށެވެ. އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވިއެވެ.

ދައުލަތުގެ ވަޒީރެއްގެ ގޮތުގައި ހުންނަވައިގެން މަހްލޫފް އެފަދަ ވާހަކަތަކެއް ދެއްކެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފަ އެވެ.

އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވައި މަހްލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދައުލަތް ކަމަށް އޭނާ ވިދާޅުވެފައި އެވަނީ ކޯޓުގަ ތަމްސީލު ކުރަނީ "ދައުލަތުގެ ވަކީލުން" ކަމަށް ވާތީ އެވާހަކަ ކަމަށާއި އެއީ ސަރުކާރު އޮރިޔާން ކުރާ ވާހަކަ ނޫން ކަމަށެވެ.

"އެއްވެސް ހެއްކެއް ނެތި ދައުވާ ކޮށްފިނަމަ މި ވާހަކަ ތަކުގެ ހަގީގަތް ކޯޓުން ފަޅާ އަރައި "އޮރިޔާން" ވާނެ ވާހަކަ. "އޮރިޔާން ކުރާނެ ކަމަށް" ނުބުނަން،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ތަހުގީގު ނިންމައި ދައުވާ އުފުލުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ޖޫން މަހުގެ 9 ވަނަ ދުވަހު އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ދައުވާ ކުރުމާ ގުޅޭ ގޮތުން ޕީޖީން ގޮތެއް ނިންމާފައި ނުވަތީ އެ މައްސަލަ އޮތީ މަޑު ޖެހިފަ އެވެ. މުސާރަ ލިބޭ ގޮތަށް މަހްލޫފް ހުންނެވީ މަސައްކަތްތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފަ އެވެ. މައްސަލަ ދިގުލައިގެން ގޮސް ގިނަ ދުވަސްތަކެއްވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައި އެ މައްސަލަ އަވަހަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.