ކުޅިވަރު

ވާދަވެރިންގެ ބޮޑެތި ހަރަދުތަކަށް ލިވަޕޫލްގެ ކޯޗު ކްލޮޕްގެ ފާޑުކިޔުން

މުޙައްމަދު ޝަމްޢޫން

1

ޕްރިމިއާ ލީގުގައި ލިވަޕޫލާ އެންމެ ބޮޑަށް ވާދަކުރާ ގަދަ ބާރުތައް ކަމަށްވާ މެންޗެސްޓާ ސިޓީ، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން މި ޓްރާންސްފާ ސީޒަންގައި ކުރި ބޮޑެތި ހަރަދުތަކަކީ ހައިރާން ކަމެއް ނޫން ކަމަށާއި، އެ ކްލަބުތަކަކީ އުސޫލެއް ނެތި ފައިސާ ހަރަދު ކުރާ ކްލަބުތައް ކަމަށް ލިވަޕޫލް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލުން މި ސީޒަނަށް ތައްޔާރުވުމަށް ސްކޮޑަށް އިތުރުކުރި ކުޅުންތެރިޔަކީ ޑިފެންޑަރު އިބްރާހީމަ ކޮނާޓާއެވެ. އެއީ 36 މިލިއަން ޕައުންޑުގެ ޓްރާންސްފާއެކެވެ. ލިވަޕޫލުން ދަށްކޮށް ހަރަދުކުރި ނަމަވެސް އެ ޓީމާއެކު ލީގަށް ވާދަކުރާނެ ކަމަށް ބެލެވޭ ޓީމުތައް ވަނީ ބޮޑެތި ހަރަދުތައް ކޮށްފައެވެ. މިހާތަނަށް ސިޓީންވެސް ވަނީ 100 މިލިއަން ޕައުންޑަށް ޖެކް ގްރީލިޝް ގެންގޮސްފައެވެ. އޭގެ އިތުރުންވެސް އެޓީމުން މިހާރު އަންނަނީ ރެކޯޑު އަގަކަށް ހެރީ ކޭން ގެންދަންވެސް މަސައްކަތް ކުރަމުންނެވެ.

ސިޓީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް މިހާރު ވަނީ ސީޒަނަށް 73 މިލިއަން ޕައުންޑަށް ޖޯޑަން ސާންޗޯ ގެންގޮސް، 40 މިލިއަން ޕައުންޑުގެ އަގަކަށް ރަފޭލް ވަރާން ގެންގޮސް އެކަން އިއުލާނުކުރަން ތައްޔާރުވެފައެވެ. އަދި ޗެލްސީން ރޭ އިއުލާން ކުރި ޓްރާންސްފާއާއެކު އެޓީމުން ވަނީ ރޮމެލޫ ލުކާކޫ ގެންދަން 98 މިލިއަން ޕައުންޑް ހަރަދު ކޮށްފައެވެ. އަދި އިތުރު ޑިފެންޑަރަކަށް ޗެލްސީން އަންނަނީ ބަލަމުންނެވެ.

އެ ހަރަދުތަކަށް ލިވަޕޫލް ކޯޗު ވަނީ ނުސީދާކޮށް ފާޑު ކިޔާފައެވެ.

"އަހަންނަށް ހައިރާން ކަމެއް ނޫން އެ ކްލަބުތަކުން ބޮޑެތި ހަރަދުތައް ކުރުމަކީ. އެއީ އެ ކްލަބުތަކަކީ ލިވަޕޫލްގައި އޮންނަ ކަހަލަ އުސޫލުތައް އޮންނަ ކްލަބުތަކަށް ނުވާތީ. އެ ކްލަބުތަކުން ހަރަދުކުރަން އަބަދުވެސް ގޮތްގޮތް އޮވޭ. ސިޓީއާއި ޗެލްސީ އާއި ޕީއެސްޖީގެ ހަރަދުތައް ހިނގާ ގޮތް އެންމެނަށްވެސް އެނގޭ. އެހެނެއް ނޫން ލިވަޕޫލްގެ އުސޫލު އޮންނާނީ. ލިވަޕޫލްގައި ހަރަދުކުރާނީ ލިބޭ ފައިސާއަކުން،" ކްލޮޕް ބުނެފައިވެއެވެ.

ކްލޮޕް ބުނެފައިވަނީ "ވާދަވެރި ކްލަބުތަކަކީ ފައިސާގެ ބާރުގަދަ" ކްލަބުތަކަށް ވުމުން އާ ޓްރާންސްފާތައް ގިނައިން ކުރާ ނަމަވެސް ލިވަޕޫލަށް މިހާރުވެސް އޮތް އެންމެ މުހިއްމު ކަމަކީ މިހާރު ސްކޮޑުގައި ތިބި ހުރިހާ ކުޅުންތެރިން މަޑުކުރުވުން ކަމަށެވެ.

ކްލޮޕް ލިވަޕޫލާ ހަވާލުވިފަހުން އޭނާއާއެކު އެ ކްލަބުން މުހިއްމު ކާމިޔާބީތަކެއް ހޯދާފައިވެއެވެ. އޭގެ ތެރޭގައި 30 އަހަރަށްފަހު ޕްރިމިއާ ލީގެއް ހޯދުމާއި ޔޫރަޕްގެ ޗެމްޕިއަންކަން ހިމެނެއެވެ. ކްލޮޕްވެސް ވަނީ ފުރަތަމަ ކޮޅުގައި ބޮޑެތި ޓްރާންސްފާތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ވާޖިލް ވެންޑައިކާއި ސަޑިއޯ މާނޭގެ އިތުރުން ރޮބާޓް ފިރްމީނޯ ހިމެނެއެވެ.