ކޮލަމް

ކޮލަމް އަލިފު ސީނު: ރައީސް ސޯލިހުގެ ބިރުކެނޑިފައިވާ ޕްރެސް ކޮންފަރެންސް!

އަލިފު ސީނު

10

ނޫސްވެރިންނާ ބައްދަލުކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަރިިބަރިއަށް އިއްޔެ ޖަވާބުތައް އޮއްސާލެއްވި އެވެ. ޖެހިލުންވެވަޑައިގަތުމެއް ނެތި އަދި އިތުބާރާ އެކު އެމަނިކުފާނު ދެއްވި ޖަވާބުތައް ގޮސް ގުޅެނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވޭތުވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި ދެއްކެވި ވާހަކަތަކާއި އެމަނިކުފާނުގެ ފަރާތްޕުޅުން ފެންމަތި ކުރެއްވި ސުވާލުތަކާ އެވެ. ފުންކޮށް ވިސްނައި މަޝްރަހު ދިރާސާ ކުރާ މީހަކަށް ރައީސް ސޯލިހުގެ އެ ވާހަކަފުޅުތައް އަދި އެ ދެއްވި މެސެޖުތަކުގައި އޮޅުމެއް ނެތެވެ.

އިއްޔެ ރައީސް ދެއްކެވި ވާހަކައިގެ އެންމެ ކުރު ޚުލާސާ އަކީ މިއެވެ، ރައީސް ނަޝީދު ނެތަސް ވަރިހަމަ އެވެ. އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގަ އެވެ. އެމްޑީޕީ ޕީޕީއެމާ ކޯލިޝަނެއް ނުހަދާނެ އެވެ. އެމްޑީޕީ އަކީ އެމަނިކުފާނުގެ ވެސް ގުރުބާނީތަކެއް ވެގެން އުފެދުނު ޕާޓީއެކެވެ. އަދި އެކި މައްސަލަތަކާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގައި އަސްލެއް ނެތެވެ. އޭގެ ތެރޭގައި އެމްޑީޕީގައި ހަރުކަށި ފިކުރު އޮތް ވާހަކަތަކާއި ދެބަސްވުން އުފެދޭ ސަބަބުތައް ވެސް ހިމެނެ އެވެ.

ހަމަ އެހެންމެ އެމަނިކުފާނުގެ ދޫފުޅުން ނުކުތް އެންމެ މުހިންމު ޖުމުލައަކީ އެމަނިކުފާނު ހުންނެވީ މަޖިލީހުގެ މެޖޯރިޓީ ވެސް ހޯއްދަވައިގެން ކަމެވެ. އޭގެ މާނައަކީ ރައީސް ނަޝީދު ކޮންމެ ގޮތަކަށް ހުންނެވި ނަމަވެސް އެމަނިކުފާނަށް މިހާރު އޯކޭ ކަމެވެ.

މިއީ އެމަނިކުފާނު މިހާ ފުޅާ ދާއިރާއެއްގައި ސިޔާސީ މިކަހަލަ ވާހަކަފުޅުތަކެއް ދެއްކެވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިކަންތައްތަކާ ބެހޭ ގޮތުން ނޫސްވެރީން ތަރުކާރުކޮށް އެހިޔަސް އެމަނިކުފާނު ދެއްވާފައި ވަނީ ވަރަށް ތިލަ ޖަވާބުތަކެކެވެ. ޑިޕްލޮމެޓިކް ޖަވާބުތަކެކެވެ. އެ ޖަވާބުތައް ދެއްވި ގޮތުން އެންމެންނަށް ވެސް އެނގުނު އެއްޗަކީ އެމަނިކުފާނު ނަޝީދާ ކުރިމަތި ލައްވައި ދެބަސްވުމަކަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމެވެ. އެކަމަކު އިއްޔެ އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެން އެ ދިޔައީ ދިމާ އިދިކޮޅެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމެވެ. ދެން އެހެން ގޮތެއް ވެސް ނެތް ކަމެވެ.

ދެއްވި ޖަވާބުތަކުން މަންޒަރު މިހާރު މިއޮތީ ސާފު ވެ، ރައީސް ކުރިއަށް ވަޑައިގަންނަވާނެ މަގުވެސް އެނގިފަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރިމަތި ލައްވާނެ ކަން ސީދާކޮށް ވިދާޅުނުވިޔަސް، އެމަނިކުފާނު ވިދާޅުވެފައި ވަނީ "އެ ފުރުސަތު އެބަ އޮތް" ކަމަށެވެ. އެހެންވެ، ރައީސް ސޯލިހު މިހާރު އެ ހުންނެވީ 2023 ގައި ރައީސް ކަމަށް ނުކުންނަވަން ތައްޔާރަށް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ. މަޖިލީހުގެ މެޖޯރިޓީ އާ ނުލައި ވެރިކަން ކުރެއްވުމަކީ އުނދަގޫ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް، އެމަނިކުފާނު އެ މެޖޯރިޓީ ހޯއްދެވީ ރިޔާސީ އާ ދައުރެއް ޔަގީން ކުރައްވަން އެމަނިކުފާނު ކޮއްޓަވާ މަގު އަމާންކޮށް ބާއްވަވަން ކަމާ މެދު ވެސް ޝައްކެއް ނެތެވެ.

ރައީސްގެ ވާހަކަފުޅުތަކުގައި ރައީސް ނަޝީދަށް ވަނީ ވަރުގަދަ ބަހުގެ ހަމަލާ ތަކެއްވެސް ދެއްވައިފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ޕީޕީއެމާއި އެމްޑީޕީ ގުޅުމަކީ ވެގެން ވާނެ ގޮތެއް ނޫނެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި ތެލާއި ފެނެއް އެކެއް ނުވާނެ އެވެ. އެމަނިކުފާނަކީ މަލްޓި ޕާޓީ ޑިމޮކްރަސީއަށް ތާއީދުކުރައްވާ ބޭފުޅެއް ކަމަށާއި ބޮޑު ދެ ބާރު ގުޅުމަކީ ޕާޓީ ނިޒާމުގެ ބާރު ކެނޑުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިއީ ރައީސް ނަޝީދުގެ ހިޔާލުފުޅާ މުޅިން ތަފާތު ދިމާ އިދިކޮޅު ހިޔާލުފުޅެކެވެ. އަދި މިއީ އެމްޑީޕީގެ އާންމު މެންބަރުންނަށް ވެސް އެމަނިކުފާނު ދެއްވި ވަރުގަދަ މެސެޖެކެވެ.

ދެން އެމަނިކުފާނު ވިދާޅުވި އަނެއް ވާހަކައަކީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީގެ މުހިއްމު ކަމެވެ. އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރުގެ ހިޔާލު އޮތް ކަމަށް ނަޝީދު ވިދާޅުވިޔަސް އެމަނިކުފާނު އެކަން ދޮގު ކުރެއްވި އެވެ. ހަމަ އެހެންމެ، ހަރުކަށި ފިކުރު ހުއްޓުވުމަށް ފަރުމާ ކޮށްފައި އޮތް ބިލަކީ ވެސް އެގޮތަށް ހުށަހެޅުން ރަނގަޅު ބިލެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. މި ބިލަކީ ފާސްކުރަން ނަޝީދު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ ބިލެކެވެ. އެ ބިލް މިހާރު އޮތް ގޮތަށް ފާސްކުރުމަށް އެދިވަޑައިނުގަންނަވާ ކަމަށް ފާޅުގައި ރައީސް ވިދާޅުވި އެވެ. ސަރުކާރުން ފޮނުވިޔަސް ގެންނާން ޖެހޭ ބަދަލު ގެންނާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެކަން ހަނދާން ބަހައްޓަވާނެ ކަމަށެވެ. އަދި ރާއްޖޭގައި މަލްޓި ޕާޓީގެ ވެރިކަމެއްގައި އެއް ޕާޓީއަކަށް ވެރިކަމަށް އާދެވިފައި ނުވާތީ، އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެންނެވުނީ ޕާޓީތަކެއްގެ ކޯލިޝަނެއްގެ ތެރެއިން ކަމަށެވެ. އެހެންވެ ނަޝީދު ހިތްޕުޅާ ނުވިޔަސް ވެރިކަން ހިންގަން ހުންނަ މީހާގެ ހައިސިއްޔަތުން ރައީސް މައުމޫނާ ވެސް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީއާ ވެސް، އަދި އެމްޑީޕީ އާ ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ވެސް އެކަން ދާނީ އެގޮތަށް ކަމަށް ރައީސް ވަރަށް ސާފު ބަހުން ވިދާޅުވި އެވެ. މިހާރު އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ބުނެ އެހެން ޕާޓީތައް ބޭރުކުރުމަކީ އެމްޑީޕީގެ ވަރަށް އިސް ބޭފުޅުން ބޭނުން ވާ ގޮތެކެވެ. އެކަމަށް ބާރު ދެއްވައި ނަޝީދު ވެސް ބައެއް ފަހަރު ވާހަކަފުޅު ދައްކަވާފައި އެބަހުއްޓެވެ.

ދެއްވި ހޫނު ރައްދުތަކާ އެކު ރައީސް ސޯލިހު މިހާރު އެހުންނެވީ މަގާއި ކުރިމަގު ވެސް ސާފުކުރައްވައިގެންކަން ވަރަށް ފާޅުގައި އިއްޔެ އެނގިއްޖެ އެވެ. އެމަނިކުފާނުގެ ސަރުކާރު ހިމާޔަތް ކޮށް ބާރު ދޭނެ އަތްތަކެއް ތިބިކަން ވެސް އެނގިއްޖެ އެވެ. އެމަނިކުފާނުގެ ވެރިކަން ކޮޅަށް ޖަހައި ނެގެހެއްޓުމަށް ވަރުގަދަ ތަނބުތަކެއް ވެސް އެބަހުރިކަން އެނގިގެން ހިނގައްޖެ އެވެ. އެމަނިކުފާނު އިއްޔެ ވާހަކަފުޅު ދެއްކެވީ ބިރު ކެނޑިގެން ހުންނަވަ އެވެ. އެއީ މީގެ ކުރިން އެމަނިކުފާނުގެ މޫނުފުޅުން ފެންނަ މަންޒަރެއް ނޫނެވެ.