ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅު ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އަބްދުލްޤައްޔޫޫމާއެކު މަސައްކަތް ކުރެއްވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއާއެކު މަސައްކަތްކުރަން ބޭނުންވާކަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފާޅުކުރައްވައިފައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވެސް ވަނީ އެފަދަ ގޮތަކަށް ވާހަކަދައްކަވައިފައެވެ.
ރައީސް ވިދާޅުވީ އެކަކު އަނެކަކާ އެކީގައި ސިޔާސީ މަސައްކަތް ކުރެވިދާނެ ކަމަށާއި ހަމަ އެގޮތަށް ރައީސް ނަޝީދާއި ރައީސް ޔާމީން އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ރައީސް ނަޝީދު، ރައީސް ޔާމީނާ އެކީގައި މަސައްކަތްކުރައްވަން ބޭނުންފުޅު ކަމަށްވަންޏާ އެކަން ކުރެވިދާނެ. އެއީ ކޮންމެ ބޭފުޅަކަށް ވެސް އޮތް ފުރުސަތެއް، އަނެކަކާއެކު މަސައްކަތްކުރަން. އެހެންނަމަވެސް، މި ދެޕާޓީގެ މި ދެ ފިކުރު އެއްވެގެން މަސައްކަތްކުރުމަކީ ސިޔާސީގޮތުން އެންމެ ފައިދާ ހުރި ގޮތް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ބޮޑުކޮށް އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ކަމަށާއި އެމްޑީޕީ އާއި ޕީޕީއެމުން ކޯލިޝަނެއް ހެދުމަކީ މަލްޓިޕާޓީ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށެވެ.
"މި ދެ ޕާޓީ މަސައްކަތްކުރަންވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ފަރާތުގައި ތިބެގެން. އެއީ ސިޔާސީ ނިޒާމަށް ވެސް، ރާއްޖޭގެ ކުރިއެރުމަށް ވެސް، ރާއްޖޭގެ މަސްލަހަތަށް ވެސް އޮތް އެންމެ ރަނގަޅު ގޮތް. އެއް ބަޔަކު އަނެއް ބަޔަކު ކުރާ ކަންތަކަށް ސުވާލުކުރެވި ފާޑުކިޔެން ޖެހޭނެ. އެއާ ހިލާފަށް މި ދެ ޕާޓީ އެކުވެއްޖެއްޔާ ރާއްޖޭގައި މިއޮތް މަލްޓިޕާޓީ ނިޒާމު ނިމުމަކަށް އައުމުގެ ބިރުވެރިކަން އެބައޮތް. އެހެންވީމާ އެމްޑީޕީ އާއި ޕީޕީއެމް ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަކަށް އަޅުގަނޑެއް ނުދެކެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެހެން ވިދާޅުވި ކަމުގައިވިޔަސް އެއީ ޕާޓީގެ ނިންމުން ނޫން ކަމަށާއި އެމްޑީޕީން ކަންތައްތައް ނިންމާނެ ގޮތް ގަވާއިދުތަކުގައި ހުންނާނެ ކަމަށެވެ. އަދި އެއިން ގުނަވަނަކުން އެގޮތަށް ނިންމާފައި ނުވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު