ޚަބަރު

ރާއްޖެއަށް އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމު: އާޒިމް

އަލީ އަފާފް ރަމީޒު

1

ރާއްޖެއަށް އެންމެ އެކަށީގެންވާ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ކްލަބް ހައުސްގައި ރޭ އާޒިމް ވިދާޅުވީ މިހާރު ރާއްޖޭގައި އޮތް ރިޔާސީ ނިޒާމު ބަދަލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެންނަން ޖެހޭ ކަމަށާއި އެކަމަށް ތާއީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެކެނީ، ފެށުނީއްސުރެ އަޅުގަނޑު ގަބޫލު ކުރަނީ ބަރުލަމާނީ ނިޒާމަކީ މި ރާއްޖެއަށް އެންމެ އެކަށީގެންވާ ރަނގަޅު ނިޒާމު،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެންމެ ކުރީއްސުރެވެސް ގަބޫލު ކުރައްވާ އެއް ހަގީގަތަކީ މި ނިޒާމަކީ ބަދަލު ކުރަން ޖެހޭ ނިޒާމެއް ކަމަށެވެ. އެހެންކަމުން އޭނާއަކީ ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ އެކަކު ކަމަށްވެސް ވިދާޅުވިއެވެ.

"ފެށުނީއްސުރެ މިއަދާ ހަމައަށްވެސް އަދި ކުރިއަށް އޮތް ތަނުގައިވެސް މި ނޫން ނިޒާމެއް ގެންނަން ޖެހޭ ކަމަށް. އެހެންކަމުން ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ އެކަކު އަޅުގަނޑަކީ. އެއީ އަޅުގަނޑު ދެކޭ ގޮތް،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަރުލަމާނީ ނިޒާމްގެ ސަބަބުން ސަރުކާރުގެ ހިންގުންތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ކެބިނެޓް ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ހިމެނޭނީ މަޖިލިސް މެންބަރުން ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހަރަދުތައް ބޮޑުތަނުން ކުޑަ ވާނެ ކަމަށް ވިދާޅުވިއެވެ.

"އެއް ސަބަބަކީ ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެން އެބަދޭ. ވަޒީރުންނަކީ މަޖިލީހުގެ ބައެއް މެންބަރުން ކަމަށް ވެފައި ސްޓޭޓް މިނިސްޓަރުންވެސް. އެހެންވީމަ ސިޔާސީ މަގާމެއްގައި ހުންނާނީ ރައްޔިތުން ހޮވާފައި ތިބި މީހުން އެކަނި ބަރުލަމާނީ ނިޒާމެއްގައި. ރައްޔިތުން ނުހޮވާ މީހަކު ސިޔާސީ މަގާމެއްގައި ނުހުންނާނެ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ނިޒާމްގެ ސަބަބުން ވަޒީރުންނާއި ރައްޔިތުންނާ ވަރަށް ބޮޑަށް ގުޅުން ކުޑަކަމަށެވެ. އެކަމުގެ އެއް ސަބަބަކީ ވަޒީރުންނަކީ ރައްޔިތުން ހޮވާ ބަޔަކަށް ނުވާތީ ކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ވަޒީރުންގެ ގޮތުގައި ހޮވާނީ މަޖިލިސް މެންބަރުން ކަމަށާއި މެންބަރުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުން އޮންނަ ބައެއް ކަމުން ވަޒީރުންނާއި ރައްޔިތުންނާ އޮންނަ ގުޅުންވެސް ބަރުލަމާނީ ނިޒާމްގައި ރަނގަޅުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ދެވަނަ ކަމަކީ ރައްޔިތުން ތަމްސީލު ކުރަން ތިބޭ ބަޔަކީ މަޖިލިސް މެންބަރުން. އެހެންކަމުން ހުރިހާ ކަމެއްގައި ރައްޔިތުންގެ ކައިރިއަށްދާން މިޖެހެނީ އަޅުގަނޑުމެން. މި ނިޒާމުގައި ވަޒީރުން އުޅޭނީ ތަންކޮޅެއް ދުރުގައި، ނުވެސް ދާނެ ރައްޔިތުން ކައިރިއަށް. އެމީހުންނާ ގުޅުމެއް ނޯންނާނެ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން އަންނާނީ އަދި ރައްޔިތުންނަށްވެސް ކުރިއެރުން އަންނާނީ ރައްޔިތުން ކައިރިއަށްދާ ބަޔަކު ސަރުކާރުގައި ކަންކަން ކުރަން ތިބެގެން ކަމަށެވެ. މިހާރުވެސް ރައްޔިތުންގެ ކަންކަމުގައި ވަޒީރުންގެ ކައިރީގައި އާދޭސް ކުރަން ޖެހޭ ބަޔަކީ މެންބަރުން ކަމަށާއި ބަރުލަމާނީ ނިޒާމުން ހުރަސްތައް މަދު ކޮށްލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެއަށް ތަރައްގީ އާއި ކުރިއެރުން އަންނާނީ އަދި ރައްޔިތުންނަށްވެސް ކުރިއެރުން އަންނާނީ ރައްޔިތުން ކައިރިއަށްދާ ބަޔަކު ސަރުކާރުގައި ކަންކަން ކުރަން ތިބެގެން. ރައްޔިތުން ކައިރިއަށްދާ ބަޔަކު ވަޒީރުންނަށް ތިބެވެން އޮތީ ބަރުލަމާނީ ނިޒާމެއް ގެނެސް މެންބަރުންގެ ތެރެއިން ބައެއް މެންބަރުން ވަޒީރުންނަށް ތިބީމަ. މި ވާގޮތަކީ ފަސް އަހަރުވީމަ އަނެއްކާވެސް އެބަ ޖެހޭ ރައްޔިތުން ކައިރިއަށްދާން. އެހެންވީމަ މަޖުބޫރު އެބަވޭ އެކަން ކުރަން. މިހާރު ވަޒީރުންނަކަށް މަޖުބޫރެއް ނުވޭ. މިހާރު މެންބަރުން އާދޭސް ކުރަން އެބަޖެހޭ ވަޒީރުން ކައިރީ. ހުރަސްތައް އެބަ މަދު ކޮށްލެވޭ ބަރުލަމާނީ ނިޒާމެއް ގެނެސްގެން،" އާޒިމް ވިދާޅުވިއެވެ.

އާޒިމް މިގޮތަށް ވިދާޅުވެފައިވާއިރު، މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ގެނެސްދިން "އާސްކް ސްޕީކާ" ގެ ތިން ވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށާއި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭ ކަމަށާއި އަންނަ އަހަރު ނިޒާމުގެ ވޯޓެއް ނަގަން ފެންނަ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި. އެ ބަދަލު ގެނައުމަށްޓަކައި 2022 ވަނަ އަހަރުގެ ތެރޭގައި ފެންނަ ނުފެންނަ ވޯޓެއް ނެގުން އެއީ ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެއްވެސް އިރެއްގައި ދެކޮޅު ނުހައްދަވާ ކަމަށާއި އެމަނިކުފާނު ކުރައްވާ އެއްވެސް ކަމަކަށް ރައީސް ސޯލިހު ދެކޮޅު ނުހައްދަވާނެ ކަމަށެވެ. އަދި ވިދާޅުވީ، ބަރުލަމާނީ ނިޒާމް ގެނައުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބޮޑުވަޒީރާއެކު މަޖިލީހުގެ ތެރެއިން ސަރުކާރު ހިންގުމުން ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށާއި ތަރައްގީގެ ދުވެލިވެސް ބާރުވެގެންދާނެ ކަމަށެވެ. އެ ބަދަލު ގެނައުމަށްޓަކައި މަސައްކަތް ކުރާނެ ކަމަށާއި އެ ބަދަލު ގެނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.