މެންޗެސްޓާ ސިޓީން ލިއޮނަލް މެސީގެ ސޮއި ހޯދަން މިވަގުތު މަސައްކަތް ނުކުރާ ކަމަށް އެޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވާއިރު، މެސީގެ ސޮއިއަށް ޕީއެސްޖީން ސީދާ ވާހަކަތައް ފަށައިފިއެވެ.
ފާއިތުވެދިޔަ 17 އަހަރު ބާސާގައި ހޭދަކުރި ޓީމުގެ ކެޕްޓަން މެސީގެ ކޮންޓްރެކްޓް އާކުރުމުގެ މަސައްކަތް ބާސާއިން ކުރި ނަމަވެސް އެކަން ވަނީ ރޭ ނާކާމިޔާބުވެފައެވެ. ބާސާއިން ރަސްމީކޮށް ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަންގައި މެސީ އެޓީމުން ނުފެންނާނެ ކަމަށާއި، ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް މެސީގެ އާ ކޮންޓްރެކްޓް ނުފެތޭތީ އެއްބަސްވުން އާ ކުރެވެން ނެތް ކަމަށެވެ.
ފަރާތް އެއްބަސްވުމަކާ ހަމައަށް ގޮސް، ކޮންޓްރެކްޓްގައި ސޮއި ނުކޮށް، ކުއްލިއަކަށް "ޔޫ ޓާން"އެއް ނެގި ސަބަބާއި ގުޅިގެން ބާސާ ރައީސް ޖޮއާން ލަޕޯޓާ ބުނެފައި ވަނީ މެސީވެސް މަޑުކުރަން ބޭނުންވެ، ސޮއިކުރަން ތައްޔާރުވި ނަމަވެސް ކޮންޓްރެކްޓްގައި ވާ ގޮތަށް މެސީއަށް މުސާރަ ދޭން ލަލީގާއިން އިންކާރު ކުރި ކަމަށެވެ.
" މެސީއާއެކު އެއްބަސްވުމަކަށް އާދެވުނު. ދެ އަހަރުގެ މުސާރަ 2026 ވަނަ އަހަރާ ހަމައަށް ފައިސާ ދައްކާ ގޮތަށް ހުރިހާ ކަމަކަށް އެއްބަސްވެ ސޮއިކުރަން އޮތީ އިއްޔެ. އެކަމަކު ލަލީގާއިން އެ އެގްރީމަންޓްގެ ކަންކަން ބަލައެއް ނުގަތް. އެކަމަށް އެއްބަހެއް ނުވި. އެހިސާބުން އެނގުނު ސޮއި ނުކުރެވޭނެކަން. އެހެން ބައިވަރު އޮފާތައް ހުރި ނަމަވެސް މެސީ ބޭނުންވީ ބާސާގައި މަޑުކުރަން. އެހެން ހުށަހެޅުންތަކަށްވުރެ ބާސާގެ ހުށަހެޅުމުގައި މުސާރަ ކުޑަ ނަމަވެސް އެކަމަށްވެސް މެސީ މައްސަލަ ޖައްސާފައެއް ނުވޭ. އެކަންކަމަށް ނުބަލާވެސް މެސީ ސޮއިކުރަން ނިންމި، އެކަމަކުވެސް ލަލީގާއިން އެކަން ކުރަން އެއްބަހެއް ނުވި،" ލަޕޯޓާ ވިދާޅުވެފައިވެއެވެ.
މެސީ ބާސާއާ ދުރަށް ދާން ގަސްދުކޮށްފައިވާއިރު، އޭނާ ގެންދާނެ ކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ކްލަބުތަކަކީ މާލީ ގޮތުން ތަނަވަސް އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީއާއި ފްރާންސްގެ ޕީއެސްޖީއެވެ.
" އަހަރެން ވަރަށް ބޮޑަށް އިހުތިރާމްކުރަން ހަޔާތުގައި ފެނުނު އެންމެ މޮޅު، އެންމެ ތަފާތު ކުޅުންތެރިޔާއަށް. މެސީއަކީ އަހަންނަށް މިއުނިކާއި އިންގްލެންޑަށްވެސް ދިޔުމަށް އެންމެ ބޮޑު ރޯލެއް ކުޅެދިން ކުޅުންތެރިޔާ. ބާސާ އެހެން ލެވެލްއަކަށް ގެންދިޔުމުގައި މެސީ ހޭދަކުރި ދައުރަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަހަރެން އަބަދުވެސް އެދޭނީ މެސީއަށް ކާމިޔާބީ. ގްރީލިޝްއަށް ސިޓީން ހަރަދުކޮށް އޭނާ ގެންދިޔައީ 10 ނަންބަރު ދޭންވެސް އެއްބަސް ކޮށްގެން. އެހެންވީމަ މިހާރު ސިޓީގެ ވިސްނުމެއް ނެތް މެސީއަކަށް،" މެސީއަށް ގިނަ ދުވަސްތަކެއް ވަންދެން ބާސާގައި ކޯޗުކަން ކޮށްދިން ޕެޕް ބުންޏެވެ.
ސިޓީން މެސީއަށް ފާރަނުލާ ކަމަށް ގާޑިއޯލާ ބުނެފައިވާއިރު، ޕީއެސްޖީން ވަނީ މެސީ ގެންދިޔުމަށް ސީދާ ވާހަކަތައް ފަށާފައެވެ. އިތުބާރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައި ވަނީ މެސީގެ ސޮއި ހޯދުމަށް ޕީއެސްޖީއަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށާއި، މެސީގެ ޑީލްއަށް ރަނގަޅު ގޮތެއް ހޯދުމަށް މިހާރު އެ ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ ޑީލްއަށް އެންމެ ބޮޑަށް ބާރު އަޅަނީ ކުރިން މެސީއާއެކު ބާސާއަށް ކުޅުނު ނޭމާ ކަމަށްވެސް ރޮމާނޯ ވަނީ ރިޕޯޓު ކޮށްފައެވެ.
ބައެއް އިތުރު ނޫސްތަކުން ނުސީދާކޮށް ހަބަރު ފަތުރާފައިވާ ގޮތުގައި ޗެލްސީންވެސް އަންނަނީ މެސީއަށް ފާރަލަމުންނެވެ. އެގޮތުން ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗްގެ އެންގުމަށް މެސީގެ ޓީމާ ޗެލްސީގެ ބޯޑު ބައެއް މެމްބަރުން، ރޯމަންއާއެކު ބައްދަލުކުރަން ތައްޔާރުވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.
އުމުރުން 34 އަހަރުގެ މެސީ، 2004 ގައި ބާސާގެ ސީނިއާ ޓީމާ ގުޅުމުގެ ކުރިން އޭނާ ވަނީ ތިން އަހަރު ދުވަހު ބާސާގެ ޔޫތު ޓީމުތަކަށް ވެސް ކުޅެފައެވެ. އޭގެ ފަހުން މެސީ ވަނީ ބާސާ ޖާޒީގައި 672 ގޯލް ޖަހައި، 10 ފަހަރަށް ލަލީގާ ކާމިޔާބުކޮށް، އެ ކްލަބާއެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލާލައިފައެވެ. މެސީއަކީ މިހާތަނަށް ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ވަރަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އޭނާ ވަނީ ހަ ފަހަރަށް ބެލޮންޑިއޯވެސް ހޯދައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު