ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ފަށާފައިވާ ކެމްޕެއިނުގައި ބައިވެެރިވާން، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި އެމްއާރުއެމްއަށް ފޮނުވި ދައުވަތު ގަބޫލުނުކުރިޔަސް އެ ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އިިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިންގައި ބައިވެރިވުމަށް އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމްގެ އިތުރުން އެމްޑީއޭއަށް ރަސްމީކޮށް ދައުވަތު އަރުވާފައިވަނީ އިއްޔެއެވެ.
އެމްޑީއޭ ނޫން އެހެން ހުރިހާ ޕާޓީއަކުން ވަނީ އިދިކޮޅާ އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް ބުނެފައެވެ.
އަދުރޭ މިރޭ "ވަން" އަށް ވިދާޅުވީ، ދައުވަތު ދިން ޕާޓީތަކުގެ އެއްބާރުލުން ނުދިނަސް ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށާއި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
"އެބޭފުޅުން މީގައި ބައިވެރި ނުވިޔަސް ކެމްޕެއިން ކުރިއަށް ގެންދާނެ. ހުއްޓާލާ ގޮތަކަށް ނޫން އަޅުގަނޑުމެން މިތިބީ، ޕީޕީއެމް/ޕީއެންސީ އަކުން ގައުމުގެ މިނިވަންކަން ގެއްލިގެންދާ މަންޒަރު ބަލާކަށް ނުތިބޭނެ. އަޅުގަނޑުމެންގެ މި މަސައްކަތުގައި ގައުމަށް އިހުލާސްތެރި ރައްޔިތުންގެ އެއްބާރުލުން ލިބޭނެ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ، ކެމްޕެއިންގެ ކަންކަން ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އިންތިޒާމު ކޮމިޓީގެ ފަރާތުން ރައްޔިތުންނާއި ހިއްސާކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު