އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް ދިން ދައުވަތަށް އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ފަށާފައިވާ ކެމްޕެއިނާ ގުޅުމަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ވަނީ ރަސްމީކޮށް މިއަދު ދައުވަތު ދީފިއެވެ.

އެކަމާ ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްޕޯކްސްޕާސަން އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު މިރޭ "ވަން" އަށް ވިދާޅުވީ އެފަދަ ކަމަކަށް ޖޭޕީގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ. އަދި ޖޭޕީ އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކޯލިޝަނާއެކު ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލީ ސޯލިހު ވިދާޅުވީ މި ވަގުތަކީ ކޮވިޑުގެ ހާލަތުގައި ގައުމު ތަހަންމަލު ކުރަމުންދާ ވަގުތެއް ކަމަށާއި މި ހާލަތުގައި އެކަން ކުރަންޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވެފައިވާ ކަމަށެވެ.

"ގާސިމް އިބްރާހިމް ވިދާޅުވެފައި އެބައޮތް މި ހާލަތުގައި ގައުމު ހަލަބޮލިކޮށް، ކޮވިޑުގެ މި ހާލަތުގައި އެކަން ކުރަންޖެހޭ ހާލަތެއް އޮތް ކަމަކަށް ގަބޫލެއް ނުކުރައްވާ ކަމަށް. ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް އެކުރައްވާ ކަމެއް އެ ކުރައްވަނީ. ތިކަމާ ދޭތެރޭގައި ކުރިންވެސް ދެންނެވިހެން ދަންނަވަން އޮތީ، ޝައުގުވެރިކަމެއް ނެތޭ،" އަލީ ސޯލިހު ވިދާޅުވިއެވެ.

އަލީ ސޯޯލިހު އިތުރަށް ވިދާޅުވީ އެފަދަ ސިޓީއެއް ހުށަހެޅިފައިވާނަމަ، ޕާޓީގެ ގަވާއިދުތަކާ އެއްގޮތަށް، ކައުންސިލަށް ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް މި ހާލަތުގައި އެކަމާ ގުޅިގެން ޕާޓީން ކުރަންޖެހޭ އެއްވެސް މަޝްވަރާއެއް ނެތް ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ އެ ކެމްޕެއިނާ ގުޅުމަށް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ، އެމްއާރުއެމް، އެމްޑީއޭ އަދި އެ ޕާޓީތަކުގެ ލީޑަރުންނަށް ރަސްމީކޮށް މިއަދު ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އިދިކޮޅުން ދައުވަތު ފޮނުވި ޕާޓީތަކުގެ ތެރެއިން އެމްޑީއޭ ފިޔަވައި ދެން ތިބި ހުރިހާ ޕާޓީއަކީވެސް ސަރުކާރު ހިންގާ ކޯލިޝަންގެ ހިއްސާ އޮތް ޕާޓީތަކެވެ.

ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި، އަދުރޭ ވަނީ ދިވެހިންގެ މިނިވަންކަން ދިވެހިންގެ އަތުން ބީވެގެން ދާތަން މިހާރު ފެންނަ ކަމަށާއި ގައުމު ސަލާމަތް ކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެއީ ގައުމީ މަސައްކަތެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.

އަދުރޭ ވަނީ، އެމްއެންޕީގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތްކުރައްވާ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ޑީއެންއޭގެ ނަމުގައި ހަރަކާތެއް ހިންގަވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށްވެސް އިދިކޮޅުގެ ކެމްޕެއިނާ ގުޅުމަށް ދައުވަތު އަރުވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅާއެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. ނަމަވެސް އެކަމަށް އިދިކޮޅުން ވަނީ އިންކާރުކޮށް އެމްޑީޕީއާއެކު އަދި ރައީސް ނަޝީދާއެކު ސިޔާސީ މަސައްކަތް ނުކުރާނެ ކަމަށް ބުނެފައެވެ.