ޝަރީއަތުގެ ކުރިން ހުށަހަޅަން ޖެހޭ އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާގެ ޝަރީއަތުގެ މިއަދުުގެ އަޑުއެހުން ނިންމާލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެކެވެ.

މި ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައި ވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނު ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި ކަމަށްބުނާ 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑާ ކުރުމުގެ ކުށުގައެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތީ، މި ދެމައްސައިގެ ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގެ ތެރެއިން އަޑުއެހުމެކެވެ.

އެހެންކަމުން މިއަދުގެ އަޑު އެހުމުގައި އޮތީ، ދެ ފަރާތުން ހެކިން ހުށަހެޅުމެވެ.

ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ކުރިއަށްގެންދެވި މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ދެއްވީ ދައުލަތަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު ވަނީ އެ ދެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ސާބިތު ކުރުމަށް ޝަފައީ އަދި ކިތާބީ ހެކި ހިމެނޭ ގޮތަށް 86 ހެއްކެއް ހުށަހަޅުއްވައިފައެވެ.

ދިފާއުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް، ޝަފައީ ހެއްކާއި ކިތާބީ ހެކި ހިމެނޭ ގޮތަށް 30 ހެއްކެއް ހުށަހެޅުއްވިއެވެ.

އެފަރާތުން ހެކި ހުށަހަޅައި ނިމުމުން، މި މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން އިތުރު ހުށަހެޅުންތައް ހުށަހަޅަށް ބޭނުންތޯ، ގާޒީ އަހުމަދު ޝަކީލް ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވިއެވެ.

އެބޭފުޅުން ވިދާޅުވީ، އިތުރު ހުށަހެޅުންތައް ހުށަހަޅަން ބޭނުން ކަމަށެވެ. ހަމަ އެގޮތަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންވެސް ވިދާޅުވީ، ޝަރީއަތުގެ ކުރިން އިތުރު ހުށަހެޅުންތައް ހުށަހެޅުމަށް ބޭނުންވާ ކަމަށެވެ.

އެހެންކަމުން ދެ ފަރާތުން ވެސް ޝަރީއަތަށް ހުށަހަޅަން ބޭނުންވާ އެ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ދެއްވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެއަށްފަހު މިމަހުގެ 22 ގައި އެ ދެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވަވާނެ ކަމަށް ވިދާޅުވެ، އިސްގާޒީ އަހުމަދު ޝަކީލް މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ.