އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޮންގްރެސްއާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ދައުވަތެއް ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެ ފަދަ ދައުވަތެއް ލިބިވަޑައިގަތަސް ގޮތެއް ނިންމަވާނީ ޕާޓީއާ މަޝްވަރާކުރެއްވުމަށް ފަހު ކަމަށް ކުރީގެ ރައީސް، ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.

އެމްއާރްއެމްގެ ރައީސް، އަދި ސަރުކާރުގެ ކޯލިޝަންގެ އެއް ޕާޓްނަރު، ރައީސް މައުމޫން މިހެން ވިދާޅުވީ ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދާދި ފަހުން ފެށި "މިނިވަންކަމުގެ ދިފާއުގައި ދިވެހީން" ހަރަކާތާ ގުޅިވަޑައިގަތުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީއެއްގެ ލީޑަރުންނަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްވި ދައުވަތާ ގުޅޭ ގޮތުން "ވަން" އިން ސުވާލު ދެންނެވުމުންނެވެ.

ރައީސް މައުމޫން ވިދާޅުވީ އެފަދަ ދައުވަތެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ދައުވަތު ލިބިއްޖެ ނަމަ ޕާޓީގެ ބޭފުޅުންނާ މަޝްވަރާ ކޮށްފަ ގޮތެއް ނިންމާނީ." ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ އެފަދަ ދައުވަތެއް ކަމަށް ގަބޫލުފުޅު ކުރައްވަނީ؛ "އަޅުގަނޑަށް އެޑްރެސް ކޮށް ފޮނުވާފައިވާ ލިޔުމެއް." ކަމަށެވެ.

ގައުމު މިނިވަންކުރުމަށް ކަމަށް ބުނެ އިދިކޮޅުން ފެށި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތް ކުރައްވާ ލީޑަރުންނަށް އަދުރޭ ވަނީ ދައުވަތު އަރުވައިފައެވެ.

"އަޅުގަނޑު މިއަދު، ރައީސް ޔާމީންގެ އިޒުނަފުޅާއެކީގައި މި މަސައްކަތުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މަސައްކަތް ކުރައްވާ ހުރިހާ ލީޑަރުންނަށް ދައުވަތު އަރުވަން. ރާއްޖޭގެ މިނިވަންކަން ދިފާއުކުރުމަށް އަޅުގަނޑު ދައުވަތު އަރުވަމޭ މި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް މައުމޫނަށްވެސް. އަދި ހަމަ މި މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު އަރުވަން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނަށްވެސް،" މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅާ ގުޅުމަށް ރައީސް މައުމޫނާއި ޝައިހް އިމްރާންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ)ގައި އިސްކޮށް އުޅުއްވާ އުމަރު ނަސީރާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ދަނގެތީ ދާއިރާގެ ކާނަލް ރިޓަޔާޑް މެންބަރު މުހައްމަދު ނާޒިމަށްވެސް އަދުރޭ ވަނީ ދައުވަތު އަރުވައިފައެވެ.