ސިނަމާލެ ބުރިޖާއި ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ހުޅުމާލެ ފޭސް-2 އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތަސައްވަރެއް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޔުމްނާ އެހެން ވިދާޅުވެފައިވަނީ، ރައީސް މައުމޫންއާ ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި އަބްދުއްރަހީމް އަބްދުﷲ، ރޭ ޕީޕީއެމް އޮފީހުގައި ދެއްކެވި ވާހަކަތަކެއް ދޮގުކުރައްވައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

"އެބޭފުޅުންނޭ ވިދާޅުވީ ކީއްކުރަން އަޅާ ބުރިޖެއްހޭ މި އޮތީ. ކީއްކުރަން އަޅާ ބުރިޖެއްހޭ މިއީ، އެއަށްވުރެ މާ ރަނގަޅު ކަންތައް ކުރަން އެބަހުއްޓޭ. އިސްލާމީ މަރުކަޒެއް މާލޭގައި ބިނާކޮށްފައި ހުއްޓައި، ކީއްކުރަން ހެއްޔޭ މިތާ ހެދިގޮނޑުދޮށުގައި އަލުން އިސްލާމީ މަރުކަޒެއް ބިނާކުރަން މި އުޅެނީ. ހުޅުމާލެ ހިއްކާފައި އޮއްވައި އަލުން ކީއްކުރަން ހެއްޔޭ އެތާންގައި ދެވަނަ ފޭސްއެއް ހިއްކައިގެން ޒުވާނުންގެ ސަހަރެއް ބިނާކުރަން މިއުޅެނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ވާހަކަތައް އޭނާ ކައިރި ދެއްކީ ރައީސް މައުމޫން ކަމަށް ވިދާޅުވިއެވެ. އަދި އެ ވާހަކަތައް ދައްކާފައި ވަަނީ އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއެކު ހުންނެވުމަށްފަހު ތާއިދު އަނބުރާ ގެންދެވުމަށް ހުއްޖަތެއްގެ ގޮތުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގާތު ވިދާޅުވީ ތިމަންނަގެ މައްސަލައަކީ މިއީ އޭ. ތިމަންނަގެ ލެގަސީ ދުއްވާލާށޭ ރައީސް ޔާމީން އެ މަސައްކަތް ކުރައްވަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ އެ ވާހަކަތައް ދޮގުކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، އޭރު ކަން ހިނގައިދިޔަ ގޮތް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވާ ކަމަށާއި ރައީސް ޔާމީންގެ ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރުން އެ ޕާޓީގެ އުސޫލުތަކާ ދުރަށް ގޮސް، ކޮރަޕްޝަނާއި އަނިޔާވެރިކަމުގެ ތެރެއަށް ދިއުމުން ކަމަށެވެ.

"ފޭސް-2 ވެސް ބުރިޖުވެސް އެއީ ރައީސް މައުމޫންގެ ތަސައްވަރެއް،" ޔުމްނާ ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ދައުރުގައި ހުޅުމާލެ ހިއްކައި އެތަނުގައި މީހުން އާބާދު ކުރި ނަމަވެސް، ހުޅުމާލެ ފޭސް-2 އަދި ބުރިޖުގެ މަސައްކަތް ފަށައި ނިންމާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.