އަލާމާތްތަކެއް ފެނިގެން ނެގި ސާމްޕަލްތަކެއް ޕޮޒިޓިވް ވުމާ ގުޅިގެން މ. ކޮޅުފުއްޓާއި ށ. ފީވައް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ކޮޅުފުށީ ކައުންސިލުގެ ރައީސް އަބްދުލް އަލީމް "ވަން"އަށް މިއަދު ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކަމަށެވެ.
"ޕޮޒިޓިވް ވެފައި މިވަނީ ރަށުތެރެއިން ނެގި ސާމްޕަލްތަކެއް. އެއީ ރަށުގެ އެކި ގެތަކަށް ނިސްބަތްވާ މީހުން،" އަލީމް ވިދާޅުވިއެވެ.
ފީވަކު ކައުންސިލްގެ ރައީސް އަލީ ރަޝީދު ހަސަން "ވަން"އަށް ވިދާޅުވީ ކޮވިޑްގެ އަލާމާތްތައް ފެނިގެން އެރަށުން ރޭ ނެގި ތިން މީހެއްގެ ސާމްޕަލް މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވް ވި އެންމެންނަކީ ވެސް އާއިލީ ގޮތުން ގުޅުން އޮންނަ މީހުން ކަމަށެވެ. އަދި އެރަށު ތެރޭގައި ވަރަށް ބޮޑަށް ބަލި ފެތުރިފައި އޮތުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
ޕޮޒިޓިވް ވި މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު މާލެއިން އެރަށަށް ދިޔަ ބައެއް ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
"ވެކްސިން ފުރިހަމަކޮށްފަ އަދި 72 ގަޑިއިރުގެ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު މިރަށަށް އައި ބައެއް ޕޮޒިޓިވް މިވީ. އީދު ބަންދަށް މާލެއިން ރަށްރަށް ދިޔަ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވާނެ. އެކަމުގެ ހެކި މިރަށުން ފެނިފައި މިވަނީ،" އަލީ ރަޝީދު ވިދާޅުވިއެވެ.
މިއީ ކޮޅުފުށި މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ފަހަރެވެ. އަދި ފީވައް މޮނިޓަރިންގެ ހާލަތަށް ގެނައި ދެ ވަނަ ފަހަރެވެ.
އެ ދެ ރަށުގައި ވެސް ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަ ގެންދެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ޖުމުލަ 12 ރަށެއް މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އޭގެތެރޭގައި ފުވައްމުލައް ސިޓީ އާއި ކުޅުދުއްފުށި ސިޓީވެސް ހިމެނެއެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19