ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ހަރުކަށި ފިކުރު ނައްތާލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރެއްވިކަން ވެރިކަން ކުރާ އެމްޑީޕީން މިއަދު ގަބޫލުކޮށްފައިވާ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު "ވަން"އަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ޓެރަރަޒަމާއި ހަރުކަށި ފިކުރުގެ މައްސަލަތަކުގައި ފިޔަވަޅު އަޅާނެ ހަރުދަނާ ގޮތްތަކެއް ހިމެނިފައިވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ގާނޫނު ފާސްކުރަން އެންމެ ބޮޑަށް ދެކޮޅު ހެދި އެމްޑީޕީއަށް މިއަދު އެ ގާނޫނު ކަމުގޮސް، އެ ގާނޫނު ތަންފީޒުކުރަން ފެށުމަކީ ހަރުކަށި ފިކުރު ރާއްޖެއިން ނައްތާލަން ރައީސް ޔާމީން ހަރުދަނާ މަސައްކަތްތަކެއް ކުރެއްވިކަން އެޕާޓީން ގަބޫލުކުރާ ކަމުގެ ހެއްކެއް ކަމަށެވެ.
"އޭރުގަ އެހާބޮޑަށް އެއާ ދެކޮޅަށް މަލާމާތްކޮށް ވަކާލާތު ކުރި ގާނޫނެއް އެއީ. މިހާރު އެބޭފުޅުންގެ އަތުގަ އެ އޮތީ ސުޕަމެޖޯރިޓީ ކީއްވެގެންތޯ އެ ގާނޫނު ބަދަލު ނުކޮށްގެން އުޅެނީ. ކީއްވެގެންތޯ އެ ގާނޫނު ކަމުގޮސްގެން އެ އުޅެނީ. އޭގެ މާނައަކީ ރައީސް ޔާމީން ގާނޫނުތައް ހައްދަވާފަ ހުރީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ދިވެހި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ބައްލަވައިގެންކަން އެބޭފުޅުން އަމިއްލައަށް އެ އިއުތިރާފުވީއޭ،" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ސަރުކާރުން ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމުން އެމްޑީޕީން އޭރު އެކަމަށް ޖޯކު ޖެހި ކަމަށާއި ނަމަވެސް މިއަދު އެކަން ކުރަން އެމްޑީޕީގެ މަޖިލިސް މެންބަރުން ވަކާލާތު ކުރަމުން އަންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އެ އިޝާރާތް ކުރެއްވީ އެމްޑީޕީގެ މޭ ހައެއް ކޮމިޓީން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކައަށެވެ. އެ ކޮމިޓީގެ ޗެއާ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވީ މޮނިކޮން އަމުރު ނެރެ ހަރުކަށި ފިކުރުގެ މީހުންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެކަމާ ގުޅިގެން އެ ކޮމިޓީގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.
ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަ ކަންބޮޑުވާން ޖެހޭ ދަރަޖަކަށް ގޯސްވެފައިވާ ކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުންނެވެ.
އެ މައްސަލައިގެ ތަހުގީގުގެ ތަފުސީލީ މައުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒު ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތައް ހުރި ގޮތް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)