ރައީސް ޔާމީން ޖަލުން މިނިވަން ވުމަކީ ޕީޕީއެމް ނުވަތަ އިދިކޮޅު ކޯލިޝަނުގެ ލީޑާޝިޕުގައި ތިބި އެއްވެސް މީހަކު ހިތުގެ އަޑީން ބޭނުންވާ ކަމެއް ކަމަށް ގަބޫލު ނުކުރައްވަވާ ކަމަށް ރައީސް ޔާމީންގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުންނަކީ ރިޔާސީ ޓިކެޓަށް ތައްޔާރުވެވަޑައިގެން ތިއްބެވި ބޭފުޅުން ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީން މިނިވަން ވެދާނެ ފަދަ އޮއްޓަރު ހުރި އެއްވެސް މަސައްކަތެއް އެބޭފުޅުން މިހައި ތަނަށް ވެސް ނުކުރައްވަވާ ކަމަށާއި ކުރިޔަށް އޮތް ތަނުގައިވެސް އެކަން ދާނީ އެހެން ކަމަށެވެ.
"ރައީސް ޔާމީން މިނިވަން ވުމަކީ މިއިން އެއްވެސް ބޭފުޅު އެދިވަޑައިގަންނަވާނެ ކަމެއް ނޫން. އެކަން ދެން ވަރަށް ސާފު. އެމީހުން އެތިބީ މާލޫދަށް އަރައި. އެ އެންމެންވެސް ބޭނުންވަނީ ރިޔާސީ ޓިކެޓު!" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ޔާމީން މިނިވަން ކުރުމަށް ރަނގަޅު މަސައްކަތްތަކެއް ހެޔޮ ނިޔަތުގައި ކުރައްވައިފާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ޕީޕީއެމް ޕީއެންސީގެ ލީޑާޝިޕުގައި ތިއްބެވި ގިނަ ބޭފުޅުން ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި އެ ދައްކަވާ ވާހަކަތަކަކީ ސިޔާސީ އެހެން މަގުސަދުތަކެއް ހާސިލުކުރުމަށާއި އެވާހަކަދައްކަވާ ބޭފުޅުންގެ ޒާތީ ތާއީދު ބޮޑުކުރުމަށް ކުޅުއްވާ ޑްރާމާތަކެއް ގަބޫލުކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަތުމުގެ އެއްވެސް ފުރުސަތެއް ވެސް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އުމަރު ނަސީރު
އުމަރު ނަސީރު
އުމަރު ނަސީރު