ސީރިއާއޭ ބުނުމުން ސިފަވަނީ ހަނގުރާމައެއްގެ ސަބަބުން ވީރާނާވެފައިވާ ގައުމެއްގެ މަންޒަރެވެ. އިމާރަތްތައް ބިމާހަމަވެފައެވެ. ނޫނީ ހަލާކުވެ ވެއްޓެން ކައިރިވެފައެވެ. މަގުމަތީގައި ބޭނުން ނުކޮށް އަދި ބޮމާއި މިސައިލް ހަމަލާތަކުގެ ސަބަބުން ހަލާކުވެފައިވާ އެއްގަމު އުޅަނދުތަކެވެ. ބަޑީގެ ވަޒަނުގެ އަޑުފަށްގަނޑެވެ. ވަންނާނެ ގޮދޮރެއް ނެތި ހާލުގައި ޖެހިފައިވާ އެތަކަށް ބަޔަކު ދިރިއުޅެމުންދާ މަންޒަރެވެ. ބޮޑު އިންސާނީ ކާރިސާއަކާ ކުރިމަތިލައިފައިވާ ގައުމެއްގެ މަންޒަރެވެ. ސީރިއާއަށް އެފަދަ ހާލެއް ޖެހުނީ އެކިއެކި ސަބަބުތަކާ ހެދި އެ ގައުމުގައި އުފެދިގެން އައި ހަރުކަށި ފިކުރުގެ ހަނގުރާމަވެރިންގެ ޖަމިއްޔާތަކުން، އެ ގައުމުގެ ސަރުކާރާ ދެކޮޅަށް ކުރި ހަނގުރާމައިގެ ސަބަބުންނެވެ.

ވީރާނާވެފައިވާ ސީރިއާގެ މަންޒަރު، އެ ގައުމުގެ މުސްލިމުން އުޅެމުންދާ ހާލަތަކީ ހިތްދަތި އިހުސާސްތަކެއް ގެނުވާނެ ކަންކަމެވެ. އެކަމުގެ ނާޖާއީޒު ފައިދާ ނެގީ ސީރިއާގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ޖަމިއްޔާއެއް ކަމަށްވާ އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިއާ (އައިސިސް)އިންނެވެ. ސީރިއާއިން ބޭރުން، އެ ޖަމިއްޔާއަށް ގުޅޭނެ މީހުން ހޯދުމަށް، އެ މަންޒަރުތައް ދައްކައި، މީހުންގެ ހިތްތައް އައިސިސްއިން ލަންބުވާލިއެވެ. ދީނީ އެކިއެކި ވާހަކަ ދައްކައި މީހުންގެ ސިކުނޑި ދޮވެލައިގެން، ސީރިއާއަށް ގެންދިޔައެވެ. އެކަމުގެ އަސަރު ރާއްޖެއަށް ފޯރައި، އެ ޖަމިއްޔާއަށް ތާއީދުކުރާ އަދި އެ ޖަމިއްޔާގެ މެންބަރުން ވަނީ، ރާއްޖެއިން، ސީރިއާއަށް، ހަނގުރާމަ ކުރަންދާނެ މީހުން، ރެކްރޫޓުކޮށް، އެ މީހުން ސީރިއާއަށް ފޮނުވައިފައެވެ.

ޓެރަރިސްޓް ޖަމާއާތެއް ހިންގުމުގައި ބައިވެރިވުމާއި ޓެރަރިސްޓް ޖަމާއާތެއްގެ މެންބަރަކަށްވުން، ޓެރަރިސްޓް ޖަމާއާތެއް ހިންގުމުގައި ބައިވެރިކުރުމަށް މީހަކު އެ ޖަމާއަތާ ގުޅުވުން އަދި ޓެރަރިސްޓް ޖަމާއާތެއްގެ ހަރަކާތްތައް އެއްވެސް ގޮތަކުން ކޮންޓްރޯލްކުރުމާއި، އެ ހަރަކާތްތައް ކުރިއަށް ގެންދަންވީގޮތުގެ އިރުޝާދު ދިނުމަކީ، ކަނޑައެޅިގެން ރާއްޖޭގައި ހެދިފައިވާ ގާނުތަކާ ހިލާފު ކަންކަމެވެ. ދިވެހި ސަރުކާރުގެ ފަރާތުން ހާއްސަ ހުއްދައެއް ލިބިގެން މެނުވީ ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުން އަދި ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރުދިނުމަކީ ވެސް ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން ކުށެކެވެ.

އެ ހުރިހާ ކަމެއް އެގޮތަށް ހުރި ނަމަވެސް ރާއްޖެއިން އެކި އަހަރުތަކުގެ މަތިން މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ވަނީ ސީރިއާއަށް ގޮސްފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އެ މީހުންނަށް އޮޅުވާލައިގެން ނުވަތަ މަޖުބޫރުން ސީރިއަށް ގެންގޮސްފައިވާ މީހުންނެވެ. އޭގެ ތެރެއިން އައިސިސްއާ ގުޅިގެން ހަނގުރާމައިގައި އުޅުނީ ކިތައް މީހުން ކަމެއް ދިވެހި ސަރުކާރަކަށް ނޭނގެއެވެ. ސީރިއާގައި ކުރި ދާހިލީ ހަނގުރާމަ ނިމި، އައިސިސް ބަލިވުމާއެކު، ސީރިއާގައި ތިބި ދިވެހިން ވަނީ ހާލުގައި ޖެހިފައެވެ. އެ މީހުން ރާއްޖެ އަންނަން ބޭނުންވެގެން އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައެވެ. ދިވެހި ރައްޔިތުންނަށްވީތީ، އެ މީހުން ގައުމަށް ގެންނަން ޖެހޭތީ ސަރުކާރުން ވަނީ އޭގެ ތެރެއިން ބައެއް މީހުން ރާއްޖެ ގެނެސްފައެވެ. އެގޮތުން 21 މީހަކު އިއްޔެ ވަނީ ރާއްޖެއަށް ގެނެސްފައެވެ.

މިއީ ބައެއް މީހުން ކަންބޮޑުވުމާއެކު ކުރާ ސުވާލެކެވެ. އެ މީހުން ރާއްޖެ ގެނެސްގެން އެކަމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިނުވާނެ ހެއްޔެވެ؟ ހަނގުރާމަވެރި ސަރަހަދެއްގައި އުޅެފައި އަންނަ މީހަކު ރިހިބިލިޓޭޓް ކުރެވޭނެ ސެންޓަރަކާއި ވަސީލަތްތައް އެބަހުރި ހެއްޔެވެ؟ އެ މީހުން އަލުން އަނބުރާ ރަނގަޅު ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެވިދާނެ ހެއްޔެވެ؟ މިއީ ސަރުކާރުން ކިހާ ވަރަކަށް ވިސްނާފައި ނިންމި ނިންމުމެއް ހެއްޔެވެ؟

އެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން "ވަން" އަށް ވިދާޅުވީ، " އެ މީހުން އަނބުރާ ރިހިބިލިޓޭޓް ކުރުމަށްފަހު، މުޖުތަމައަށް އެއްވެސް ނުރައްކަލެއް ނެތް ބައެއްގެ ގޮތުގައި ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް "ކަމަށެވެ. އިހުސާން ވިދާޅުވީ، ސީރިއާއިން، ރާއްޖެ ގެނައި 21 މީހުންގެ ތެރޭގައި ހިމެނެނީ 15 ކުޑަކުދީންނާއި ފަސް އަންހެނުން ކަމަށެވެ. 15 ކުޑަކުދީންނަކީ އެ ފަސް އަންހެނުންގެ ދަރިން ކަމަށާއި އޭގެ ތެރޭގައި ތިން އަހަރުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.

"މީގެ ތެރޭގައި މިތިބީ އެކިއެކި ގޮތްގޮތުން މަޖުބޫރު ކޮށްގެންނާއި އޮޅުވާލައިގެން ގެންދިޔަ މީހުން. ދެން މިތިބީ ކުޑަކުދީންތަކެއް. ކުޑަކުދީންގެ ފަރާތުން އޮންނާނެ ނުރައްކަލެއް ނެތް. ސީރިއާއިން ގެނައި ދިވެހިން ރިހިބިލިޓޭޓް ކުރެވޭނެ" އިހުސާން ވިދާޅުވިއެވެ.

ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ ފަރާތްތަކަށާއި އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތްތަކަށް ހިންގަން ޖެހޭ ރީހެބިލިޓޭޝަން އަދި ރީ-އިންޓަގްރޭޝަން ޕްރޮގްރާމްތައް ދެނެގަތުމަށާއި، އެފަދަ ރީހެބިލިޓޭޝަންގެ ޕްރޮގްރާމްތައް ފުރިހަމަކުރާއިރު ބަންދުގައި ތިބޭ ފަރާތްތައް އަނބުރާ މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީއެއް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހޭނެ ކަމަށް "ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު" ގައި ބަޔާންކޮށްފައިވެއެވެ.

ނިމިދިޔަ ސަރުކާރުން ވަނީ ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރު ކ. ހިންމަފުށީގައި ގާއިމުކޮށްފައެވެ. ގާނުނުގައިވާ ގޮތުން، ހަނގުރާމަވެރި ސަރަހައްދުތަކުން ގެންނަ އަންހެންނާއި ފިރިހެނުންނާއި އަދި ކުޑަކުދީން އެތަނުގައި ބައިތިއްބަން ޖެހެނީ ވަކިވަކީންނެވެ. އަދި އެއީ 24 ގަޑިއިރު ސެކިއުރެޓީ ހުންނަ ތަނަކަށް ވާންޖެހެއެވެ. އެތަނުގެ ސެކިއުރެޓީ ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވަނީ ފުލުހުންނާ އެވެ. އެތަނުގައި ބަންދުކުރެވޭ ފަރާތްތައް ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައިވާ މިންވަރަކީ ކޮބައިތޯ ބެލުމަށާއި، އެއިން ފަރާތެއްގެ ކިބައިން މުޖުތަމައަށް ކުރިމަތިވެދާނެ ނުރައްކަލަކީ ކޮބައިތޯ ދެނެގަތުމަށްޓަކައި، އެ މީހުންގެ ރިސްކް އެސެސްމަންޓެއް ހަދަން ޖެހެއެވެ. ރިސްކު އެސެސްމެންޓް ހަދާނީ ފުލުހުންނެވެ.

އިހުސާން ވިދާޅުވީ ރިސްކު އެސެސްމެންޓުގެ ތެރެއިން އެ މީހުންގެ ދީނީ ހަރުކަށި ވިސްނުން ހުރި މިންވަރާއި، ނަފުސާނީ ހާލަތާއި އެ މީހުން ސީދާ ހަނގުރާމައިގެ ތެރޭގައި އުޅުނުކަން ދެނެގަންނާނެ ކަމަށެވެ. އެއަށްފަހު އެ ކަންކަމަށް، ކަމާގުޅޭ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކުން، އެ މީހުން ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"ދީނީ ހަރުކަށި ވިސްނުން ހުރި މީހުން މޮޑަރޭޓް ކުރުމުގެ މަސައްކަތް ދީނީ ދާއިރާއާ ގުޅުންހުރި މީހުން ކުރާނެ. އެހެން ކަންކަން އެހެން ތަޖުރިބާކާރުންގެ ޓީމަކުން ކުރާނެ. އެ މީހުން ފުރިހަމައަށް ރިހިބިޓޭޓް ކުރެވޭނެ، އެ ފެންވަރު އެބަހުރި. އެ މީހުން މުޖުތަމައަށް އަނބުރާ ދޫކުރާއިރު އެ މީހުންގެ ފަރާތުން ނުރައްކަލެއް ނެތްކަން ޔަގީންކުރާނެ. ކިރިޔާވެސް ޝައްކެއް އޮތްނަމަ އެ މީހުން ރިހިބިލިޓޭޝަން ސެންޓަރުގެ ބަންދުން ދޫނުކުރާނެ" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، ރިހިބިލިޓޭޝަން ސެންޓަރުން ދޫކުރުމަށްފަހުވެސް އެ މީހުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްނުލާނެ ކަމަށެވެ. ފަސް އަހަރު ވަންދެން އެ މީހުންގެ ހަރަކާތްތައް މޮނިކޮމް ޓެގް ބޭނުން ކޮށްގެން، މޮނިޓާކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އެހެންކަމުން އެ މީހުންގެ ފަރާތުން މުޖުތަމައަށް އަދި ގައުމަށް ނުރައްކަލެއް ނޯންނާނެކަން އިހުސާން ތަކުރާރު ކުރެއްވިއެވެ.

"އަޅުގަނޑުމެން، މި ދެންނެވީ ކުރީ ސަރުކާރުން އެބަވޭ އެގޮތަށް ގެނައި އާއިލާއެއް ރިހިބިލިޓޭޓް ކޮށްފަ. އެ އާއިލާއިން ދިރިއުޅެމުން އެބަދޭ. އެ މީހުންގެ ފަރާތުން ވަކި ކަމެއް ފާހަގައެއް ނުކުރެވޭ. ތި ދަންނަވާ މުޖުތަމައަށް ނުރައްކާވާ ފަދަ ކަމެއް ނުފެނޭ" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ވެސް ސީރިއާއަށް ފުރުމަށް ތައްޔާރަށް ތިބި ބަޔަކު އެބަތިބި ކަމަށެވެ. ސީރިއާއިން، ރާއްޖެއަށް ގެންނަ މީހުންނަށް ވުރެ ބޮޑަށް ހަގީގަތުގައި ނުރައްކާ ބޮޑީ، ރާއްޖެއިން، ސީރިއާއަށް ދާން ތައްޔާރަށް ތިބި މީހުން ކަމަށްވެސް ފާހަގަ ކުރެއްވިއެވެ. ޕަބްލިކް އޮޕީނިއަންގައި ހުރީ ސީރިއާއިން ގެނައި މީހުންނާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުމެއް ކަމަށާއި، ހަނގުރާމައަށް ފުރަން ތައްޔާރަށް ތިބި މީހުންނާ ގުޅޭ ގޮތުން ކަންބޮޑުވުމެއް ފާޅުނުކުރާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް "ވަން" އަށް ވިދާޅުވީ، ރިހިބިލިޓޭޝަން ޕްރޮސެސް ހަމަޖެހިފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، އެ މީހުންގެ ފަރާތުން މުޖުތަމައަށް އަދި ގައުމީ ސަލާމަތަށްވެސް ނުރައްކަލެއް އޮންނާނެ ގަބޫލު ނުކުރައްވާ ކަމަށެވެ. އެއީ ދިވެހި ރައްޔިތުން ކަމަށްވުމުން، އަދި ދިވެހި ރައްޔިތަކު ކޮންމެ ތަނެއްގައި ހުރުމަށްފަހު ވެސް ރާއްޖެއަށް އަންނަން ބޭނުންވެއްޖެނަމަ، ސަރުކާރުން އެކަމަށް އެއްބާރުލުން ދޭން ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސީރިއާއިން ގެނައި މީހުންގެ ތެރެއިން ސީދާ ހަނގުރާމައިގައި ބައިވެރިވި ކަމަށް ތުހުމަތުވާ ފަރާތެއް ހުރިނަމަ ރިހިބިލިޓޭޝަން ޕްރޮގްރާމް ނިންމުމަށްފަހު، އެ މީހަކަށް ގާނޫނީ އިމުގެ ތެރެއިން އަދަބު ދޭން ވާނެ ކަމަށެވެ. މިނިސްޓަރު އިހުސާން ވެސް ވަނީ އެކަމަށް ތާއީދު ކުރައްވައިފައެވެ. އިހުސާން ވިދާޅުވީ ރިހިބިލިޓޭޝަން އަދި ރިސްކު އެސެސްމެންޓުގެ ތެރެއިން، އެ މީހަކީ ސީދާ ހަނގުރާމައިގައި ބައިވެރި މީހެއްކަން ދެނެގަނެވިއްޖެނަމަ، އެ މީހަކަށް އަދަބު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވީ، ރާއްޖެ ގެނައި މީހުންގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ނަމަވެސް އުމަރު އެ ވާހަކައަށް އިތުރަށް ބާރު ދެއްވުމަށް ދެއްކެވ ވާހަކަ ތަފާތެވެ. އުމަރު ވިދާޅުވީ، އެ މީހުންނަށް ހާއްސަ ކޮށްގެން ރިހިބިލިޓޭޝަން ޕްރޮގްރާމް ނުހިންގި ނަމަވެސް އެ މީހުންގެ ފަރާތުން ނުރައްކަލެއް އައުމަކީ ވުމަށްވުރެ ނުވުން އެކަށީގެންވާ ކަމެއް ކަމަށެވެ.

"ރިހިބިލިޓޭޝަން ޕްރޮގްރާމަކުން އެ މީހުން ރަނގަޅެއް ނުކުރެވޭނެ، އަސްލު ރިހިބިލިޓޭޝަން ޕްރޮގްރާމްއަކީ ބޭރު ދުނިޔެއަށް ދައްކަން ކުރާ ކަމެއް. އެކަމުން އަންނާނެ ބަދަލެއް ނޯންނާނެ" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ސީރިއާގައި އެ މީހުން އުޅޭ ގޮތަށް ރާއްޖެ އައިސް ނޫޅެވޭނެ ކަމަށެވެ. ރާއްޖޭގެ މާހައުލާއި ސީރިއާގެ މާހައުލު ބޮޑުތަނުން ތަފާތު ކަމަށެވެ. އުމަރު ދެކެވަޑައިގަންނަވާ ގޮތުގައި ސީރިއާއިން ގެނައި މީހުން ރިހިބިލިޓޭޓް ކުރުމުގެ ބަދަލުގައި، މޮނިކޮމް ޓެގް ބޭނުން ކޮށްގެން މޮނިޓާކުރުންވީ އެވެ. ނަމަވެސް ސީދާ ހަނގުރާމަ ކުރުމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހުން ރިހިބިލިޓޭޓް ކުރަންވާނެ ކަމަށާއި އަދި އެ މީހަކު މޮނިޓާ ވެސް ކުރަންވާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރާއްޖޭގެ ނެޝަނަލް ސެކިއުރެޓީ ދާއިރާ އަދި ޖިނާއީ އަދުލުގެ ތެރޭގައި އުޅުއްވާ ގިނަ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ސީރިއާއިން ގެނައި މީހުންގެ ފަރާތުން ނުރައްކަލެއް ނެތެވެ. ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރަށާއި އެ ސެންޓަރުގެ ވަސީލަތްތަކަށް އަދި ރިހިބިލިޓޭޝަން ޕްރޮސެސްއަށް އެ ބޭފުޅުންގެ ޔަގީންކަން އެބައޮތެވެ. އިސްތިސްނާ ހާލަތެއް މެދުވެރިވެގެންވެސް ސީރިއާއިން ގެނައި މީހުންގެ ސަބަބުން ނުރައްކަލެއް އޮތް ކަމަކަށް އެއިން އެއްވެސް ބޭފުޅެއް ދެކެވަޑައިނުގަންނަވައެވެ. އެއީ ވެސް ދިވެހި ރައްޔިތުންނެވެ. ދިވެހީންގެ ގޮތުގައި، ރާއްޖޭގައި އުޅުމުގެ ހަމަހަމަ ފުރުސަތުވެސް ލިބެން ވާނެ އެވެ. މުޖުތަމައު ވެސް އެމީހުން ބަލައިގަނެ، މިކަންކަން ގަބޫލުކުރުން މުހިންމު ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވައެވެ.