މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޓޫރިސްޓު ސަބްމެރިން މޯލްޑިވްސް ލިމިޓެޑަށް ފޮނުވި ނޯޓިސް އޮފް ޓެކްސް އެސެސްމެންޓުގެ މުއްދަތު އިތުރުނުކޮށް ދިނުމަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މީރާގެ ފަރާތުން އެކެއް ޑިސެމްބަރު 2014 އިން 31 ޖުލައި 2017 ގެ ނިޔަލަށް ސަބްމެރިން މޯލްޑިވްސްގެ ހިސާބުތަކުގެ ޖީއެސްޓީ އޮޑިޓެއް ކުރުމަށްފަހު 2017 ވަނަ އަހަރު، ޓޫރިސްޓު ސަބްމެރިންގެ ފަރާތުން މީރާއަށް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ ތެރެއިން 278،198 މަދުން ދައްކާފައިވާކަން ފާހަގަވެފައިވާތީ، އެ ފައިސާ މީރާއަށް ދެއްކުމަށް އަންގައި، ޓޫރިސްޓު މޯލްޑިވްސްއަށް 2 ޑިސެމްބަރު 2019 ގައި ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް ފޮނުވާފައިވެއެވެ.
ނަމަވެސް އެ ފައިސާއަކީ ޖީއެސްޓީ ހިސާބުކުރުމުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން ދައްކަން ޖެހޭ ކަމަށް ފާހަގަކޮށްފައިވާ ފައިސާ ކަމުގައި ބުނެ، ޓޫރިސްޓު ސަބްމެރިން އިން ވަނީ ކަން ހިނގައިދިޔަ ގޮތް މީރާއަށް ހުށަހެޅުމަށް ބޭނުންވާކަން ފާހަގަކޮށް، މީރާއިން ނިންމި ނިންމުން އިއުތިރާޒު ކުރުމަށް ލިބޭ 30 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް 19 މާޗު 2020 ގައި އެދިފައެވެ. ޓޫރިސްޓު ސަބްމެރިންގެ ފަރާތުން އެގޮތަށް އެދިފައިވަނީ ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ 30 ދުވަހުގެ ފަހުން ކަމަށްވާތީ މީރާއިން ވަނީ މުއްދަތު އިތުރު ނުކޮށްދިނުމަށް ނިންމައިފައެވެ.
މީރާގެ އެ ނިންމުން ޓޫރިސްޓު ސަބްމެރިންގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅުމުން، މައްސަލަ ނިންމީ ޓޫރިސްޓު ސަބްމެރިންނާ ދެކޮޅަށެވެ. ޓްރައިބިއުނަލުން ނިންމީ ޓޫރިސްޓު ސަބްމެރިނުން އެދުނު ގޮތަށް 30 ދުވަހުގެ މުއްދަތު އިތުރުކުރަން ޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.
ޓްރައިބިއުނަލްގެ އެ ނިންމުން، ޓޫރިސްޓު ސަބްމެރިންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށްފަހު ހައި ކޯޓުން ހުކުމްކުރީ، ޓެކްސް އެޕީލްގެ ނިންމުން ބާތިލު ކަމަށެވެ. އަދި އެ މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން އަލުން ބެލުމަށް ހުކުމްކުރިއެވެ.
މީރާގެ ފަރާތުން ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ. މީރާއިން ބުނީ ހައި ކޯޓުން އެގޮތަށް ހުކުމް ކުރީ ތަރުތީބު ވެގެން އައިސްފައިވާ ރަނގަޅު ވާގިއާތަކެއްގެ މައްޗަށް ނޫން ކަމަށެވެ. އެ ވާގިއާތަކުން ހަވާލާދީ އިސްތިއުނާފު އުފަންކުރާ އަސާސްއަކީ "އެރިތްމެޓިކަލް އެރާ" ކަމަށް ބަލައި ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ އިސްތިއުނާފު އުފަން ކުރެވޭ މިރާގެ ނިންމުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގަވާއިދާ ހިލާފަށް ކަމަށެވެ.
އެ ވާހަކައާ ގުޅިގެން ޓޫރިސްޓު ސަބްމެރިންގެ ފަރާތުން ބުނީ މީރާގެ ފަރާތުން ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކުރީ ކޯޓުތަކުގެ ގާނޫނާހިލާފަށް ކަމަށެވެ. އަދި މައްސަލަ އިސްތިއުނާފުކުރީ ހައި ކޯޓުގެ ހުކުމަށް ތަބާނުވާން ވެގެން ކަމަށެވެ.
ދެފަރާތުން ދެއްކި ވާހަކަ އަޑުއެހުމަށްފަހު ރައުޔު އިއްވަވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ އިސްތިއުނާފު އުފަންކުރާ އަސާސްއަކީ އެރިތްމެޓިކަލް އެރާއެއް ކަމަށް ބަލައި، ހައި ކޯޓުން މައްސަލަ ނިންމާފައިވަނީ ރަނގަޅަށްކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ. ފަނޑިޔާރު ޝުޖޫން ވިދާޅުވީ ޓްރައިބިއުނަލުގައި އަދި ހައި ކޯޓުގައި މައްސަލަ ހިނގިއިރު، ހިސާބުޖެހުމުގައި ހެދިފައިވާ ކުށުގެ ސަބަބު ދެއްކި ނަމަވެސް، އެފަދައިން ފާހަގަކުރުމުގެ އިތުރުން، އެކަން އޮތީ ހަމަ ހަގީގަތުގައި ވެސް އެފަދައިންކަން ސާބިތުކުރުމަށް ޓޫރިސްޓު ސަބްމެރިންގެ ފަރާތުން އެއްވެސް ލިޔުމެއް ހުށަހަޅާފައި ނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ޓޫރިސްޓު ސަބްމެރިންގެ ފަރާތުން އެދިފައިވަނީ ގާނޫނުގައި ޝަކުވާ ހުށަހެޅުމަށް ބަޔާންކޮށްފައިވާ މުއްދަތު ފަހަނަޅާ ދިއުމަށްފަހު، އެ މުއްދަތު އިތުރުކޮށްދިނުމަށް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. އެހެންކަމުން ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ނޫންކަމަށް ދެކިވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ޓެކުހުގެ ނިޒާމުގެ ތެރެއިން ކުންފުނީގެ ހިސާބުތައް ހެދުމުގައި ހެދޭ ކުށް ރަނގަޅުކުރުމަށް ވަކި އިޖުރާއަތެއް އޮންނަ ކަމަށާއި އެ އިޖުރާއަތަކީ ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް އިއުތިރާޒުކުރުމަށް އޮންނަ މުއްދަތާ މުޅިން ވަކި ތަފާތު އިޖުރާއަތެއް ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ. އެހެންވެ ހައި ކޯޓުގެ ހުކުމް ބާތިލުކޮށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓަން ޖެހޭ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
ފަނޑިޔާރު ޝުޖޫންގެ އެ ރައުޔަށް ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ތާއީދު ކުރައްވައިފައިވުމުން، އިއްތިފާގުން ކުރި ހުކުމުގައި ފަނޑިޔާރު ޝުޖޫން ވިދާޅުވީ ހައި ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅައި ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓަން ހުކުމްކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު