ކުއްލި ނުރައްކަލުގެ ހާލަތުގެ އިއުލާނު ކުރުމުގެ ބާރު ލިިބިގެން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށާއި އެހެންކަމުން ގަރާރުން އެބައި އުނިކުރުމަކީ މަސްލަހަތަށްޓަކައި އެންމެ ރަނގަޅު ގޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްދީ ގްރޫޕުގެ ލީޑަރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ފާސްކޮށްފައިވަނީ މިރޭގެ ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 39 މެމްބަރުންގެ ވޯޓާއެކުއެވެ.

ނަމަވެސް އަލީ އާޒިމް ވަނީ އެ ގަރާރުގައި ހިމަނާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ބައި އުނިކުރުމަށް އެދިފައެވެ.

އަލީ އާޒިމް ވިދާޅުވީ ގާނޫނު އަސާސީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ލިބިގެންވަނީ ރައީސް ސޯލިހަށް ކަމަށާއި އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ބައި ހިމަނައި ގަރާރެއް ހުށަހެޅުމުގެ ކުރިން ރައީސްއާ މަޝްވަރާ ކުރެވެންވާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަކީ، އެ ބާރު ރައީސްގެ އަތްޕުޅުގައި އޮއްވައި އަޅުގަނޑުމެން ނުވާނެ ނިންމާކަށް ގަރާރަކުން. އަޅުގަނޑުމެންގެ ޕާޓީގެ ރައީސެއް ހުރީތީވެ އަޅުގަނޑު ގަބޫލެއް ނުކުރަން ކުއްލި ނުރައްކަލުގެ ބައި ހިިމެނޭނެ ކަމަކަށް، އެކަން އަޅުގަނޑުމެންގެ މަސްލަހަތަށްޓަކައިވެސް ކުރަންޖެހޭ ކަމެއް،" އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު މަޝްވަރާ ކުރެއްވުމަށްފަހު، ގަރާރު ފާސް ކުރުމަށް ހުށަހެޅުއްވާފައެވެ.

އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ރައީސް އަންވަރު އިބްރާހިމް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވީ ރައީސް އަކީ އެޕާޓީގެ މެމްބަރެއް ކަމަށާއި އެމަނިކުފާނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމަށްފަހު، ގަރާރު ފާސް ކުރަންޖެހޭ ކަމަށެވެ.

އެކަމަށް ރައްދުދެއްވައި ނަޝީދު ވިދާޅުވީ މި ގަރާރު ހުށަހަޅުއްވާފައިވަނީ ރައީސަށް ލިބިގެންވާ އެއްވެސް ބާރަކަށް ކިލަނބެއް އަންނާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ގަރާރާމެދު ރައީސް ވިސްނަވާނެ ކަމަށް ގަބޫލު ކުރާ ކަމަށާއި އަދި މި ގަރާރުގެ ސަބަބުން އެ ނިންމުން ނިންމަވަން އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގަރާރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ޓެރެރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިންގުމަށް އިންތިޒާމް ވެގެން ރޭވިގެން ތައްޔާރު ވެގެން ކުރިއަށްދާ ކަމަށާއި މިއަދު އެކަންކަން ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ވެއްޓޭނީ ވަރަށް ނުރައްކާތެރި ހާލަތަކަށް ކަމަށެވެ. އަދި ރާއްޖެ ސަލާމަތް ނުކުރެވޭ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ކަންތަކުގައި އުޅޭ މީހުންތައް ފުލުހުންނަށް ފާހަގަ ވާނެ. ނަމަވެސް މިވަގުތު އެކިއެކި ސަބަބުތަކާ ހުރެ ހައްޔަރު ނުވެ އެމީހުން އެ ތިބެނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މި ބާރު ލިބުމުން މީހުން ހައްޔަރުވެސް ކުރެވޭނެ އަދި ފުލުހުންނަށް މިކަމުގައި މާ ހަރުދަނާ މަސައްކަތްތަކެއްވެސް ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ސެލްތައް ހިންގާކަމާއި އެ ސެލްތަކަށް މީހުން ގެންނަކަމާއި އަދި އެ ސެލްތައް ހަރަކާތްތެރި ވެގެން ހަމަލާ ދޭ ކަމަށެވެ.

"އެ ސެލްތައް ދެކޭ ގޮތުގައި ދިވެހި ދައުލަތަކީ ނަހަލާލު ގޮތުގައި އޮތް ދައުލަތެއް ނުވަތަ ހަރާމް ކަންތައްތަކުން ފުރިގެންވާ ދައުލަތެއްގެ އެއްބަޔަކު ދެކެނީ. އެހެން ވީމަ އެމީހުން ދިވެހި ދައުލަތަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން މި އަންނަނީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިއީ ފަސޭހައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން ބޭނުމަކީ ކުއްލި ނުރައްކަލުގެ ދުވަސްތަކުގެ ތެރޭގައި ފުލުހުން ބޭނުންވާ ކަންތައްތައް ފުލުހުންނަށް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.