މިރޭ ހުށަހެޅި ގަރާރުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޓެރަރިސްޓުން ހައްޔަރު ކުރުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ޓެރަރިސްޓުން ހައްޔަރުކުރުމުގެ ފުރުސަތު ފުލުހުންނަށް ދިނުމަށް ގޮވާލައި ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެ ގަރާރު ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވީ ޓެރެރިޒަމްގެ އަމަލުތައް ރާއްޖޭގައި ހިންގުމަށް އިންތިޒާމް ވެގެން ރޭވިގެން ތައްޔާރު ވެގެން ކުރިއަށްދާ ކަމަށާއި މިއަދު އެކަންކަން ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ވެއްޓޭނީ ވަރަށް ނުރައްކާތެރި ހާލަތަކަށް ކަމަށެވެ. އަދި ރާއްޖެ ސަލާމަތް ނުކުރެވޭ ހިސާބަށް ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި މި ކަންތަކުގައި އުޅޭ މީހުންތައް ފުލުހުންނަށް ފާހަގަ ވާނެ. ނަމަވެސް މިވަގުތު އެކިއެކި ސަބަބުތަކާ ހުރެ ހައްޔަރު ނުވެ އެމީހުން އެ ތިބެނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މި ބާރު ލިބުމުން މީހުން ހައްޔަރުވެސް ކުރެވޭނެ އަދި ފުލުހުންނަށް މިކަމުގައި މާ ހަރުދަނާ މަސައްކަތްތަކެއްވެސް ކުރެވޭނެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މި ގަރާރު ހުށަހަޅުއްވާފައިވަނީ ރައީސަށް ލިބިގެންވާ އެއްވެސް ބާރަކަށް ކިލަނބެއް އަންނާނެ ގޮތަކަށް ނޫން ކަމަށެވެ. އަދި ވިދާޅުވީ މި ގަރާރާމެދު ރައީސް ވިސްނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އަދި މި ގަރާރުގެ ސަބަބުން އެ ނިންމުން ނިންމަވަން އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ސެލްތައް ހިންގާކަމާއި އެ ސެލްތަކަށް މީހުން ގެންނަކަމާއި އަދި އެ ސެލްތައް ހަރަކާތްތެރި ވެގެން ހަމަލާ ދޭ ކަމަށެވެ.
"އެ ސެލްތައް ދެކޭ ގޮތުގައި ދިވެހި ދައުލަތަކީ ނަހަލާލު ގޮތުގައި އޮތް ދައުލަތެއް ނުވަތަ ހަރާމް ކަންތައްތަކުން ފުރިގެންވާ ދައުލަތެއްގެ އެއްބަޔަކު ދެކެނީ. އެހެން ވީމަ އެމީހުން ދިވެހި ދައުލަތަށް ހަމަލާ ދިނުމަށް ތައްޔާރުވަމުން މި އަންނަނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ މިއީ ފަސޭހައި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން ބޭނުމަކީ ކުއްލި ނުރައްކަލުގެ ދުވަސްތަކުގެ ތެރޭގައި ފުލުހުން ބޭނުންވާ ކަންތައްތައް ފުލުހުންނަށް ކުރެވޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު