މެއި ހަވަނަ ދުވަހު ބޮމެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިގޮތަށް ވިދާޅުވެފައި މިވަނީ ނަޝީދަށް ދިން ހަމަލާގެ ތަހުގީގީ މައުލޫމާތުތައް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް ގުޅިގެން މިރޭ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ހިއްސާކޮށްފައިވާތީއެވެ.
އިމްރާން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި ހައެއްގެ ތަހުގީގަކީ މިހާތަނަށް ފުލުހުން ހިންގި އެންމެ ބޮޑު، އެންމެ ބުރަ އަދި އެންމެ ކާމިޔާބު އެއް ތަހުގީގު ކަމަށެވެ. އަދި ވިދާޅުވީ ގިނަ ގޮންޖެހުންތަކާ އެކު ފުލުހުންގެ ހުރިހާ ޑިޕާޓްމެންޓްތަކެއްގެ ގިނަ ފުލުހުންގެ ބައިވެރިވުމާ އެކު ތަހުގީގު ކާމިޔާބު ކުރުމަށް ކުރެވުނު މަސައްކަތް ބަލައިގަންނަ ކަމަށެވެ.
"މިއީ ރާއްޖޭގެ ތާރީހުގައި ހިނގާފައިވާ ޓެރަރިޒަމްގެ އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ވާއިރު، ފުލުހުންގެ ތަހުގީގުގެ މައްޗަށް ބިނާކޮށް، ކާމިޔާބުކަމާ އެކު މި މައްސަލަ ޕްރޮސެކިއުޓް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ޕްރޮސެކިއުޓާ ޖެނެރަލް ކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،" އިމްރާން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ވަނީ މައްސަލަ ފޮނުވާފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ސީޕީ ވިދާޅުވީ އަދުހަމް އަހުމަދު ރަޝީދަކީ ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ ކަމަށެވެ. އަދި އަދުހަމް ހުރީ ޖާނުން ފިދާވެގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް ތަހުގީގުން ހާމަވާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ތަހުމީން އަހްމަދަކީ ހަމަލާ ދިނުމަށް ބޭނުންކުރި ސައިކަލްގެ ވެރި ފަރާތް ކަމަށާއި އޭނާ ވަނީ ސައިކަލްގައި ބޮން ހަރުކުރުމަށްވެސް އެހީތެރިވެފައި ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މި ހަމަލާ ދިނުމުގައި އިސް ދައުރެއް އޭނާ އަދާކޮށްފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާ ކަމަށާއި އަހްމަދު ފާތިހު ވަނީ މުޖާޒު، އަދުހަމް ކައިރިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދީފަައި ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.
މި މީހުންގެ އިތުރުން މިވަގުތު ބަންދުގައި ތިބީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އާއި ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ، މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ، މުހައްމަދު ތަސްލީމެވެ.
އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެއް ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. އަދި އިސްހާގަކީވެސް މެއި ހައެއްގެ ޓެރަރިސް ހަމަލާ ރޭވުމުގައި އިސްކޮށް ހުރި މީހެއް ކަމަށާއި އޭނާއަކީ ބޮން ގޮއްވާލި އަދުހަމް އެކަމަށް ތައްޔާރު ކުރުމަށް އެންމެ އިސް ދައުރެއް އަދާކުރި މީހާ ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ. މީގެ އިތުރުން ފަހުމީ އާއި ނާޒިމްވެސް ވަނީ ހަމަލާގައި ބައިވެރިވެފައެވެ.
"އަބްދުﷲ އަލި މަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް. މި ހަމަލާދިން އަހުމަދު އަދުހަމް ފިލުވުމާއި ހެކި ނަތާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ މައުލޫމާތު ތަހުގީގަށް ވަނީ ލިބިފައި. މުހައްމަދު ތަސްލީމަކީ ރައީސް ނަޝީދަކީ އިސްލާމް ދީނުން ބޭރުވެ މުރުތަދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅާ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މި ސެލްގެ މީހުން ވައްދާ، ސެލްއެއްގެ ގޮތުގައި އޮޕަރޭޓް ކުރަންވީ ގޮތް ކިޔައިދީ އަދި އެކަމާއި ބެހޭ ވީޑިއޯ އާއި ފޮތްތައް މި މީހުންނަށް ދީ ހަދާފައިވާ މީހެއް،" ސީޕީ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާދީ އަވަހާރަކޮށްލަން ޖެހޭ ކަމަށް ހަމަލާދީން މީހުންނަށް ވިސްނައިދީ ނަސޭހަތްދިން ކަމަށް ތަހުގީގަށް ފާހަގަކުރެވުނު އެންމެ އިސް އެކަކު މިއަދު އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީނެވެ. އޭނާއަކީ 2017 ވަނަ އަހަރު މާލޭގައި ހިންގަމުން އައި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ އޮފީސްތެރޭގައި ބޮމެއް ހެދުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދަނިކޮށް 2017 ވަނަ އަހަރުގެ އޭޕްރީލް 24 ވަނަ ދުވަހު ހައްޔަރުކުރެވި ތަހުގީގުކޮށް އޭނާގެ މައްސަލަ ޝަރީއަތަށް ހުށައަޅާފައިވަނިކޮށް 2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހު ބަންދުން ދޫކޮށްފައިވާ މީހެއް ކަމަށް ސީޕީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު