ދިވެހިންނަކީ އަބަދުވެސް އީދު ކުލަ ގަދަކޮށް ފާހަގަކުރަމުން އަންނަ ބައެކެވެ. ހާއްސަކޮށް ރަށްރަށުގަ އެވެ. ޒުވާނެއް ހަރުމީހެއް، އުމުރުން ދުވަސްވީ މީހެއް، ކުޑަކުއްޖެއް ދޭސީއެއް ބިދޭސީއެއް ބެލުމެއްނެތި އީދު ކުޅިވަރުތައް ރަށްރަށުގައި ފާހަގަކުރަމުން އަންނަނީ ނިކަން ޖޯޝާއި ފޯރީގަ އެވެ. ނަމަވެސް ފާއިތުވި ދޮޅު އަހަރެއްހައި ދުވަހު އީދު ކުޅިވަރުތައް ބޭއްވުމުގައި ސަމާލުކަން ދިނުމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ވަނީ ނަސޭހަތްދީ އިންޒާރުދީފަ އެވެ. މުޅި ދުނިޔެ އެ ބައްޔަކާ ކުރިމަތިލާން ޖެހިފައިވާ ކޮވިޑުގެ ބިޔަ ރާޅުތައް ރާއްޖެއަށްވެސް ބިންދާލުމުންނެވެ. މި ކުޑަ ކުޑަ ރާއްޖެއިންވެސް މި ބަލީގައި އެތައް މަރުވެއްޖެ އެވެ. މަރުގެ އަދަދު 200 އިން މައްޗަށް އަރައިފި އެވެ.
މިފަހަރުގެ އީދާ ދިމާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ލުއިތަކެއް ދިނެވެ. އެ ލުއިތަކާއެކު މާލޭގައި ތިބި ގިނަ ބަޔަކު ވަނީ އަތޮޅުތެރޭގެ ރަށްތަކަށް ގޮސްފަ އެވެ. ކުޅިވަރުގެ އެކި ހަރަކާތްތައް އެކި ރަށްރަށުގައި ޖޯޝާއި ފޯރީގައި ކުޅެމުން އަންނައިރު އެޗްޕީއޭ އިން ދީފައިވާ ނަސޭހަތުގެ އަޑެއް އެއްވެސް މީހަކަށް ނީވުނެވެ. ބޭރަށް ނިކުންނައިރު މާސްކް އަޅައިގެން ނޫނީ ނުނިކުތުމަށާއި އީދު ކުޅިވަރު ހަރަކާތްތައް ބޭއްވި ނަމަވެސް ގިނަ ބަޔަކު އެއް ނުވުމަށް އަންގައި ނެރުނު ގައިޑްލައިންތައް ހަނދާން ނެތިއްޖެ އެވެ. ނަތީޖާއަކަށް ވެގެން ދަނީ މުޅި ރަށަށް ބަލި ފެތުރި އެންމެން ނުރައްކަލަށް ހުށަހެޅެނީ އެވެ. ހުރިހާ ރައްޔިތުން ރިސްކުގެ ތެރެއަށް ވެއްޓެނީއެވެ.
ނުރައްކާތެރި ބައްޔެއް ފެތުރިގަތުމުން އެއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށް ގިނަ މީހުން ނުދެކެ އެވެ. އޭގެ ބަދަލުގައި ކުށްވެރި ވާނީ އެއިރަކު ވެރިޔަކަށް ހުންނަ މީހެކެވެ. ނުވަތަ ހެލްތު މިނިސްޓަރެވެ. މިހާރު މި ޖެހިގެން އުޅޭ ހާލުގައި ޑީޖީ މައިމޫނާ އަބޫބަކުރާއި ޓެގްޓީމޭ މިކިޔާ ޓީމާއި އެޗްޕީއޭގައި ދެންވެސް ތިއްބެވި އެންމެހައި ހެލްތު ޕްރޮފެޝަނަލުންނާއި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒުވެސް ކޮވިޑު ކަމެއްގައި ގޯހެއް ވެއްޖެ ނަމަ ނުބައި މީހުންގެ ލިސްޓަށް އަރަމުން ދެއެވެ.
ފާއިތުވެގެންދިޔަ ދުވަސްތަކުގައިމުޅި ސޯޝަލް މީޑިއާ ބަންޑުން ކޮށްލީ އީދު ކުޅިވަރުގައި މަޖާ ނަގާ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. ބައިދައި ލޮބާޑިލާ މަންޒަރުތަކުންނެވެ.
ކޮވިޑު ކޭސްތައް ކުޑަތަންކޮޅެއް މަދުވެލި ނަމަވެސް، ނުރައްކާ އެންމެ ތަންފުކެއްވެސް ކުޑައެއް ނޫނެވެ. އެކަމަކު ފެނިގެން މި ދަނީ ދިން ލުއީގެ ބޭނުން ނުހަމަ ގޮތުގައި ކުރާ ތަނެވެ. ރާއްޖޭގެ ހުރިހައި ހިސާބަކުން ވެސް ފެންނަނީ ގާތްގަނޑަކަށް އެއް މަންޒަރެކެވެ. އެތައް ހާސް ބަޔަކު މާލެއިން ރަށްރަށަށް ދަތުރުކުރި އިރު، މި އީދު ފާހަގަ ކުރެވެމުންދަނީ ކޮވިޑުގެ މަތީން ހަނދާން ނެތި ތިބެގެންނެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ކުރިޔަށް އަންދާޒާ ކުރެވެނީ ބިރުވެރިކަމުގެ އިންތިހާއެވެ. ރާއްޖޭގެ ރަށްރަށަށް އަދުވެދާނެ ކޮވިޑުގެ ބިޔަ ރާޅެއްގެ ބިރުވެރި ކަމެވެ.
ފ. ދަރަނބޫދޫ ކައުންސިލުގެ ރައީސް އަބްދުލްހަމީދު މުހައްމަދު "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގައި އީދު ކުޅިވަރުގެ ހަރަކާތްތައް ވަރަށް ކުލަގަދަކޮށް ފާހަގަކޮށް ބާއްވަމުން އަންނަ ކަމަށެވެ. ބައެއް ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވާ ކަމަށް އޭނާވެސް އެއްބަސްވެވަޑައިގެންނެވި އެވެ. ނަމަވެސް އިލްތިމާސް ކުރުން ނޫން އިތުރު ފިޔަވަޅެއް މިހާތަނަށް އަޅާފައި ނުވާކަން ފާހަގަކުރެއްވި އެވެ.
"ވަރަށް ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުޅިވަރުގެ ހަރަކާތްތައް މި ބާއްވަނީ. ދެން އީދު ފެށުމުގެ ކުރީން އަދި ކޮންމެ ދުވަހަކު ހަރަކާތްތައް ފެށުމުގެ ކުރީންވެސް މި ހަރަކާތްތައް އިންތިޒާމް ކުރާ ފަރާތްތަކާ ބައްދަލުކޮށް އެޗްޕީއޭގެ ގައިޑްލައިންތަކަށް ބޯލެނބުމަށް ނަސޭހަތްތެރިވަން. ދެން އަނެއްހެން ކުޅިވަރުތައް ނުއެއް ހުއްޓުވޭނެތާ. އެއީ ވަރަށް ބުރަ މަސައްކަތް. އަދި ބައިވަރު ފައިސާ ހަރަދުކޮށްގެން މި ބާއްވަނީ. އެހެންވީމަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރަން. ދެން ކުޅިވަރު ހަރަކާތްތައް ކުރިއަށްދާއިރު މާސްކު އަޅާއި ރައްކާތެރިވުމަށް ރިމައިންޑާ ދެން." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް ހަމީދު ވިދާޅުވީ އެރަށަށް އީދު ބަންދާ ދިމާކޮށް ވިއްސަކަށް އާއިލަ ޒިޔާރަތްކޮށްފައިވާ ކަމަށާއި ނެގެޓިވް ޕީސީއާރް އަދި ދެ ޑޯޒް ޖަހައިގެން އައި ކަމުގައި ވީނަމަވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ތެދެކެވެ. ކުޅިވަރު ހަރަކާތްތައް ބާއްވަނީ ބޮޑެތި ހަރަދު ކޮށްގެންނެވެ. އެންމެންވެސް މަޖާކޮށް މި އުފަލުގައި ބައިވެރިވާން ބޭނުންވާނެ އެވެ. ރައްކާތެރިކަން އިހުތިޔާރު ކުރުންވެސް މުހިންމެވެ. އެހެނީ ފުރާނައެއްގެ އަގު އެއްވެސް މީހަކަށް އަދައެއް ނުކުރެވޭނެތީ އެވެ.
އެހެން ރަށްތަކަށް ބަލާއިރުވެސް ފޯރި ވަކި ކުޑައެއް ނޫނެވެ. ކ. އަތޮޅު ހުރާ މީހަކު ސޯޝަލް މީޑިއާ އަށް ދޫކޮށްލި ވީޑިއޯއެއް ގިނަ ބަޔަކު އަޅައިގަތެވެ. އެ ވީޑިއޯ ފެނުމުން އީދު ކުޅިވަރު ދެކިލުމަށް އެ ރަށަށް ދިއުމުގެ ޝައުގުވެރިކަން ގިނަ ބަޔަކު ފާޅުކުރަމުން ދިޔައެވެ. އެހެން ނަމަވެސް ހިތާމައަކީ އެއިން ވެސް ފެންނަނީ ގައިދުރުކަމެއް ނެތް މަންޒަރުތައް ކަމަށް ވާތީ އެވެ. އެތައް ބަޔަކު ތިބީ މާސްކްވެސް ނާޅައި ކަމަށް ވާތީ އެވެ. އެ ތިބީ އަމިއްލައަށް ކޮވިޑު ރިސްކުގެ ތެރެއަށް ފުންމާލައިގެން ކަމަށް ވާތީ އެވެ.
ހުރާ ކައުންސިލް މެންބަރު ހުސައިން ފިރާޝް "ވަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ރަށުގައި މިފަހަރު ބޮޑު އީދު ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ހުއްދަ ކައުންސިލުން ދީފައިވާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެރަށުން ކޮވިޑު ކޭސްތައް ފެނުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ދިން އެއްބާރުލުމާއި ދެއްކި ނަމޫނާއެވެ.
ފިރާޝް ވިދާޅުވީ އެރަށަށް 200 އަށްވުރެ ގިނަ މީހުން އީދު ބަންދާ ދިމާކޮށް ގޮސްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ އެންމެންނަކީ ވެސް ނެގެޓިވް ޕީސީއާރް ނުވަތަ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރަށަށް އަރާ މީހުންގެ ކަންކަން ކައުންސިލުން ބަލައި ޔަގީންކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
ކުޅިވަރު ކުޅޭ އިރު ގައިދުރުކަން ބަހައްޓައިގެން ކުޅިވަރު ކުޅުމާއި ކުޅިވަރު ބަލަން ދާ މީހުންވެސް ގައިދުރުކޮށް ތިބުމަށް އަބަދުވެސް ނަސޭހަތްތެރިވާ ކަމަށާއި މާސްކު އަޅައި ރައްކާތެރިވުމަށްވެސް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފިރުޝާމް ވިދާޅުވި އެވެ. އަދި މިކަމުގައި ފުލުހުންގެ އެހީތެރިކަމަށްވެސް އެދިވަޑައިގެންފައިވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ރަށުގަ ކުޅިވަރު ކުޅޭ އިރު މާސްކު އަޅަން އަބަދުވެސް ހަނދާން ކޮށްދެން. ގައިދުރުކަން ބަހައްޓަން ހަނދާންކޮށްދެން. މާސްކު ނާޅާ މީހެއް ނުވަތަ ގައިޑްލައިންތަކަށް ތަބާ ނުވާ މީހަކަށް ފިޔަވަޅު އަޅާން ފަސް ނުޖެހޭނަން. އެގޮތަށް ބާއްވާ ކުޅިވަރުތައްވެސް ހުއްޓުވާނަަން. ކޮންމެ ގޮތެއްވިޔަސް ރައްޔިތުންގެ ސަލާމަތްތެރިކަން މުހިންމު އަޅުގަނޑުމެންނަށް. އެހެންވެ ފުލުހުންގެ އެހީތެރިކަމަށްވެސް އެދިފަ ވާނީ ކުޅިވަރު ހަރަކާތްތައް ކުރިއަށްދާއިރު ބަލަން. ފިޔަވަޅުވެސް އަޅާން ޖެހިއްޖެއްޔާ އަޅާނަން. މިހާރުވެސް ދެތިން މީހަކަށް ނަސޭހަތްދީފަ ވާނީ. އެކަމަކު ފާހަގަ ކޮށްލަން މިރަށު މީހުންނަކީ ވަރަށް ބަސްއަހާ ކިޔަމަންތެރި މީހުން." އޭނާ ވިދާޅުވި އެވެ.
އީދުގެ ފޯރި ނަގަމުންދަނިކޮށް ބަޔަކު ޕޮޒިޓިވް ވެ ތ. ކިނބިދޫވެސް މޮނިޓަރިން އަށް ލާފައިވެ އެވެ. އެހެން ނަމަވެސް އެޗްޕީއޭގެ ގައިޑްލަިއންތައް ބޮލާލައި ޖަހައި އީދު ކުޅިވަރުތައް އެރަށުގައި ދަނީ ކުރިއެކޭ އެއްގޮތަށް ބާއްވަމުންނެވެ. ބަލި ނެތް ރަށެކޭ އެއްފަދަ އެވެ.
ކިނބިދޫ ކައުންސިލުން ބުނީ އެޗްޕީއޭ އިން ނުބުނާހާ ހިނދެއްގައި ކުޅިވަރު ކުޅުން ހުއްޓައި ނުލާނެ ކަމަށެވެ. އެރަށަށް އެޅޭނެ ފިޔަވަޅެއްވެސް ނެތެވެ. ތަންފީޒީ އިދާރާތަކަށްވެސް ކުރެވޭ މާބޮޑު ކަމެއްނެތެވެ. އެންމެން ތިބީ ކުޅިބަލާށެވެ.
ގައިޑްލައިންތައް ބޮލާލައި ޖަހައި ކުޅިވަރުގެ ފޯރީގައި ތިއްބައި އަނެއްކާވެސް ބަލި ފެތުރުން ކޮންޓްރޯލުން ނެއްޓުމުން ގޯސްވާނީ މިގައުމުގެ ވެރިމީހާ ހެއްޔެވެ؟ ނުވަތަ ހެލްތު މިނިސްޓަރު ހެއްޔެވެ. ނުވަތަ އަމުރުތަކާއި ގައިޑްލައިންތަކުގައި ސޮއިކުރައްވާ ޑީޖީ މައިމޫނާ އަބޫބަކުރު ހެއްޔެވެ؟ އިސްތިއުފާ ދޭން ޖެހޭނީ މައިމޫނާ ހެއްޔެވެ؟ ރައްޔިތު މީހާގެ ހަމަ އެއްވެސް ޒިންމާއެއް ނެތީ ހެއްޔެވެ؟
ކުރީގެ ތަޖުރިބާއިން ފެންނަ ގޮތުގައި ފިޔަވަޅުތަކަށް ލުއި ނުދިނުމުންވެސް އިސްތިއުފާ ދޭން ޖެހެނީ މައިމޫނާ އެވެ. ލުއި ދިނުމުންވެސް އިސްތިއުފާ ދޭން ޖެހެނީ މައިމޫނާ އެވެ. އެހެން ކަމަށްވާނަމަ ފަރުދީ ޒިންމާ އަދާކުރަނީ ކޮން ބައެއް ހެއްޔެވެ؟ މައިމޫނާ އެންގެވި އެންގުންތަކަށް ބޯނުލެނބީ ރައްޔިތު މީހާ އެވެ. ކޭސްތައް މަދުކުރީ އޮބި އަޅުވައިގެންނެވެ. ދޫދިނީ އަބަދު އެހެން އޮބި އަޅައިގެން މިކަން ނުވާނެތީ އެވެ. ލުއި ދެނީ ޝަރުތުތަކާ އެކު އެވެ. ރައްޔިތުންނަށް އިތުބާރު ކޮށްގެންނެވެ. އެއީ ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރާނެ ކަމުގެ އިތުބާރެވެ.
އެކަމަކު ފެންނަމުން މިދަނީ އަމުރުތަކާއި ގައިޑްލައިންތައް ބޮލާލައި ޖަހައި އެމީހަކު އުޅޭނެ ގޮތަކަށް އުޅޭ މަންޒަރެވެ. އާންމު އީދެއްގެ ސިފަ ޖެހި، ކޮވިޑު ފުރީ އީދެކޭ ހީކޮށް އުޅޭ މަންޒަރެވެ. އީދު ނިމެނީ އެވެ. ދެން އޮތީ ބަލަން ތިބުމެވެ. ވާނެ ހައެއްޗެއް މިއޮތީ ވެފަ އެވެ. ގައުމުގައި އަޅަނީ އިންޒާރުގެ ރަނގަބީލެވެ. މި ބަންދަށްފަހު އަރައިފާނެ ކޮވިޑުގެ ބިޔަ ރާޅެއްގެ އިންޒާރުގެ ރަނގަބީލެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް