ކޮވިޑުގެ ސަބަބުން ފާއިތުވި ދޮޅުއަހަރެއްހައި ދުވަހު ވެސް އީދެއް ކުލަގަދަކޮށް ފާހަގަކޮށްލެވޭ ގޮތް ވަނީ ނުވެފައެވެ. މިދިޔަ އަހަރު ރާއްޖޭއަށް އީދެއް ނާންނަ ކަހަލައެވެ. އެންމެންވެސް ތިބީ ގެތަކުގައި ބަންދުވެފައެވެ. ކުޑަމިނުން މަގުތަކަށް ނުކުމެ އަތާ އަތް ޖޯޑުކޮށް ސަލާންގަލާން ކޮށް އީދުގެ ތަނުހިޔާ ކިޔައިލުމުގެ ނަސީބުންވެސް ގިނަ ބަޔަކު ތިބީ މަހުރޫމް ވެފައެވެ. މާލެއަށް ބެއްޔަސް އަތޮޅުތެރެޔަށް ބެއްޔަސް ފެނުނީ އެ މަންޒަރެވެ. އެއީ މިދިޔަ އަހަރުގެ ދެ އީދުވެސް ބައްދަލު ކުރީ ކޮވިޑުގެ ރާޅުތަކެއް ބިންދާލައި ގައުމަށް އިތުރު ނުތަވަސްކަމަކާއި ބިރުވެރިކަމެއް ވެރިވެފައިވާ ދުވަސްވަރަކަށް ވުމުންނެވެ.

މިދިޔަ އަހަރު އީދު ފާހަގަކުރުމުގެ ފުރުސަތު ނުލިބުނު ނަމަވެސް މިއަހަރުގެ ކުޑަ އީދުގައި އަތޮޅުތެރޭގައި ވަނީ ކޮންމެވެސް ވަރަކަށް އީދު ފާހަގަކޮށްފައެވެ. ސަގާފީ ކުޅިވަރުތަކާއި އީދު ކުލަޖެހުމާއި ފެންކުޅި އާއި މި ނޫންވެސް ބައެއް ކަންކަން އީދާ ދިމާކޮށް ބައެއް ރަށްރަށުގައި ކުރިއެވެ. ކުޑަ އީދަށް ފަހު ގިނަ ބަޔަކު އުންމީދު ކުރަމުން އައީ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކޮށްލުމަށެވެ. އެހެންކަމުން އީދާ ދިމާކޮށް ދިން ބޮޑު ލުއިތަކާއެކު ފޮށިތަންމަތި ހިފައިގެން ކުދިބޮޑު އެންމެން އަތޮޅުތެރެޔަށް ފުރައިގެން ދިޔައީ އީދުގެ ފޯރި ނެގުމަށެވެ.

މިއަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ތައްޔާރުވަމުން އައި އެއް ރަށަކީ ކޮޅުމަޑުލު ކިނބިދޫއެވެ. ވެރިރަށް ވޭމަންޑޫއާ އެއްފަޅެއްގައި އޮންނަ 1،400 މީހުންގެ އާބާދީގެ ކިނބިދުއަކީ ޒަމާނުއްސުރެ އީދު ފަދަ މުނާސަބާތައް ކުލަގަދަ ގޮތެއްގައި ފާހަގަކުރަމުން އަންނަ ރަށެވެ. ރަށުގެ ކުދިބޮޑު އެންމެން އެކުވެގެން އެރަށުގައި އަންނަނީ ކާބަފައިންގެ ޒަމާނުއްސުރެ އީދު ފޯރި ނަގަމުންނެވެ. ސަގާފީ ކުޅިވަރުތައް ކޮންމެ އީދަކުވެސް އެރަށުގައި ކުޅެއެވެ. އެގޮތުން މިފަހަރުވެސް ކިނބިދޫގެ ރައްޔިތުން ދުރާލައި ދިޔައީ އީދަށް ތައްޔާރުވަމުންނެވެ. ރެޔާއި ދުވާލު ހޭލައި ތިބެގެން އީދަށް ތައްޔާރުވަމުން އެރަށުގެ ރައްޔިތުން އައީ އެރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ލޭގެ ސަބަބުންނެވެ. އުމުރުން ދުވަސް ވީ މީހުންނާއި އަންހެނުންނާއި ކުޑަކުދީންވެސް މިކަމުގައި ބައިވެރިވިއިރު، އެންމެންވެސް އުންމީދުކޮށްގެން ތިބީ އެހެން އަހަރުތަކަށް ވުރެ ކުލަގަދަ ގޮތެއްގައި އީދު ފާހަގަކޮށްލުމަށެވެ. ލޮނުމަޑު އީދުތަކަށް ފަހު އަނެއްކާވެސް އީދުގެ ފޯރި ނެގުމަށެވެ.

އީދު ދުވަސް އައިސް ބޯމަތިވުމުން ނަލަ ހެދިލައިގެން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމަށް ފަހު، ރަށުގެ ރައްޔިތުން އެއްވީ، އީދުގެ ކުޅިވަރުތައް ފަށައިގަތުމަށެވެ. ފުރަތަމަ އޮތީ ވާދެމުމުގެ ހަރަކާތެއް ކަމުން އެކަމަށް ރަށުގެ ރައްޔިތުން ވާދަމަން ކަނޑައަޅާފައިވާ ސަރަހައްދަށް ޖަމާވަމުން ދަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އެރަށް މޮނީޓަރިންގެ ހާލަތަށް ލައިފި ކަން ވައިބަރު މެސެޖެއްގެ ޒަރީއާއިން ކައުންސިލަށް އަންގައިފައެވެ. ވަލުގައި ހިފައިގެން ތިބި މީހުންނަށް އެ ވަގުތުން ފެށިގެން މަޖުބޫރު ވީ ވާ ދޫކޮށް، ކަރުއެލުވާލައިގެން ތިބެ، ގެތަކަށް ދާށެވެ. އީދަށް ވީ ތައްޔާރީތައް ފެނަށް ދިޔައީއެވެ. ކިނބިދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ އަލާމާތްތައް ހުރެގެން އެރަށުން މިމަހުގެ 18 ވަނަ ދުވަހު ސާމްޕަލް ނެގި ތުއްތު ފިރިހެން ކުއްޖެއްގެ ނަތީޖާ ޕޮޒިޓިވް ވުމުންނެވެ. މީގެ ކުރިންވެސް އެރަށް ވަނީ ދެ ފަހަރެއްގެ މަތިން މޮނީޓަރިން އަށް ލައިފަ އެވެ.

ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސައިން ވިދާޅުވި ގޮތުގައި އެރަށް މޮނީޓަރިންގެ ހާލަތަށް ލުމަކީ އީދުގެ ފޯރި ނަގަން ކެތްމަދުވެފައި ތިބި ރައްޔިތުންނަށް ލިބުނު ބޮޑު މާޔޫސް ކަމެކެވެ. އެއީ އެހާވެސް ފުރިހަމައަށް އީދަށް ތައްޔާރުވެފައިވާތީ ކަމުގައި އޭނާ ވިދާޅުވިއެވެ. އެގޮތުން ރަށުގެ ރައްޔިތުން ގުޅިގެން އީދު ކުނބުސް އަޅައި، ސަފާގީ ކުޅިވަރުތައް ކުޅުމަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށަކީ އަބަދުވެސް ވަރަށް ކުލަގަދަކޮށް އީދު ފާހަގަކުރާ ރަށެއް، ޒަމާނުއްސުރެ. އީދު މާލި އާއި ކޯޑި ކެނޑުމާއި ލަނގެރި ޖެހުމާއި، ދަނޑި ޖެހުމާއި މިހެން ގޮސް ކިޔާނެ ކަމެއް ނެތް. ސަގާފީ ކުޅިވަރެއް ވިއްޔާ މިރަށުގައި ކުޅޭނެ. މިފަހަރުވެސް އީދަށް ތައްޔާރުވެފައި ވަނިކޮށް ރަށް މޮނީޓަރިންނަށް މިލީ. ވަރަށް ބޮޑު ދެރައެއް މިއީ އަސްލު ބޮޑު މާޔޫސްކަމެއްވެސް މެ، މިހާރު ވަނީ ބޮޑުމަސްވެސް ހަދާ ނިންމާފައި." އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވި ގޮތުގައި ކިނބިދޫގައި އީދު ފާހަގަކުރަނީ އެރަށުގެ ރައްޔިތުން އެކުވެގެންނެވެ. ރަށުން ބޭރު ބަޔަކު އެކަމުގައި ބައިވެރި ނުވުމަކީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަކަން އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަލީ ހުސައިން ކިނބިދޫ ރައްޔިތުން ސިފަ ކުރައްވަނީ، "ސްޓޭޖަށް" ފިޓު ބައެއްގެ ގޮތުގައެވެ. އޭގައި އުމުރުން ދުވަސްވީ މީހެއް އިސްތިސްނާއެއް ނުވެއެވެ.

"ވަރަށް ބޮޑު މާޔޫސްކަމެއް މިއީ. ވަރަށް ބޮޑަށް އަހަރެމެން އީދަށް ތައްޔާރުވިން. ބޮޑު މަސްވެސް އެއޮތީ ހަދާ ނިމިފައި. އީދު ބެއްޔާ ހެދުމުގެ ތައްޔާރީތައްވެސް އެހުރީ ފަށާފައި. އެކަމު އެޗްޕީއޭއިން އެންގީމާ ދެން ނެތްތާ ދޯ ކުރާނެ ކަމެއް. މިފަހަރުގެ އީދު މި ނިމުނީ" ކިނބިދޫ ޒުވާނަކު ބުންޏެވެ.

ކިނބިދު މޮނީޓަރިންނަށް ލާފައިވާއިރު އީދު ފާހަގަކުރުމަށް މާލޭގައި ދިރިއުޅޭ އެރަށުގެ ގިނަ ބަޔަކުވެސް ވަނީ ރަށަށް ގޮސްފައެވެ. ނަމަވެސް މިފަހަރު ކިނބިދޫގެ ރައްޔިތުންނަށް އީދު މިވަނީ ނިމިފައެވެ. އެރަށް މޮނީޓަރިންނަށް ލުމާއެކު ތާވަލާ އެއްގޮތަށް އީދުގެ ކަންކަން ކުރިއަށް ގެންދިއުމުގެ ފުރުސަތެއް މިއަދު އެރަށުގެ ރައްޔިތުންކަށް ނެތެވެ.

އެންމެ މުހިންމީ ސިއްހަތެވެ. ކޮވިޑުގެ ހާލަތަށް ރައްޔިތުން ބޯލަނބައިފި އެވެ. އީދު އޮންނާނީ ފާހަގަ ކުރެވޭށެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.