ކޮލަމް

ރައީސް ހިމޭންކަމާއެކު ސިޔާސީ ކުޅިބައި ތަރުތީބުކުރެއްވުމުގައި، ނަޝީދު އިށީންނަވާނެ ގަލަކީ ކޮބައިބާ؟

އަލިފު ސީނު

ރައީސް މުހަންމަދު ނަޝީދުގެ ބަހުގެ ބައެއް ހަމަލާތަކަކީ، އެ ޕާޓީގެ އެންމެ އާންމު މީހާއަށް ވެސް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވެ އެވެ. އަނގައިން ނުބުންޏަސް ނުބުނެ ނުހުރެވޭ ވަރުގެ ވަރުގަދަ ވާހަކަތައް އެބަ ދައްކަވަ އެވެ.

އެކަމަކު އެ ހުރިހާ ބަސްފުޅުތަކެއް އަމާޒުވާ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް އެކަން ކަހަރުވަކެކޭ ވެސް ހީނުވާ ކަހަލަ އެވެ. ކަހާތަން ހިރުވައިވެސް ނުލައްވަ އެވެ. ފެންނަ ފެނުމަށް، އެމަނިކުފާނު ހުންނަވަނީ ވަރަށް ހަމަޖެހިވަޑައިގެންނެވެ. ރައީސް ނަޝީދަށް ރައްދެއް ނުދެއްވަ އެވެ.

ނަމަވެސް ރައީސް ސޯލިހަކީ، ކަންކަމުގައި މީޑިއާއާ ވަރަށް ގާތް ބޭފުޅެކެވެ. އެމަނިކުފާނުގެ ގާތްކަން އެނގެނީ، މީޑިއާ އަކީ އެމަނިކުފާނުގެ ސަރުކާރުގެ އެންމެ ގާތް އެއް އެކުވެރިޔާ ކަމަށް ހެއްދެވި ހިސާބުންނެވެ. ޚުދު އެމަނިކުފާނު ވެސް މަސައްކަތްޕުޅު ކުރެއްވި ދާއިރާއެއް ކަމަށް ވާތީ، މީޑިއާގެ މުހިންމުކަން އެނގިވަޑައިގަންނަވަނީ ކަމަށް ވެދާނެ އެވެ. އެކަމަކު، އެންމެ ވަފާތެރި، ޅައިރުގެ ރަހުމަތްތެރިޔާ، ނަޝީދު އެންމެ ފަހުން އެމަނިކުފާނު ދެކެ ކޯފާވި ވާހަކަ ވިދާޅުވުމުން ވެސް އެކަމާ ރައްދެއް ނުދެއްވަ އެވެ. މީޑިއާ އިން ސުވާލު ކުރުމުން އެމަނިކުފާނު ނުވަތަ އެމަނިކުފާގެ ފަރާތްޕުޅުން ދެއްވި މެސެޖަކީ މިއީ އެވެ: ރައީސް އުޅުއްވަނީ ފަސް އަހަރުގެ ވައުދު ފުއްދެވުމުގަ އެވެ. އެހެން ކަމަކާ ވިސްނަވާނެ ވަގުތެއް ނެތެވެ.

އެއީވެސް ޖަވާބެކެވެ. ވަރަށް ޑިޕްލޮމެޓިކް ޖަވާބެކެވެ. ރައީސް އެހެން ވިދާޅުވިޔަސް، ރައީސް ނަޝީދު ވިދާޅުވި ބަސްފުޅުތަކާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނަވާނެ ކަމާ ދޭތެރޭ އެއްވެސް ޝައްކެއް ނެތެވެ. އެ ވިދާޅުވި ބަސްފުޅުތަކާ އެކު އެމަނިކުފާނުގެ ސިޔާސީ މުޝީރުންނާ ވެސް މަޝްވަރާ ކުރައްވާނެ އެވެ. އެހެން ނަމަވެސް އާންމުންގެ ތެރޭގައި އެމަނިކުފާނު ދެއްކެވީ ހިމޭން ކަމުގެ މިސާލެވެ. މާ ބޮޑު ކަމެއް ނުވާ ކަމުގެ ނިޝާންތަކެކެވެ. ހިމޭންކަމަކީ ވެސް ބަހެކެވެ. އެއީ ސިޔާސީ ގޭމުގައި މުހިންމު ބަހުރުވައެކެވެ. އެކަން ރައީސް ސޯލިހަށް ރަނގަޅަށް އެނގިވަޑައިގަންނަވަ އެވެ.

ރައީސް ސޯލިހުގެ ފަރާތްޕުޅުން ވަރަށް ގިނަ ކަންކަމުގައި ހިމޭން ކަން މީގެ ކުރީން ވެސް ވަނީ ފެނިފަ އެވެ. ހާއްސަކޮށް އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކުގައި އެމަނިކުފާނު ކޯފާ އިސްނުކުރައްވައި، މަސްލަހަތަށް ކަންކަން ނިންމެވިތަން މީގެ ކުރީން ވަރަށް ގިނަ ފަހަރު ވަނީ ފެނިފަ އެވެ. ރައީސް ނަޝީދު ވިދާޅުވާ އެކި ބަސްފުޅުތަކާ ގުޅިގެންވެސް، އެމަނިކުފާނު ވިދާޅުވި އެއްޗެއް ވިދާޅުވެފައި ހުރީ ވަރަށް ފުން މާނައެއްގައި، އަދި ރައީސް ނަޝީދަށް ވެސް ބަދު ބަސްފުޅެއް ވިދާޅުނުވާ ގޮތަށެވެ. އޭގެ އެއް މިސާލަކީ، ބައެއް ފަހަރު، "އެކަން ރައީސް ނަޝީދަށް ވެސް އެނގިވަޑައިގަންނަވާނެއޭ" ވަރަށް ގިނަ ފަހަރު ވިދާޅުވުމެވެ.

ހިމޭން ގޭމެއް ކުޅުއްވަމުން ގެންދެވިޔަސް، ސިޔާސީ ގޮތުން ރައީސް ހުންނަވަނީ ހިމޭނަކުން ނޫނެވެ. އެކަން ވަރަށް ސާފުކޮށް މިއޮތީ ފެންނާށެވެ! މަތިމައްޗަށް ޕްރެޝަރުތައް އައި ނަމަވެސް އެމަނިކުފާނު އަދިވެސް ދެމި އެހުންނެވީ ސަރުކާރު އުފެދިގެން އައި ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ވިދާޅުވި ބަސްފުޅުގެ މަތީގަ އެވެ. އެމަނިކުފާނުގެ ދުރުވިސްނުން، ސިޔާސީ ގޮތުން ބައެއް މީހުން މާނަކުރަނީ، މާ ދުރު ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، "އަނގަމަޑުން ލައިގެން ހުރެ ހުރިހާ ކަމެއް ނިންމާލައިފި" އެވެ.

ސިޔާސީ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މިހާރު ފުންކޮށް ވިސްނައި ވަށައި ބަލައިލީމަ މަންޒަރު ވަރަށްވެސް ސާފެވެ. މަޑުމަޑުން ހުންނަވައި ސިޔާސީ މޭޒު ރައީސް ސޯލިހު ތަރުތީބުކޮށްލެއްވި ގޮތް ވަރަށް ސަޅި އެވެ. އެ މޭޒު ކައިރިން އިށީންނަވާނެ ގޮނޑިއެއް ރައީސް ނަޝީދަށް ފެނިވަޑައިނުގަތީ ނުވަތަ އެ މޭޒު ކައިރީގައި އިށީންނަވަން ރައީސް ނަޝީދަށް ފެނިވަޑައިނުގަތީ ރައީސް ސޯލިހުގެ ހިކުމަތްތެރިކަމުންނެވެ. ހަގީގަތަކީ، ރައީސް ސޯލިހު މިހާރު ވަނީ ސެޓަޕެއް ތައްޔާރު ކުރައްވާފައި ކަމެވެ. އެއީ، ބެލެވޭ ގޮތުގައި ބޮޑު ފައުޖަކާ އެކު ރައީސް ކަމަށް ނުކުމެވަޑައިގަތުމެވެ. އިދިކޮޅާ ރައީސް ނަޝީދު ގުޅިވަޑައިގަތަސް، އެއީ ބާރެއް ނެތް ކޯލިޝަނެއްގެ ގޮތުގައި އޮންނާނެހެން އެ ސެޓަޕް ރައީސް އޮތީ ފަރުމާކުރައްވައިފަ އެވެ.

އެމްޑީޕީ އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގަ އެވެ. އަޑުތައް އިވޭގޮތުން ގައުމީ މަޖިލިސް ކޮންޓްރޯލް ކުރެއްވި އިރު، ގްރާސް ރޫޓްގެ ވަރަށް ގިނަ މީހުންވެސް ތިބީ ސިޔާސީ މަގާމުތަކުގަ އެވެ. އެމްޑީޕީގެ ހަރު މީހުން ވެސް ތިއްބެވީ ރައީސް ސޯލިހާ އެކު ކަން އެބޭފުޅުން ދައްކަވާ ވާހަކަތަކުން އެބަ އެނގެ އެވެ. ރައީސް ނަޝީދު ރައީސް ސޯލިހާ ފެޔަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމުގައި، ހަގީގަތުގައި ފޮރުވިފައި އޮތް ސިއްރަކީ، ބާރު ކެނޑުމެވެ. އޭގެ މާނަ ކުރިން މި ދެންނެވީ އެވެ.

ހިމޭންކަން އިހުތިޔާރު ކުރައްވައިގެން، އަދި މާ ގިނަ ވާހަކަފުޅުތަކެއް ނުދައްކަވައި ބޯ ބަހައްޓަވައިގެން ރައީސް ސޯލިހު ވެސް އެ ކުޅުއްވަނީ ސިޔާސީ މޮޅު ގޭމެކެވެ. ގަބޫލު ކުރަމާ ހިނގާށެވެ! އެ ގެންދަވަނީ ކުޅިބައި އަތުރުއްވަމުންނެވެ. އެއީ ވަރަށް މޮޅު ގޭމެކެވެ. މި ގޭމުން ބާކީވެ ދެން އިށީންދެވަޑައިގަންނަވާނެ ގޮނޑިއެއް ރައީސް ނަޝީދަށް ލިބިވަޑައިގަންނަވާނެތޯ ނުވަތަ ފަހު ވަގުތު ދެން ހައްދަވާނީ ކިހިނެއްތޯ މިއީވެސް ކުޑަ ސުވާލެއް ނޫނެވެ.