ރާއްޖެ އަފްޣާނިސްތާނަކަށް ނުވެ ސަލާމަތްވާން އޮތް މަގަކީ، ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބުން ކަމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަމައެކަނި ވިސްނުން ފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވި ވާހަކަފުޅަށް ތާއީދު ކުރައްވައި ހަސަން ލަތީފު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އުއްމީދު ތަކަކާއި އުސޫލު ތަކެއް އެމްޑީޕީގައި ހިމެނޭ ކަމަށެވެ.

ބޭނުމީ ކާބަފައިން އުޅުނު ރީތި އިސްލާމް ދީނުގައި ތިބެން ކަމަށާއި، ރާއްޖެ އަފްޣާނިސްތާނަކަށް ނުވެ ސަލާމަތް ވާން އޮތް މަގަކީ އެއީ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން "އެމްޑީޕީ އާއި ޕީޕީއެމް ގައިވެސް ކޮރަޕްޝަން އާއި ވައްކަމާއި ހަރުކަށި ފިކުރު އޯކޭ ނޫން އެތައް މެންބަރުންނެއް އެބަތިބި،" ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުން ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ އެމްޑީޕީއަށް މިހާރު އާ އިއްތިހާދެއް ބޭނުންވާ ކަމަށެވެ.

އެ އިއްތިހާދަކީ އިންޑިއާ އައުޓް ނުގޮވައި، ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކު ހަރާމް ނުކުރާ، އަދި ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ކުރިއަށް ގެންދެވުމުގެ ޝައުގުވެރިކަން އެމަނިކުފާނު ފާޅު ކުރެއްވިއެވެ.

ނަމަވެސް ޕީޕީއެމުން އިއްޔެ ބުނީ، އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރަކީ އުޑާ ބިމާހާ ތަފާތު ދެ ފިކުރު ކަމަށާއި، އެހެން ކަމުން ދުވަހަކުވެސް އެމްޑީޕީއާ އަދި ރައީސް ނަޝީދާ އެކު އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ނުދެކޭ ކަމަށެވެ.