ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ޖެހި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކޮށްފައިވާއިރު، ފުރަތަމަ ބުރީގައި ހުންނަ ޖޭޕީގެ އޮފީހުގެ ބޭރުގައި މިމަހުގެ ހަތްވަނަ ދުވަހު މެންދުރެއްހާއިރު ވަނީ "ސާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖަހާފައިވާ ކަރުދާސްގަނޑެއް ތަތްކޮށްފަ އެވެ.
ޖޭޕީ އޮފީހުގެ ބޯޑުގެ ތިރީގައި ތަތްކޮށްފައިވާ އެ ލިޔުމުގައި "އެމްއެމްޕީ ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ނިސްބަތް ކޮށްފައި ވަނީ ދަނގެތީ ދާއިރާގެ މެންބަރު އަދި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ނިސްބަތް ކޮށެވެ.
"ސާލިހު ޕާޓީ" ނިސްބަތް ކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.
ނާޒިމް މިހާރު ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. "އެމްއެމްޕީ" އޭނާ އަށް ނިސްބަތް ކުރީ އެހެންވެގެންނެވެ. އަދި އޭގައި "ސާލިހު ޕާޓީ" ލިޔެފައި ވަނީ އެ ޕާޓީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގެންނެވުމުގެ މަތިން އުފައްދާ ޕާޓީއެއް ކަމަށް ތުހުމަތު ކޮށެވެ.
އެ އޮފީހުގެ ބޭރުގައި ކަރުދާސްގަނޑު ތަތްކުރި ބަޔަކު ހޯދަން މަޖިލީހުގެ އިދާރާގެ ސީސީޓީވީ ފުޓޭޖު ބަލައިދޭން އެދުވަހު ޖޭޕީގެ ފަރާތުންވެސް މަޖިލީހުގެ އަމީން އާންމުގެ އަރިހުގައި އެދިފައިވެ އެވެ.
އެ މައްސަަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަޖިލިސް އޮތީ ޗުއްޓީގައެވެ.
އެ މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް މަޖިލިސް އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ.
ޖުމްހޫރީ ޕާޓީ
ޖުމްހޫރީ ޕާޓީ