ކުރީގެ މަޖިލިސް މެންބަރު އަދި ވެރިކަމުގައި ކުރީން އޮތް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުގެ ލަގްޒަރީ އެޕާޓްމެންޓާއި ރޮލެކްސް ގަޑި ދައުލަތަށް ނަގައިދިނުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން އެދިއްޖެ އެވެ.
ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އެހެން އަހަރުތަކާ ހިލާފަށް މިދިޔަ އަހަރާއި މި އަހަރު މަސައްކަތް ކުރަނީ އެކުށް ކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ހޯދުމަށް ކަމަށެވެ.
އެގޮތުން ޑްރަގް މައްސަލަތަކުގައި 10،011،889.20ރ. ދައުލަތަށް ނަގަން ކޯޓުގައި އެދިފައިވާއިރު މަނީ ލޯންޑަރިން މައްސަލަތަކުގައި 70،740،291ރ. ގެ އިތުރުން އެޕާޓްމަންޓަކާއި ރޮލެކްސް ގަޑިއެއް ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.
އެކަމުގެ އިތުރު ތަފްސީލު 'ވަން' އަށް ދެއްވުމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ، ކުށް ކޮށްގެން ހޯދާފައިވާ މުދަލުގެ ގޮތުގައި ބެލެވޭ ރޮލެކްސް ގަޑިއާއި ލަގްޒަރީ އެޕާޓްމެންޓްގެ ވެރި ފަރާތަކީ ނިހާން ކަމަށެވެ. އަދި ދައުލަތަށް ނަގައިދިނުމަށް އެދިފައިވަނީ އެ ތަކެތި ކަމަށެވެ.
ނިހާނަށް ހަދިޔާއެއްގެ ގޮތުގައި ލިބުނު ރޮލްކްސް ގަޑިއަކީ ރިޝްވަތުގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް ދިން ގަޑިއެއް ކަމަށް ދައުލަތުން ވަނީ މީގެ ކުރިން ބުނެފަ އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ނިހާންގެ މައްޗަށް ވަނީ ހަ ދައުވާއެއް އުފުލައިފަ އެވެ. ނިހާންގެ މައްޗަށް ދައުލަތުން ކުރަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި މަނީ ލޯންޑަރިންގެ ދައުވާއަކާއި ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެކެވެ. އަދި މި މައްސަލައިގައި އުފުލާފައިވާ ދައުވާތަކާ ގުޅިގެން ނިހާން ކުށްކޮށްގެން ހޯދާފައިވާ ފައިސާ އަދި އެއާ އެއްކޮށް ހޯދައިފައިވާ މުދާ އަދި ފައިސާ ދައުލަތަށް ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.