ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކާއެކު ދުވަހަކުވެސް ކުރިއަށް ދެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލީޝަނުން ބުނެފިއެވެ.

އެމްޑީޕީއަށް މިހާރު އާ އިއްތިހާދެއް ބޭނުންވާ ކަމަށާއި، އެ އިއްތިހާދަކީ އިންޑިއާ އައުޓް ނުގޮވައި، ނަފުރަތުގެ ބިލަށް ތާއީދު ކުރާ، މިޔުޒިކު ހަރާމް ނުކުރާ، އަދި ކީރިތި ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށާއި، ރައީސް އަބުދުﷲ ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމް އާއި އެމްޑީޕީގެ ގިނަ މީހުން ތިބޭނީ އެގޮތަށް ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

ޕީޕީއެމް ކޯލީޝަނުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަކީ ފިކުރެއް ކަމަށާއި އެއީ ބިނާކުރަނިވި ފިކުރެއްގެ ގޮތުގައި ރައްޔިތުން ނިންމާފައިވާ ކަމަށެވެ. ހަމަ އެފަދައިން ރައީސް ނަޝީދަކީ ވެސް ފިކުރެއް ކަމަށާއި، ނަމަވެސް ރައީސް ނަޝީދުގެ ފިކުރާއި އެމްޑީޕީގެ ފިކުރު ބަލައިގެންފައި ވަނީ ފަނާ ކުރަނިވި ފިކުރުމުގެ ގޮތުގައި ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.

އެހެންކަމުން ޝިޔާމު ވިދާޅުވީ އެ ދެ ފިކުރަކީ އުޑާ ބިމާހާ ތަފާތު ދެ ފިކުރު ކަމަށެވެ. އެމްޑީޕީ އަދި ރައީސް ނަޝީދުގެ ފިކުރާއެކު ދުވަހަކުވެސް ޕީޕީއެމް ކޯލީޝަނަށް ކުރިއަށް ނުދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ، ޕީޕީއެމުން ގަބޫލު ކުރާ ސިޔާސަތުތަކާއި އެމްޑީޕީން ގަބޫލު ކުރާ ސިޔާސަތުތައް ތަފާތު ވާއިރު، ހާއްސަކޮށް ދީނީ ސިޔާސަތު ވަރަށް ބޮޑަށް ފުށުއަރާ ކަމަށެވެ.

އެގޮތުން "އިސްލާމްދީނުގައި ގަބޫލެއް ނުކުރަން މިންތަކެއް ހުރިކަމަކަށް، މެދުމިނުގެ އިސްލާމް ދީނެެއް ނޯންނާނެ އިސްލާމް ދީނަކީ އިސްލާމްދީން،" ކަމަށް ޝިޔާމު ވިދާޅުވިއެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމު ވިދާޅުވީ، ރައީސް ޔާމީން ދޫކޮށްލަން އެއްވެސް ޑީލެއް ހަދައިގެންވެސް ރައީސް ނަޝީދާއެކު މަސައްކަތް ނުކުރައްވާނެ ކަމަށެވެ.

ޕީޕީއެމަކީ ސިއްރު ޑީލް ހަދާ ޕާޓީއެއް ނޫން ކަމަށާއި، ކުރާ ކަމެއް އެ ޕާޓީން ކުރާނީ ސާފު މަގުން ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި، ފޮރުވައިގެން އަޑިއަޑިން ކުރާނެ ކަމެއް ނޯންނާނެ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ.