ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މިނިމަމް ވޭޖް ނުވަތަ މަސައްކަތްތެރީންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ، ސަރުކާރުން އިއުލާނު ކުރާނެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މި އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖު ކަނޑައަޅައި ތަންފީޒު ކުރުން ލާޒިމް ކޮށް ވަޒީފާއާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ފަންނީ ހުނަރު އިމްތިހާނުކޮށް ގައުމީ ސަނަދު ދިނުމަށް މިއަދު ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ޕަސެންޓޭޖްގެ ގޮތުން ބަލާއިރު ރާއްޖޭގެ އަންއެމްޕްލޮއިމެންޓް ރޭޓް މަތި ނޫން ކަމަށާއި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަވެފައި އޮތީ ވަޒީފާތަކުން ލިބޭ އާމްދަނީ ކުޑަވުމުގެ ޝަކުވާ ކަމަށެވެ.
އުންމީދަކީ ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މިނިމަމް ވޭޖެއް އިއުލާނު ކުރެވިގެން ދިއުން. ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހުންނާނެކަން އަޅުގަނޑު ގަބޫލުކުރަން އެހެން ނަމަވެސް އަލަށް ތައާރަފު ކުރެވިގެން ދިއުމަކީ ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް،" މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރު މުޅި ދުނިޔެ ވެސް އޮތީ އުނދަގޫ މަރުހަލާއެއްގައި ކަމަށްވީ ނަމަވެސް ސަރުކާރުން ފަސް ނުޖެހި އެކަން ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މަސައްކަތްތެރީންނަށް ހުރި ގޮންޖެހުންތައް ނައްތައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިޒަމާނާ ގުޅޭ ހިއުމަން ރިސޯސް ޑިވޮލޮޕްމެންޓެއް ރާއްޖޭގައި ބެހެއްޓުމަށްޓަކައި އިތުރަށް ކުރަމުން އަންނަ ކަމަކީ ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުން ކަން މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި އަހަރުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށް އޮކިއުޕޭޝަނަލް ސޭފްޓީ އަދި ހެލްތު އެންޑް ސޭފްޓީ ބިލެއް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަން ވެސް ފައްޔާޒު ފާހަގަކުރެއްވި އެވެ.
"އެވެސް ވެގެން ދާނީ ދިވެހިރާއްޖޭގައި ވަޒީފާގެ ބާޒާރުގައި ނުވަތަ މަސައްކަތްތެރީންނަށް އިތުރު ހައްގުތަކެއް ކަށަވަރުކުރެވިގެންދާނެ މަރުހަލާއަކަށް. ހަމަ އެއާއެކު ޓްރޭޑް ޔޫނިއަންގެ ބިލް ވެސް އަންނާނެ،" ފައްޔާޒު ވިދާޅުވި އެވެ.
މި އަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅައި ތަންފީޒުކުރަން ލާޒިމްވާއިރު، ގާނޫނުގައި ބުނާ ގޮތުން ދިރާސާތައް ކުރުމަށްފަހު މިނިވަމްވޭޖް ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓަރަށް ލަފާ އެރުވުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑެއް އުފައްދަން ޖެހެ އެވެ.
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް
މިނިސްޓަރު ފައްޔާޒް އިސްމާއިލް