ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި އެންމެ ނުފޫޒުގަދަ ލީޑަރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިވަގުތު ހުރި އެންމެ ނުފޫޒުގަދަ ލީޑަރެއްގެ ގޮތުގައި ފެންނަނީ ރައީސް ސޯލިިހު ކަމަށާއި އެކަން ސިޔާސީ އެންމެންވެސް ގަބޫލުކުރާނޭކަން ޔަގީން ކަމަށެވެ.

"ބަޔަކު ޕާޓީއެއް ހެދިޔަސް، އަމިއްލަ ޕާޓީ ތެރެއިން ބޮޑާ ހޭކިޔަސް، އިދިކޮޅުން ރައްދެއް ދިނަސް އަމާޒުވަނީ ރައީސް ސޯލިހު އާއި 2023އާ އަޅުވާފަ،" މޫސަ ވިދާޅުވިއެވެ.

މޫސަ މިގޮތަށް ވިދާޅުވެފައިވާއިރު، ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވަޓްސްއެޕް ގްރޫޕަށް ނަޝީދު މިއަދު ފޮނުއްވި މެސެޖްތަކެއްގައި ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު މައްސަލައެއް ނުޖެހޭނެ ކަމަށާއި ދުވަހަކުވެސް ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާއި އެމަނިކުފާނާ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވަނީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ރައީސް ސޯލިހާ ޒާތީ ނުވުމަށާއި ރައީސް ސޯލިހަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފައެވެ.

އެމަނިކުފާނު ވިދާޅުވީ ދުވަހަކުވެސް ވެރިކަން ނުލިބުނު ނަމަވެސް މި ސަރުކާރާއެކު ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކޯލިޝަނަކާއެކު މަސައްކަތް ކުރުމަށް ކަމަށާއި އެއީ ޕީޕީއެމް ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.