އެމްޑީޕީ މެންބަރުން ހިތްހަމަ ނުޖެހުނުޖ ނަމަވެސް، ދީނީ މެދުމިނަށް ތާއީދުކުރާ ނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީއަށް އެދޭނެ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވިދާޅުވީ ދުވަހަކުވެސް ވެރިކަން ނުލިބުނު ނަމަވެސް މި ސަރުކާރާއެކު ހުންނަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތު ގެންގުޅޭ ކޯލިޝަނަކާއެކު މަސައްކަތް ކުރުމަށް ކަމަށާއި އެއީ ޕީޕީއެމް ކަމުގައި ވިޔަސް އެކަމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބައެއް މެމްބަރުން ހިތްހަމަ ނުޖެހުނު ނަމަވެސް އެމަނިކުފާނު ކުރައްވާނެ ކަމެއް ނެތް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެހީއަށް އެދިވަޑައިގަންނަވާނެ ކަަމަށް ވެސް ވިދާޅުވިއެވެ.
"އެމްޑީޕީ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް އަޅުގަނޑު ކުރާނެ ކަމެއްނެތް. ރައީސް ޔާމީނާއި ޕީޕީއެމުން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އަޅުގަނޑު އެބޭފުޅުންގެ އެހީއަށް އެދޭނަން،" ނަޝީދު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕްގައި ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ ރައީސް ސޯލިހާއި އެމަނިކުފާނު މައްސަލައެއް ނުޖެހޭނެ ކަމަށާއި ދުވަހަކުވެސް ނުވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާއި އެމަނިކުފާނާ ފިކުރީ ގޮތުން ހިޔާލު ތަފާތު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޒާތީ ކަންކަމުގައި އަބަދުވެސް އުޅޭނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ އިބޫ ދޮންބެ އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާއާ އެކު ސިޔާސީ ގޮތުން ހުރެވޭކަށް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ރައީސް ސޯލިހާ ޒާތީ ނުވުމަށާއި ރައީސް ސޯލިހަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރުމަށް އެދިވަޑައިގެންފައެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ވެރިކަން ބޭނުން ނޫން ކަމަށާއި އެކަން ކުރެވިއްޖެ ކަމަށެވެ. ނުކުރެވޭ އެއް ކަމެއްވެސްނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް ސޯލިހް ހުންނެވީ ތާށިވެފައި ކަމަށެވެ.
މިކަމާ ގުޅިގެން އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެމްޑީޕީގެ އެއްވެސް ފެކްޝަނަކާއެކު އިދިކޮޅު ކޯލިޝަނުން ދުވަހަކުވެސް މަޝްވަރާއަކަށް ނުދާނެ ކަމަށާއި އެމްޑީޕީއާއެކު ދުވަހަކުވެސް މަސައްކަތް ނުކުރާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު