ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދާ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުން ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ނިންމައިފި އެވެ.

އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށްފަހު ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހައިކޯޓުން އަލީ ވަހީދުގެ މައްސަލަ ބޭރުކޮށްލީ، އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައެޅުމަށްފަހުގަ އެވެ.

އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ޕީޖީ އޮފީހުން ވަނީ 'ވަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ، އަލީ ވަހީދު އަޑުއެހުމަށް އޮންލައިންކޮށް ވެންނެވީ ހައިކޮމިޝަނަށް ހާޒިރުވެގެން ކަން ސާފު ނުވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ޝަރީއަތުގައި ބައިވެރިވަނީ، ރާއްޖޭގެ ޖޫރިސްޑިކްޝަނުން ބޭރުގައި ހުރެގެން ކަމަށް ބެލެވޭތީ ދައުލަތުން އެކަމަށް އިއުތިރާޒު ކުރީ ކަމަށެވެ.

އަލީ ވަހީދު ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީން ކޮށްދިނުމަށް އެދި ޕީޖީ އޮފީހުން ވަނީ ފޮރިން މިނިސްޓްރީއަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގެ ޖަވާބުގައި އެ މިނިސްޓްރީން ވަނީ ޝަރީއަތުގެ އަޑުއެހުމުގައި ބައިވެރިވުމަށް އަލީ ވަހީދު ލަންޑަނުގައި ހުންނަ ހައިކޮމިޝަނަށް ހާޒިރުވިކަން ޔަގީންކޮށްދީފައެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ ރާއްޖޭގެ ގާނޫނު ނުހިނގާ ތަނެއްގައި ހުރި މީހެއްގެ މައްޗަށް ވީޑިއޯ ކޮންފަރެންސްކޮށް ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވި މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަންނަ ކަމަކަށް ނުވާތީ އެގޮތަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށްވެސް ބުންޏެވެ.